Roadha Mihaaru
"މަމެން" އިންޓަ ސްކޫލް ބައިސްކަލު ރޭސް ނިންމާލައިފި

"މަމެން" އިންޓަ ސްކޫލް ބައިސްކަލު ރޭސް ނިންމާލައިފި

18 ސެޕްޓެމްބަރ 2022

ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ ތިން ވަނަ "މަމެން" އިންޓަ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް އިއްޔެ ނިންމާލައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ ތިން ވަނަ "މަމެން" އިންޓަ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް އިއްޔެ ނިންމާލައިފި އެވެ.

ނިމުނު ހަފްތާ ބަންދުގައި އެ ރޭސް ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލެ 2 ގެ ސައިކްލިން ޓްރެކްގަ އެވެ.

އެއީ ރާއްޖޭގައި ބޭއްވުނު އެންމެ ފުރަތަމަ 100 ޕަސެންޓް ސޯލާ ޕަވާޑް އިވެންޓް ކަމަށް ދިރާގުން ބުންޏެވެ. އެގޮތުން، އެ ހަރަކާތުގައި ބޭނުންކުރި ކަރަންޓު ނަގާފައިވަނީ އިރުގެ އަލިން ހަކަތަ އުފައްދާ، ޕޯޓަބަލް ޕަވާ ސްޓޭޝަންތަކަކުންނެވެ.

އެ މުބާރާތް ކުރިއަށް ދިޔައީ ފަސް އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އޭގެތެރޭގައި ހިމެނެނީ، 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 15 އަހަރުން ދަށާއި، 17 އަހަރުން ދަށް އަދި 19 އަހަރުން ދަށެވެ.

މިއަހަރުގެ މުބާރާތުގައި ރާއްޖޭގެ 32 ސްކޫލަކުން 1000 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ. އޭގެތެރެއިން 11 އަހަރުން ދަށުގެ އުމުރުފުރައިން 450 އަށް ވުރެ ގިނަ ކުޑަކުދިން ވަނީ "އެއް ކިލޯ މީޓަރު ފަން ރައިޑް" ގައި ބައިވެރިވެފަ އެވެ. ފަން ރައިޑުގެ ހުރިހާ ކުދިންނަށް މެޑަލް ހަވާލުކުރި ކަމަށް ދިރާގުން ބުންޏެވެ.

ރޭހުގައި ވާދަކުރި ކޮންމެ އުމުރުފުރާއަކުން ޗެމްޕިއަނަކާއި އަދި ކޮންމެ ޓީމް ޕާސޫޓްގެ އުމުރުފުރާއަކުން ތިން ޗެމްޕިއަން ޓީމް ހޮވި އެވެ. އަދި ކޮންމެ އުމުފުރާއަކުން ޗެމްޕިއަން ސްކޫލެއް ވެސް ހޮވި އެވެ.

"ފަން ރައިޑް" ފިޔަވައި ދެން ހުރި ވާދަވެރި ކެޓަގަރީތަކުން އަންހެން އަދި ފިރިހެން ބައިވެރިންގެ ތެރެއިން ވަނަތައް ހޮވައި، އެ ކުދިންނަށް ހަނދާނީ ލިއުމާއި ފިލާ ދޭނެކަމަށް ބައިކް މޯލްޑިވްސް އިން ވަނީ ބުނެފަ އެެވެ. މި މުބާރާތުގެ އިނާމު ދިނުން އޮންނާނީ މި ހަފްތާގެ ފަހުކޮޅުގަ އެވެ.

"މަމެން" އިންޓަސްކޫލް ސައިކްލިން ޗެމްޕިއަންޝިޕްގެ ތިން ވަނަ މުބާރާތް ކުރިން ބާއްވަން ހަމަޖެހިފަ އޮތީ 2020 ވަނަ އަހަރު އެވެ. ނަަމަވެސް، ކޮވިޑްގެ ދުވަސްވަރު ދިމާވި ދަތިތަކާ ހެދި އެ މުބާރާތް ބޭއްވުން ފަސްކުރީ ކަމަށް ދިރާގުން ބުންޏެވެ.