Roadha Mihaaru
ހުޅުލޭ ފަރުގެ ގެއްލުމުގެ ޖޫރިމަނާއަށް 3 ލައްކަ ރުފިޔާ

ހުޅުލޭ ފަރަށް ދޯންޏެއް އެރުމުން ލިބުނު ގެއްލުމަށް ތިން ލައްކައިގެ ޖޫރިމަނާއެއް

23 ސެޕްޓެމްބަރ 2022

"އެމްވީ ޗެން ގްލޯރީ 9" ނަމަކަށް ކިޔާ އުޅަނދެއް ހުޅުލޭ ފަރަށް އަރައި ލިބުނު ގެއްލުމާ ގުޅިގެން 365،000ރ. ގެ އަދަދަކުން އެ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާ ކޮށްފައިވާ ކަމަށް އީޕީއޭ އިން ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

"އެމްވީ ޗެން ގްލޯރީ 9" ނަމަކަށް ކިޔާ އުޅަނދެއް ހުޅުލޭ ފަރަށް އަރައި ލިބުނު ގެއްލުމާ ގުޅިގެން 365،000ރ. ގެ އަދަދަކުން އެ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާ ކޮށްފައިވާ ކަމަށް އީޕީއޭ އިން ބުނެފި އެވެ.

އެ އިދާރާ އިން ބުނީ މި މަހުގެ ދެ ވަނަ ދުވަހު އެ އުޅަނދު ފަރަށް އެރުމާ ގުޅިގެން އެ ތަނަށް ލިބުނު ގެއްލުންތައް ބެލުމަށް، އުޅަނދުގެ ވެރިފަރާތް އައްޔަންކުރި ސާވެޔަރަކާ އެކު މި މަހުގެ 10 ގައި އެ ސަރަހައްދަށް ގޮސް ޖޮއިންޓް ސާވޭއެއް ކޮށްފައި ކަމަށެވެ.

އެ ސާވޭއިން އެނގޭ ގޮތުގައި ފަރަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އެހެންވެ، ތިމާވެއްޓަށް ލިބޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައަޅެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ޖޫރިމަނާ ކޮށްފައިވާ ކަމަށް އީޕީއޭ އިން ބުންޏެވެ.

"އެމްވީ ޗެން ގްލޮރީ 9" ގެ ލޯކަލް އެޖެންޓަކީ ގްރޭސް އެޓޯލް ޕްރައިވެޓް ލިމިޓެޑެވެ. އެ ކުންފުނިން ވަނީ މި މަހުގެ 13 ގައި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އޮތޯރިޓީ އަށް އެ ފައިސާ ދައްކާފައި ކަމަށް ވެސް އީޕީއޭ އިން ބުނެ އެވެ.

އީޕީއޭ އިން އަންނަނީ ފަރަށް އަރާ އުޅަނދުތަކުގެ ސަބަބުން ފަރުތަކަށް ލިބޭ ގެއްލުން ބެލުމަށް ފަހު، އެ އުޅަނދެއްގެ ވެރިފަރާތް ޖޫރިމަނާ ކުރަމުންނެވެ. މީގެ ކުރިން އެކި އުޅަނދުފަހަރުތަކުގެ ވެރިން މިލިއަނުން ޖޫރިމަނާކޮށްފައި ވެސް އެބަހުއްޓެވެ.