Roadha Mihaaru
މަޖީދީ މަގުގައި ޕާކުކުރުން މަނާ!

މަޖީދީ މަގުގައި ޕާކުކުރުން މަނާ!

14 އޯގަސްޓް 2022

މަޖީދީ މަގުގެ އެއްވެސް ހިސާބެއްގައި ވެހިކަލް ޕާކުކުރުން ސަރުކާރުން މަނާކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މަޖީދީ މަގުގެ އެއްވެސް ހިސާބެއްގައި ވެހިކަލް ޕާކުކުރުން ސަރުކާރުން މަނާކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުން މިހާރު ވަނީ މަޖީދީމަގުގެ ދެ ފަރާތުގައި ވެސް ޕާކްކުރުން މަނާކަން އަންގައިދޭ ރޮނގު ދަމައިފަ އެވެ. އަދި އެ ތަންތަނުގައި ޕާކު ނުކުރެވޭނެކަން އެނގުމަށް "ނޯ ޕާކިން" ކޯން ވެސް ފުލުހުން މިހާރު ވަނީ ބަހައްޓައިފަ އެވެ.

މަޖީދީ މަގުގެ ބައެއް ހިސާބުތަކުގައި ކުރިން ޕާކު ކުރެވެ އެވެ. އެކަމަކު ޕާކިން ޒޯންތައް ހުންނަ ހިސާބުތަކުގައި، އެ ތަނާ ކައިރީގައި އެ މަގުގައި ޕާކު ނުކުރެވެ އެވެ.

މަޖީދީމަގުގައި ޕާކުނުކުރެވޭ ގޮތް ހަދައިފައި: ޕާކު ނުކުރެވޭ ގޮތް ހެދީ ސަރުކާރުން އެދިގެން މިނީ ބަހުގެ ހިދުމަތް ފެށުމަށް -- ފޮޓޯ: ނިޝާން އަލީ | މިހާރު

މަޖީދީމަގުގައި ޕާކުނުކުރެވޭ ގޮތް ހަދައިފައި: ޕާކު ނުކުރެވޭ ގޮތް ހެދީ ސަރުކާރުން އެދިގެން މިނީ ބަހުގެ ހިދުމަތް ފެށުމަށް -- ފޮޓޯ: ނިޝާން އަލީ | މިހާރު

މަޖީދީ މަގުގައި ޓްރެފިކް ނިޝާންތައް ރަނގަޅު ކުރުމުގެ މަސައްކަތް ވެސް ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ.

މާލޭގެ އެންމެ ކާރޫބާރޫ ބޮޑު، އަދި އެންމެ ގިނަ އަދަދަކަށް ފިހާރަތައް ހުންނަ މަޖީދީ މަގުގައި ޕާކުކުރުން މަނާކުރި ސަބަބާ ގުޅޭ ގޮތުން ސިޓީ ކައުންސިލްގެ ބަހެއް އަދި ނުލިބެ އެވެ. ކުރިން ވެސް އޮތީ މަޖީދީ މަގުގެ ބައެއް ސަރަހައްދުތަކުގެ ޕާކިން ޒޯނުތައް ނަަގައިފަ އެވެ.

އެ ކައުންސިލުން ކުރި ބުނި ގޮތުގައި މާލޭގައި އެމްޓީސީސީން މިނީ ބަހުގެ ހިދުމަތް ފެށުމަށް، ސަރުކާރުން އެދިގެން މާލޭގެ ބޮޑެތި މަގުތަކުގައި ޕާކު ނުކުރެވޭ ގޮތް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ މަޖީދީ މަގާއި އަމީނީ މަގާއި ފަރީދީ މަގާއި އަދި އޯކިޑް މަގެވެ.

އެ މަގުތަކުގައި މިހާރު އަންނަނީ ބަސް ސްޓޮޕްތައް ގާއިމުކުރަމުންނެވެ.

މިނީ ބަހުގެ ދަތުރުތައް މާލޭގައި ފެށުމަށް މަގުތަކުގެ ޕާކިން ޒޯންތައް ނަގައި އެ ތަންތަނުގެ ބަދަލުގައި މިހާރު ހަތަރު ސަރަހައްދަކުން ބިން ވެސް ހަމަޖައްސައިދީފައި ވެ އެވެ.

ޕާކިން ޒޯން ހަދަން ހަމަޖެއްސި ބިންތައް

ހ. ސަމޯސާވިލާ ގޭގެ ބިމުން ތަންކޮޅެއް

- އެކުވެނި ޓްރެކް ކައިރިން ދެ ތަނެއް

- ދަރުބާރުގެ ކައިރި

- ރަސްފަންނު ކައިރީގައި އޮންނަ ކޮރަލް ބޮލެވާޑު ކައިރިން ތަންކޮޅެއް

ސަރުކާރުން ފުރަތަމަ މަސައްކަތް ކުރީ ޖުލައި 31ގެ ކުރިން މާލޭގައި މިނީ ބަހުގެ ހިދުމަތް ފަށާށެވެ. ނަމަވެސް އެ ދަތުރުތައް ފެށޭނީ ތިން ހަފުތާގެ ތެރޭގައި ކަމަށް، މިދިޔަ މަހުގެ 28 ގައި ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެފައިވެ އެވެ.