Roadha Mihaaru
"މަމެން" ސައިކްލިން ޗެމްޕިއަންޝިޕް މިމަހު 17 ގައި

"މަމެން" އިންޓަސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް މި މަހު 17 ގައި؛ ރަޖިސްޓަ ވާން ހުޅުވާލައިފި

01 ސެޕްޓެމްބަރ 2022

ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން ބާއްވާ "މަމެން" އިންޓަސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް 2022، މިމަހު 17 ގައި ބާއްވަން ދިރާގުން ނިންމައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން ބާއްވާ "މަމެން" އިންޓަސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް 2022، މިމަހު 17 ގައި ބާއްވަން ދިރާގުން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ރާއްޖޭގައި ހިންގާ ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވަން ހަމަޖެހިފައިވާ މި މުބާރާތް ރަސްމީކޮށް އިފްތިތާހުކުރީ މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ހުޅުމާލެ 2 ގައި އެއް ދުވަހަށް ބާއްވާ މުބާރާތަކީ ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން ބާއްވާ މިފަދަ ތިންވަނަ މުބާރާތެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާއިރު، ޝައުގުވެރިވާ ކުދިން އަންނަ ބުރާސްފަތި ދުވަހުގެކުރިން ރަޖިސްޓްރީ ވާން ޖެހޭނެ ކަމަށް ދިރާގުން ބުންޏެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިކް މޯލްޑިވްސްގެ ޗެއާމަން ޒުލޭހާ ހަސަން ދީދީ ވިދާޅުވީ މި މުބާރާތް ބޭއްވުމުގެ މަގްސަދަކީ ކުޑަކުދިންގެ މެދުގައި ބައިސިކަލް ދުއްވުމަށް އޮތް ޝައުގުވެރިކަން އިތުރުކުރުމާއި ސައިކްލިންގެ ބައިންއަލްއަގްވާމީ މުބާރާތްތަކަށް ދިވެހި ކުދިން ތަމްރީންކުރުން ކަމަށެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގު އަދި ބައިކްމޯލްޑިވްސް ގެ އިސްވެރިން ---ފޮޓޯ: ދިރާގު

ދިރާގު ހެޑް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގު އަދި ބައިކްމޯލްޑިވްސް ގެ އިސްވެރިން ---ފޮޓޯ: ދިރާގު

"އަޅުގަނޑުމެންނަކީ މިހާރު ޔޫސީއައި (ޔޫނިއަން ސައިކްލިން އިންޓަނޭޝަނަލް) ގެ މެންބަރެއް. ބައިނަލްއަގްވާމީ ބައިސްކަލު ދުއްވާ މުބާރާތްތަކުގައި ބައިވެރިވާން ވަރަށް ގިނައިން ދައުވަތު ލިބޭ. އެހެންނަމަވެސް، އެފަދަ މުބާރާތްތަކުގައި ބައިވެރިވާނެ ރަނގަޅު ދަރިވަރުން ތަމްރީނުކުރެވިފައި ނެތުމަކީ އަޅުގަނޑުމެންނަށް ދިމާވެފައި އޮތް ވަރަށް ބޮޑު ދަތިކަމެއް،" ޒުލޭހާ ވިދާޅުވި އެވެ.

މި މުބާރާތް ކުރިއަށް ދާނީ ފަސް އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އޭގެތެރޭގައި ހިމެނެނީ، 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 15 އަހަރުން ދަށާއި، 17 އަހަރުން ދަށް އަދި 19 އަހަރުން ދަށެވެ.

މުބާރާތުގެ އުމުރުފުރާތަކާއި ކެޓަގޮރީތައް ބެހިފަ ވާގޮތް

މުބާރާތުގެ އުމުރުފުރާތަކާއި ކެޓަގޮރީތައް ބެހިފަ ވާގޮތް

އެގާރަ އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންނަށް ހާއްސަކޮށްގެން އޮތީ ހަމައެކަނި "ފަން ރައިޑް" އެކެވެ. އެ އުމުރުފުރާގެ ކުދިންނަށް ތިން ފުރޮޅުލީ ބައިސްކަލު ވެސް ބޭނުން ކުރެވޭނެ އެވެ.

