21 ސެޕްޓެމްބަރ 2022
އަދުގެ ދުނިޔެ އޮތީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްޓި ވާވެފައި ކަމަށް، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އިއްޔެ ވިދާޅުވެއްޖެ އެވެ.
އަދުގެ ދުނިޔެ އޮތީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްޓި ވާވެފައި ކަމަށް، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އިއްޔެ ވިދާޅުވެއްޖެ އެވެ.
އދ.ގެ 77 ވަނަ އާންމު މަޖިލީހުގެ ޖަލްސާތައް ފައްޓަވައިދެއްވުމުގެ ގޮތުން، ނިއު ޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައި އިއްޔެ ދެއްވި ތަގުރީރުގައި ގުޓަރެސް ވިދާޅުވީ، ބައިނަލްއަގުވާމީ މުޖްތަމައުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރަން އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ ކަމަށެވެ. އަދި އިންސާނީ ދަރިފަސްކޮޅުގެ ކުރިމަގަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް، ގައުމުތައް ބޭނުންނުވާ ކަމަށާއި އެކަމަށް ތައްޔާރުވެސް ނުވާ ކަމަށެވެ.
ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައާ ވިދިގެން ކުރިމަތިވެފައިވާ އިގްތިސާދީ ނުތަނަވަސްކަމުގެ ތެރޭގައި، އާންމު މަޖިލީހުގެ ޖަލްސާތައް ފެށިގެން ކުރިއަށް ދާއިރު، އެންމެ ބޮޑަށް ބަހުސްކުރެވޭނެ އެއް މައުލޫއަކަށް ވާނީ އެ ހަނގުރާމަ އެވެ. ދުނިޔޭގެ ސުލްހަޔާއި އިގްތިސާދަށް ގޮންޖެހުންތަކެއް ކުރިމަތިވެފައި ވިޔަސް، ސެކްރެޓަރީ ޖެނެރަލްގެ ތަގުރީރު ފެއްޓެވީ އުންމީދުގެ ބަސްކޮޅަކުންނެވެ.
Our world is in big trouble.
— António Guterres (@antonioguterres) September 20, 2022
Let’s develop common solutions to common problems — grounded in goodwill, trust, and the rights shared by every human being.
Let’s work as one, as a coalition of the world. As united nations. pic.twitter.com/roRwCwUoay
ގުޓަރޭސްގެ ތަގުރީރު ފެއްޓެވީ، ޔޫކްރޭނުން ގޮވާމުގެ ބާވަތްތައް ހިފައިގެން ދަތުރަށް ފެށި، އދ. އިން ޗާޓަރުކުރި ފުރަތަމަ އާގުބޯޓުގެ ފޮޓޯއެއް ދައްކަވާލައްވަމުންނެވެ. މިދިޔަ ފެބްރުއަރީ މަހުގެ 24 ގައި ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމާއެކު، ޔޫކްރޭންގެ ކަނޑުގެ ބަނދަރުތައް ބަންދުކޮށް އިމްޕޯޓް އެކްސްޕޯޓް ވަނީ ހުއްޓިފަ އެވެ.
ދުނިޔޭގެ ބާޒާރަށް އެންމެ ގިނައިން ގޮވާމުގެ ބާވަތްތައް ނެރޭ އެއް ގައުމު ކަމަށްވާ ޔޫކްރޭންގެ އެކްސްޕޯޓް މެދުކެނޑުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ގޮވާމުގެ ބާވަތްތަކުގެ އަގުތައް ވަނީ އުފުލެން ފަށައިފަ އެވެ. އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ތުރުކީ ވިލާތާއި އދ. މަޖިލީހުން މެދުވެރިވެގެން، ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު، މިދިޔަ ޖުލައި 22 ވަނަ ދުވަހު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން، މިހާރުވަނީ ޔޫކްރޭނުން ގޮވާން ބޭރުކުރަން ފަށައިފަ އެވެ.
ޔޫކްރޭނުން ގޮވާން ބަރުކޮށްގެން ފުރި ފުރަތަމަ އާގުބޯޓުގެ މަންޒިލަކަށް އދ. އިން ހަދާފައިވަނީ ހޯން އޮފް އެފްރިކާ (ސޯމާލިއާ، އިތިއޮޕިއާ، އެރިޓްރިއާ، ޖިބޫތީ) ސަރަހައްދެވެ. އެ ގައުމުތަކަކީ، މިވަގުތު ކާޑުގެ ބާވަތްތަކަށް އެންމެ ބޮޑަށް ދަތިވެފައިވާ ގައުމުތަކެވެ.
