Roadha Mihaaru
"އެންމެ އިންޑަސްޓްރީއަކަށް ބަރޯސާވުން ދޫކޮށްލަން ޖެހޭ"

އެންމެ އިންޑަސްޓްރީއަކަށް ބަރޯސާނުވެ، ޑައިވާސިފައި ކުރުމަށް އިސްކަން ދޭން ޖެހޭ: ނައިބު ރައީސް

20 ސެޕްޓެމްބަރ 2022

ރާއްޖޭގެ އިގުތިސޯދު ކުރިއެރުވުމަށް ޓަކައި، ވަކި އިންޑަސްޓްރީއަކަށް ބަރޯސާ ނުވެ ޑައިވާސިޓީއަށް އިސްކަން ދޭން ޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އާލިމް އަބްދުއްލަތީފް އާލިމް އަބްދުއްލަތީފް

ރާއްޖޭގެ އިގުތިސޯދު ކުރިއެރުވުމަށް ޓަކައި، ވަކި އިންޑަސްޓްރީއަކަށް ބަރޯސާ ނުވެ ޑައިވާސިޓީއަށް އިސްކަން ދޭން ޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ވިލާ ކޮލެޖުން ދަސްވެނިވި ދަރިވަރުންގެ ތެރެއިން ހައި އެެޗީވާސް އެވޯޑް ހާސިލުކުރި ދަރިވަރުންނަށް އެވޯޑް ދިނުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ކޮވިޑް-19ގެ ދުވަސްވަރު ވެސް ރާއްޖޭގެ އިގްތިސޯދަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އެންމެ ސިނާއަތަކަށް މާ ބޮޑަށް ބަރޯސާ ވުން ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ރާއްޖޭގެ އެންމެ އިންޑަސްޓްރީއަކަށް، ސިންގަލް އިންޑަސްޓްރީ ޑިޕެންޑެންސީ އޮތުމުގެ ސަބަބުން ވެސް މައްސަލަތަކެއް އޮތް. އެހެންވީމަ މިއަދު އަޅުގަނޑުމެން އެބަޖެހޭ ޕޮސިޓިވް އިކޮނޮމިކް ގްރޯތަކަށް ވިސްނާކަމަށް ވަންޏާ ޑައިވާސިފައި ކުރުމަށް މަސައްކަތްތަކެއް ކުރަން،" ނައިބު ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ހުރިހާ ދާއިރާއަކަށް ވެސް ހާއްސަ ސަމާލުކަމެއް ދީގެން މީހުން ބިނާކޮށް، އަންނަ ކޮންމެ ޝޮކަކުން އެހާ ބޮޑު ލޮޅުމެއް ނާންނަ ވަރަށް ރެސިލިއަންޓް ކޮމިއުނިޓީއެއް އުފެއްދުމަށް އާ ވިސްނުންތަކެއް ނެރެން ޖެހޭ ކަމަށެވެ.

މިއަދު ވެސް ރާއްޖެ އޮތީ ޓުއަރިޒަމް އިންޑަސްޓްރީއަަށް ވަރަށް ބޮޑަށް ބަރޯސާވެފައި ކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ ރާއްޖޭގައި ހުރި ވަސީލަތްތައް ހޯދައި ކުރެވެން އޮތް އެއްވެސް ކަމެއް ދޫނުކޮށް ކުރަން އެބަ ޖެހޭ ކަމަށެވެ.

"އަޅުގަނޑު ދަންނަވަން އޮތީ ތިޔައިން ކޮންމެ ބޭފުޅަކު ވެސް ބައްލަވާށޭ ތިމަންނާއަށް ކޮށްދެވެން އޮތީ ކޮންކަމެއްތޯ. ގައުމީ ފެންވަރުގައި ވިޔަސް، އަތޮޅު ފެންވަރުގައި ވިޔަސް އަދި ރަށު ފެންވަރުގައި ކަމަށް ވިޔަސް ހިދުމަތެއް ކުރުމަކީ ތިމާއަށް ލިބޭ އުފަލެއްގެ ގޮތުގައި ހަދަމާ ހިނގާށޭ،" ނައިބު ރައީސް ވިދާޅުވި އެވެ.

ވިލާ ކޮލެޖުގެ ހައި އެޗީވާސް އެވޯޑް ލިބުނު ދަރިވަރަކަށް ނައިބު ރައީސް ފައިސަލް ނަސީމު އެވޯޑް ހަވާލުކުރައްވަނީ -- ފޮޓޯ | ރައީސް އޮފީސް

ވިލާ ކޮލެޖުގެ ހައި އެޗީވާސް އެވޯޑް ލިބުނު ދަރިވަރަކަށް ނައިބު ރައީސް ފައިސަލް ނަސީމު އެވޯޑް ހަވާލުކުރައްވަނީ -- ފޮޓޯ | ރައީސް އޮފީސް

މީގެ އިތުރުން، ރާއްޖޭގައި އިޖުތިމާއީ ގިނަ މައްސަލަތަކެއް ވެސް އެބަހުރި ކަމަށާއި އެ މައްސަލަތައް ހައްލު ކުރެވޭނީ ތައުލީމީ ގަދަރުވެރި އިލްމީ ބޭފުޅުން ނަމޫނާ ދައްކަވައިގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މިރޭގެ ހަފްލާގައި ވަނީ ގާސިމް އިބްރާހިމް އެވޯޑް ފޯ އެކްސެލެންސް ހާސިލުކުރި 22 ދަރިވަރުންނަށް ވަނީ އެވޯޑް ދީފަ އެވެ. އަދި ވިލާ ކޮލެޖުގެ ގޯލްޑް މެޑަލް އަދި އިންޑަސްޓްރީ ޕްރައިޒްް ހާސިލުކުރި 42 ދަރިވަރަކަށާއި އޭސީސީއޭ ނެޝަނަލް ރެސިޑެންޓް ޕްރައިޒް ހާސިލުކުރި ހަތް ދަރިވަރުންނަށާއި ވިލާ ކޮލެޖުގެ ބުކް ޕްރައިޒް ހާސިލުކުރި 107 ދަރިވަރުންނަށް ވަނީ އެވޯޑް ދީފަ އެވެ.

ފާއިތުވެދިޔަ ފަސް ދުވަހު ވިލާ ކޮލެޖުގެ ދަސްވެނިވުމުގެ ހަފްލާތައް ބޭއްވި އިރު ޖުމުލަ 1074 ދަރިވަރުން ވަނީ ދަސްވެނިވެފަ އެވެ. މި އަދަދާއެކު ވިލާ ކޮލެޖުން ދަސްވެނިވި ދަސްވެނިންގެ އަދަދު މި ވަނީ 15،899 އަށް އަރައިފަ އެވެ.

ވިލާ ކޮލެޖުގައި 40 ދާއިރާއަކުން 161 ކޯސް މިހާރު ހިންގަ އެވެ.