Roadha Mihaaru
ރައީސް އެމެރިކާއަށް ފުރާވަޑައިގެންފި

އދ. ގެ އާންމު މަޖިލީހުގެ ބައްދަލުވުމަށް ރައީސް އެމެރިކާއަށް ފުރާވަޑައިގެންފި

20 ސެޕްޓެމްބަރ 2024

އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެމެރިކާގެ ނިއުޔޯކަށް މިރޭ ފުރާވަޑައިގެންފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެމެރިކާގެ ނިއުޔޯކަށް މިރޭ ފުރާވަޑައިގެންފި އެވެ.

މިއީ ރައީސް އެމެރިކާއަށް އަދި އދ. އަށް ވެސް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅެވެ. އެމަނިކުފާނުގެ މި ދަތުރުފުޅު ދިމާވަނީ ރާއްޖެ އދ. ގެ މެންބަރު ގައުމަކަށް ވިތާ 59 އަހަރު ފުރޭ މުނާސަބަތާ އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެފައި ވަނީ ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ތަގުރީރު ކުރެއްވުމުގެ އިތުރުން ސަލާމަތީ މަޖިލީހުގެ ބަހުސެއްގައި އެމަނިކުފާނު ތަގްރީރު ކުރައްވާނެ ކަމަށެވެ.

އދ. ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެމެރިކާއަށް ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އެއާޕޯޓުގައި ނޫސްވެރިންނަށް އިންޓަވިއުއެއް ދެއްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އދ. ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެމެރިކާއަށް ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އެއާޕޯޓުގައި ނޫސްވެރިންނަށް އިންޓަވިއުއެއް ދެއްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މިއީ، ރާއްޖޭގެ ރައީސަކު އދ. ގެ ސަލާމަތީ މަޖިލީހުގައި ތަގްރީރު ކުރައްވާނެ ފުރަތަމަ ފަހަރެވެ.

އދ. ގެ ސަލާމަތީ މަޖިލީހަކީ ދުނިޔޭގެ އެންމެ ބޮޑު ފަސް ބާރު ކަމަށްވާ އެމެރިކާ އާއި ރަޝިއާ އާއި ޗައިނާ އާއި އިނގިރޭސިވިލާތުގެ އިތުރުން ފްރާންސް ހިމެނޭ ގޮތަށް އޮންނަ ކައުންސިލެކެވެ. އެ ކައުންސިލްގެ ވަގުތީ މެމްބަރުންގެ ގޮތުގައި އެކި ގައުމުތައް އިންތިހާބު ކުރެ އެވެ. ރާއްޖެއަކީ އެ ކައުންސިލްގެ މެމްބަރެއް ކަމަށް ނުވިޔަސް، މެމްބަރު ނޫން ގައުމުތަކަށް ވެސް އެ ކައުންސިލްގެ އާންމު ބަހުސްތަކުގައި ތަގްރީރު ކުރުމުގެ ފުރުސަތު އޮވެ އެވެ.

ރައީސް އޮފީހުން މިއަދު ބުނިގޮތުގައި، އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި ރައީސް ތަގްރީރު ކުރައްވާނީ އަންނަ އަންގާރަ ދުވަހު އެވެ. މި ދަތުރުފުޅުގައި އެކި ގައުމުތަކުގެ އިސްވެރިންނާ ރައީސް ބައްދަލު ކުރައްވައި، މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސްގެ މި ދަތުރުފުޅުގައި އދ. އާންމު މަޖިލީހުގެ ހަވާސާގައި ރާއްޖޭގެ ފަރާތުން ބާއްވާ "ދަ ސަމިޓް އޮފް ދަ ފިއުޗާ ސައިޑް އިވެންޓް: އަ ވިޝަން ފޯ އޭން އިންޓެލިޖެންސް ޑްރިވެން ފިއުޗާ ފޯ މޯލްޑިވްސް"ގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.

ރައީސް އޮފީހުން ކުރިން ބުނެފައިވާ ގޮތުގައި ރައީސްގެ މި ދަތުރުފުޅުގައި އެމެރިކާގެ ޕްރިންސްޓަން ޔުނިވާސިޓީގެ ދަރިވަރުންނާ މުހާތަބު ކުރައްވައި، ތަގުރީރު ކުރައްވާ ގޮތަށް ވެސް ވަނީ ހަމަޖައްސަވައިފަ އެވެ.

އދ. ގެ މި ބައްދަލުވުންތަކުގައި ރައީސްއާ އެކު ބައިވެރިވެވަޑައިގަތުމަށް އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވެސް އިއްޔެ ވަނީ ނިއު ޔޯކަށް ފުރާވަޑައިގެންފަ އެވެ.

އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ރައީސް މާލެއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 29 ވަނަ ދުވަހު ކަމަށް ރައީސް އޮފީހުން ބުންޏެވެ.