ޔޫކްރޭނުން ގޮވާމުގެ ބާވަތްތައް އެކްސްޕޯޓްކުރަން ފެށުމުގެ އެއްބަސްވުމާ ގުޅޭ ގޮތުން، ގުޓަރެސް ވިދާޅުވީ ބައިނަލްއަގުވާމީ ސުލްހަ ދެމެހެއްޓުމަށް އޮތް ހަމައެކަނި މަގަކީ، މަޝްވަރާކޮށް ވާހަކަ ދެއްކުމާއި އެއްބާރުލުން ކަމަށެވެ. އަދި އެކަނިމާއެކަނި ގޮތް ކަނޑައެޅޭ ވަރުގެ އެއްވެސް ބާރެއް އަދި އެއްވެސް ޖަމާއަތެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއް ބައެއްގެ ގޮތުގައި، މުޅި ދުނިޔޭގެ ކޯލިޝަނެއްގެ ގޮތުގައި، އެކުވެރި ދައުލަތްތަކުގެ މަޖިލީހުގެ ގޮތުގައި އެންމެން މަސައްކަތް ކުރަމާ ހިނގާ. ތަރައްގީވެފައިވާ ގައުމުތަކާއި ތަރައްގީވަމުން އަންނަ ގައުމުތަކާ ދެމެދު، އުތުރާއި ދެކުނާ ދެމެދު، އެކި އިމްތިޔާޒުތައް ލިބިފައިވާ މީހުންނާއި އެނޫން މީހުންނާ ދެމެދު ހުރި ތަފާތުތައް މިހާރު އަންނަނީ އިތުރަށް ނުރައްކާތެރިވަމުން،" އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވި އެވެ.
މިހާރު ކުރިއަށް ދާ، އދ.ގެ 77 ވަނަ އާންމު މަޖިލީހުގެ ބައްދަލުވުންތަކަކީ، ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު، މެމްބަރު ގައުމުތަކުގެ ހުރިހާ ވެރިން، އާންމު މަޖިލީހަށް ވަޑައިގެން ތަގުރީރު ކުރައްވާ ފުރަތަމަ ބައްދަލުވުމެވެ. ޗައިނާގެ ވޫހާން ސަހަރުން 2019 ވަނަ އަހަރުގެ ފަހުކޮޅު ފެނުނު ކޮވިޑް-19 ބަލިމަޑުކަން މުޅި ދުނިޔެއަށް ފެތުރުމާ ގުޅިގެން، 2020، 2021 ވަނަ އަހަރުގެ ދެ ބައްދަލުވުމުގައި ބައެއް ގައުމުތަކުގެ ވެރިން ތަގުރީރުކުރެއްވީ ވީޑިއޯ ލިންކުގެ ޒަރީއާއިންނެވެ.
އާންމު މަޖިލީހުގެ މިދައުރުގެ ބައްދަލުވުންތަކުގައި މެންބަރު 193 ގައުމުގެ ވެރިންނާއި، ވެރިން ވަޑައިނުގަންނަވާ ގައުމުތަކުގެ ފަރާތުން މަންދޫބުން ތަގުރީރުކުރައްވާނެ އެވެ. މިމަހުގެ 20 ވަނަ ދުވަހު ފެށުނު، ވެރިންގެ ތަގުރީރުކުރެއްވުން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.
ތެލަށް 65 މިލިއަން ޑޮލަރު ހޭދަވެއްޖެ:ރައީސް
މޫސުމީ ގެއްލުންތަކާ ގުޅިގެން ދޭ އެހީ އިތުރުކުރަންޖެހޭ
ރައީސް އެމެރިކާއަށް ފުރާވަޑައިގެންފި
ރަޝިޔާގެ ނުބަޔަށް އިތުބާރު ކުރެވޭކަށް ނެތް: ޒެލެންސްކީ
ޔޫކްރޭންގެ ގޮވާން ބަނދަރަށް ރަޝިޔާ ހަމަލާ ދީފި
އާންމު މަޖިލީހުން ރަޝިޔާ ކުށްވެރިކޮށްފި
ރަޝިޔާއާ ގުޅޭ ތަންތަނަށް ފުރިހަމަ ހިމާޔަތް ދެނީ
ރަޝިޔާ ކުރި ކުށަށް އަދަބު ދޭންޖެހޭނެ: ޒެލެންސްކީ
ނިއުކްލިއާ މުއާހަދާ އަށް ރަޝިޔާ ހުރަސްއަޅައިފި
ހަނގުރާމަތަކުން 100 މިލިއަން މީހުން ހާލުގައި