ބާކީ ހުރި ހުރިހާ އުމުރުފުރާއަކުން ވެސް 200 މީޓަރުގެ ސްޕްރިންޓް ރޭހެއް ޖަހާނެ އެވެ. އޭގެ އިތުރުން، 13 އަހަރުން ދަށާއި، 15 އަހަރުން ދަށުގެ ކުދިން 1،000 މީޓަރު ދުއްވަން ހަމަޖެހިފާ ވާއިރު، 17 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ކުދިން 3000 މީޓަރަށް ދުއްވަން ވަނީ ހަމަޖެހިފަ އެވެ. އަދި މުބާރާތުގެ ބައިވެރިވާ ހުރިހާ ދަރިވަރުންގެ "ޓީމް ޕަސޫޓް" އެއްވެސް ކުރިއަށް ދާނެ އެވެ.

"ފަން ރައިޑް" ފިޔަވައި ދެން ހުރި ވާދަވެރި ކެޓަގަރީތަކުން އަންހެން އަދި ފިރިހެން ބައިވެރިންގެ ތެރެއިން ވަނަތައް ހޮވައި، އެ ކުދިންނަށް ހަނދާނީ ލިއުމާއި ފިލާ ދޭނެކަމަށް ބައިކް މޯލްޑިވްސް އިން ބުންޏެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ މަމެން ބައިސްކަލު ދުއްވުމުގެ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއަޔާގެ ދެކަނބަލުންނާއި ދައުލަތުގެ ބައެއް އިސްވެރިންނާ އެކު އިވެންޓްގެ ބައިވެރިންނާ ދަރިވަރުން ފޮޓޯއަކަށް ހުއްޓިލައިން ---ފޮޓޯ؛ ދިރާގު

ދެހާސް ނަވާރަ ވަނަ އަހަރުގެ މަމެން ބައިސްކަލު ދުއްވުމުގެ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއަޔާގެ ދެކަނބަލުންނާއި ދައުލަތުގެ ބައެއް އިސްވެރިންނާ އެކު އިވެންޓްގެ ބައިވެރިންނާ ދަރިވަރުން ފޮޓޯއަކަށް ހުއްޓިލައިން ---ފޮޓޯ؛ ދިރާގު

"މި ހަރަކާތް ކުރިއަށް ގެންދިއުމުގައި ޑިވެލޮޕްމަންޓް ޕާޓްނަރެއްގެ ގޮތުގައި ބައިކް މޯލްޑިވްސް އަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގުގެ ބްރޭންޑް އެސިސްޓަންޓް މެނޭޖަރު، ނައިޔާ ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޒުވާން އުމުރުގައި ދުޅަހެޔޮ އަދި ދެމެހެއްޓެނިވި ދިރިއުޅުމެއްގެ މުހިންމުކަން ޕްރޮމޯޓްކުރާއިރު ސްކޫލްކުދިން ބައިސްކަލު ދުއްވަން ޝައުގުވެރިކަން އިތުރުކުރުމަށް އުންމީދުކުރާ ކަމަށެވެ.

"މަމެން" އިންޓަސްކޫލް ސައިކްލިން ޗެމްޕިއަންޝިޕްގެ ތިން ވަނަ މުބާރާތް ކުރިން ބާއްވަން ހަމަޖެހިފަ އޮތީ 2020 ވަނަ އަހަރު އެވެ. ނަަމަވެސް، ކޮވިޑްގެ ދުވަސްވަރު ދިމާވި ދަތިތަކާ ހެދި އެ މުބާރާތް ބޭއްވުން ފަސްކުރީ ކަމަށް ދިރާގުން ބުންޏެވެ.

މި އަހަރުގެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުން ރަޖިސްޓްރީ ވާނީ ގޫގްލް ފޯމް މެދުވެރިކޮށެވެ. އެ ދަރިވަރަކު ނިސްބަތްވާ ސްކޫލަކުން އެ ފޯމް ފޯރުކޮށްދޭނެ ކަމަށާއި ދިރާގު އަދި ބައިކް މޯލްޑިވްސްގެ ސޯޝަލް މީޑިއާއިން ވެސް އެ ފޯމް ލިބޭން ހުންނާނެ ކަމަށް ދިރާގުން ބުންޏެވެ.