ލަންޑަން (ސެޕްޓެމްބަރު 21) - ޔުއެފާ ނޭޝަންސް ލީގުގައި ވާދަކުރާ އިނގިރޭސި ގައުމީ ޓީމުގެ ސްކޮޑުގައި ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން ހިމަނައިފި އެވެ.
21 ސެޕްޓެމްބަރ 2022
ލަންޑަން (ސެޕްޓެމްބަރު 21) - ޔުއެފާ ނޭޝަންސް ލީގުގައި ވާދަކުރާ އިނގިރޭސި ގައުމީ ޓީމުގެ ސްކޮޑުގައި ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން ހިމަނައިފި އެވެ.
ކޯޗު ގަރެތު ސައުތުގޭޓް އެންމެ ފުރަތަމަ ނެގި ސްކޮޑުގައި ހެންޑަސަން ނުހިމެނުނީ ހޭމްސްޓްރިންގް އަނިޔާއަކާ ގުޅިގެން ލިވަޕޫލުން އެންމެ ފަހުން ކުޅުނު ތިން މެޗު ވެސް އޭނާއަށް ގެއްލުމުންނެވެ. ނަމަވެސް އަނިޔާއިން ރަނގަޅުވެ، ފުރިހަމައަށް ޓްރެއިނިން ސެޝަންތަކުގައި މި ހަފްތާ އޭނާ ބައިވެރިވާން ފަށާނެ ކަމަށް ލިވަޕޫލުން ހާމަ ކުރުމާ އެކު، ސައުތުގޭޓް ވަނީ ހެންޑަސަން އަށް ޓީމުން ޖާގަ ދީފަ އެވެ.
އުމުރުން 32 އަހަރުގެ ހެންޑަސަން ވަނީ މިހާތަނަށް ގައުމީ ޓީމަށް 69 މެޗު ކުޅެ، ދެ ގޯލު ޖަހައިފަ އެވެ. އެންމެ ފުރަތަމަ އޭނާގެ ގޯލެއް ފެނުނީ ވެސް މިދިޔަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި، އޭނާ ގައުމީ ޓީމަށް ކުޅުނު 62 ވަނަ މެޗުގަ އެވެ. އަދި މިދިޔަ އަހަރު ވޯލްޑް ކަޕް ކޮލިފައިން މެޗެއްގައި ވެސް އޭނާ ގޯލު ޖެހި އެވެ. އަދި އޭނާ އެންމެ ފަހުން ގައުމީ ޓީމަށް ކުޅުނީ މި އަހަރުގެ މާޗު މަހު، ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގަ އެވެ.
ހެންޑަސަން އިންގްލެންޑް ޓީމަށް ނެގީ، ކޮނޑަށް އަނިޔާ ވުމުގެ ސަބަބުން ގައުމީ ޓީމުގެ ޖާގަ ދޫކޮށްލި މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ކެލްވިން ފިލިޕްސްގެ ބަދަލުގަ އެވެ.
ނޭޝަންސް ލީގުގައި އިންގްލެންޑުން އަންނަ ހުކުރު ދުވަހުގެ ރޭ މިލާނުގައި އިޓަލީއާ ދެކޮޅަށް ނުކުންނައިރު، ހޯމަ ދުވަހުގެ ރޭ ވެމްބްލީ ސްޓޭޑިއަމްގައި ޖަރުމަނާ ދެކޮޅަށް ނުކުންނާނެ އެވެ.
އިންގްލެންޑް ޓީމުން މިފަހަރު އަލަށް ޖާގަ ލިބުނީ، ބްރެންޓްފޯޑަށް ކުޅޭ އުމުރުން 26 އަހަރުގެ ފޯވާޑް އިވާން ޓޮނޭ އަށެވެ. ނަމަވެސް މެންޗެސްޓާ ޔުނައިޓެޑުގެ އާ ކޯޗުގެ އިތުބާރު ހޯދަމުން އަންނަ ފޯވާޑް ޖޭޑަން ސަންޗޯ އާއި މާކަސް ރަޝްފޯޑަށް، ސައުތުގޭޓުގެ ޓީމުން ޖާގައެއް ނުލިބުނެވެ.
