Roadha Mihaaru
އޯކިޑް މަގުގެ ޕާކިން ނަގައި ޕާކިން ޒޯނެއް ހަދައިފި

އޯކިޑް މަގުގެ ޕާކިން ނަގައި ޕާކިން ޒޯނެއް ހަދައިފި

18 ސެޕްޓެމްބަރ 2022

މިނީ ބަހުގެ ހިދުމަތަށް އޯކިޑް މަގުގެ ޕާކިން ނަގައި، އޭގެ ބަދަލުގައި 65 ވެހިކަލް ޕާކުކުރެވޭނެ ޖާގަ ހަދައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މިނީ ބަހުގެ ހިދުމަތަށް އޯކިޑް މަގުގެ ޕާކިން ނަގައި، އޭގެ ބަދަލުގައި 65 ވެހިކަލް ޕާކުކުރެވޭނެ ޖާގަ ހަދައިފި އެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ އޯކިޑް މަގުގެ ޕާކިން ނަގައި އޭގެ ބަދަލުގައި ޕާކުކުރެވޭނެ އިންތިޒާމު ހަމަޖައްސާފައި ވަނީ މ. ސްޓާލިން ގޭގައި ކަމަށެވެ.

ވެހިކަލް ޕާކުުކުރުމަށް ކުރަހާ މިހާރު ނިމިފައިވާއިރު އެތަނުގައި 50 ސައިކަލާއި 15 ކާރު ޕާކުކުރެވޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މީގެ ދެ ހަފްތާ ކުރިން މާލޭގައި ބަހުގެ ހިދުމަތް ފެށުމަށް މަޖީދީ މަގުގެ ޕާކިން އެއްކޮށް ވަނީ ނަގައިފަ އެވެ. ފަހުން އަމީނީ މަގުގެ ޕާކިން ނަގައި އިތުރު ޕާކިން ޒޯނުތައް ހެދުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެެވެ.

ކުރިން މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ޕާކިން ނަގައި އިތުރު ބިންތައް ސަރުކާރުން ހަމަޖައްސައިދިންހާ އަވަހަކަށް ޕާކިން ޒޯނުތައް ހެދުމުގެ މަސައްކަތް ކައުންސިލުން ކުރާނެ އެވެ.

މިފަހުން އަމީނީ މަގުގައި ހަދާފައިވާ ޕާކިން ޒޯނަކީ މީގެ ކުރިން އެ މަގުގައި މާކު ކުރުމަށް އޮންނަ ޖާގައަށް ވުރެ އިތުރަށް ޕާކުކުރެވޭނެ ބޮޑު ޒޯނެކެވެ. އަމީނީ މަގުން މާފަންނު ސްޓޭޑިއަމް ސަރަހައްދުން އެއް ބައިގައި ހަދާފައިވާ ޕާކިން ޒޯނުގައި 335 ސައިކަލު ޕާކުކުރެވޭނެ އެވެ.

ވެހިކަލްތަކުން ފުރިފައިވާ މާލޭގެ ބޮޑެތި މަގުތަކުގައި ޕާކިން ޒޯނު ނުހަދައި ޕާކުކުރުން މަނާކުރުމުން މަގުގެ އެއް ފަޅީގައި ޕާކުކޮށްފައި ހުންނަ މަންޒަރު ވެސް ފެނުނެވެ. އެކަމަކު އެގޮތަށް ވެހިކަލް ބަހައްޓާއިރު މިނީ ބަސް ދަތުރުކުރަން އުނދަގޫވާ ގޮތަށް ވެހިކަލްތައް ހުންނަ މައްސަލަ ބޮޑުވެ ފަހުން ފުލުހުން ވަނީ ސްޓިކާ ޖަހައި ވެހިކަލް ޓޯކުރަން ފަށަައިފަ އެވެ.