މި މަހުގެ ކުރީކޮޅު ޔުނައިޓެޑުން އާސެނަލް ބަލިކުރި މެޗުގައި ދެ ގޯލު ޖެހި ރަޝްފޯޑަށް އެ މެޗުގައި އަނިޔާ ވެފައި ވީ ނަމަވެސް، އަންނަ މަހަށް އޭނާ މުޅިން ފިޓު ވާނެކަމަށް ޔުނައިޓެޑުން އުންމީދުގައި ތިބި އިރު، ސަންޗޯ ވަނީ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި ވެސް ލަނޑު ޖަހައިފަ އެވެ.
ނޭޝަންސް ލީގު އޭ ގެ ގުރޫޕް 3 ގައި އިންގްލެންޑު އޮތީ މިހާތަނަށް ކުޅުނު ހަތަރު މެޗުން ލިބުނު ދެ ޕޮއިންޓާ އެކު އެ ގުރޫޕުގެ ފުލުގަ އެވެ. މިހާތަނަށް ހަތް ޕޮއިންޓް ހޯދައިގެން ހަންގޭރީ އެއް ވަނައިގައި އޮތްއިރު، ދެ ވަނައިގައި އޮތީ ހަ ޕޮއިންޓް ހޯދާފައިވާ ޖަރުމަނެވެ. އަދި ތިން ވަނައިގައި އޮތް އިޓަލީ އަށް ވަނީ ފަސް ޕޮއިންޓް ލިބިފަ އެވެ.
އަންނަ އަހަރު ކުޅޭ ނޭޝަންސް ލީގުގެ ފައިނަލް ބުރަށް ހޮވޭނީ، ލީގު އޭ ގައި ހިމެނޭ ހަތަރު ގުރޫޕުން އެއް ވަނައަށް ދާ ޓީމުތަކެވެ. އަދި އެންމެ ފުލަށް ދާ ޓީމުތައް، 'ލީގު ބީ' އަށް ރެލިގޭޓް ވާނެ އެވެ.
ނޭޝަންސް ލީގުގެ އަލަތު މުބާރާތުގެ ތިން ވަނަ ހޯދި އިނގިރޭސި ގައުމީ ޓީމު، މިއަހަރު މެޗަކުން މޮޅު ނުވެ މިވަގުތު ގުރޫޕުގެ ފުލުގައި އޮތްއިރު، އެ ޓީމަށް ވަނީ މި މުބާރާތުގެ ފައިނަލް ބުރުން ޖާގަ ހޯދުމުގެ ފުރުސަތު ގެއްލިފަ އެވެ. އަދި އަންނަ ސީޒަނުގެ 'ލީގު އޭ' ގައި ދެމިއޮތުމަށް އިޓަލީ އާއި ޖަރުމަން ބަލިކުރުން މުހިއްމެވެ.
ޖޫން މަހު ފެށި ނޭޝަންސް ލީގުގައި އިންގްލެންޑުގެ ފުރަތަމަ މެޗުގައި ހަންގޭރީ އަތުން ބަލިވި އިރު، ޖަރުމަނާއި އިޓަލީ އަތުން ވަނީ އެއްވަރު ވެފަ އެވެ. އަދި އެންމެ ފަހުން، ހަންގޭރީއާ ކުޅުނު ދެ ވަނަ މެޗުގައި ވަނީ ރަފާތު ބޮޑުކޮށް ބަލި ވެފަ އެވެ.
ކޭން މިސާލު ނަގަނީ ރޮނާލްޑޯގެ ކެރިއާއިން
ލިވަޕޫލުގެ ފޭނުން ކިޔާ ލަވަ ސްލޮޓަށް ގަބޫލެއް ނުކުރެވޭ
ފުލުގައި އޮތް ޕްލިމައުތުން ލިވަޕޫލު ކަޓުވާލައިފި
ރެއާލުން ވަކިވާކަށް ނުނިންމަން: އަންޗެލޮޓީ
އެރިކްސަން މަރުވި އިރު ބޮޑު ދަރަންޏެއް
ލިވަޕޫލް ބަލިވެއްޖެ، ވެންޑައިކަށް ގޯސްވީ ރެފްރީ
މެޑްރިޑާ ގުޅޭ ވާހަކަތަކުން ޓްރެންޓަށް އަސަރެއް ނުކުރޭ
ލިވަޕޫލް އަތުން ޕޮއިންޓެއް ލިބުނަސް އަމޯރިމް ދެރަވެފައި
ޔުނައިޓެޑް ކުޅުންތެރިން ނަފްސާނީ އުނދަގޫ ކުރިމަތިވެފައި
ޓްރާންސްފާއެއްގައި ލިވަޕޫލަށް ރިވަޕްލޭޓް ޗެލެންޖަކަށް