Roadha Mihaaru

އިސްލާމީ ދުނިޔޭގެ މަޝްހޫރު އިލްމުވެރިޔާ ޑރ. ގަރްޟާވީ އަވަހާރަވެއްޖެ

ދޯހާ (ސެޕްޓެމްބަރު 26) - އިސްލާމީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް އިލްމުވެރިޔާ މިސްރުގެ ޑރ. ޔޫސުފުލް ގަރްޟާވީ އުމުރުފުޅުން 96 އަހަރުގައި މިއަދު އަވަހާރަވެއްޖެ އެވެ.

މަޝްހޫރު އިލްމުވެރިޔާ ޑރ. ގަރްޟާވީ އަވަހާރަވެއްޖެ

ދޯހާ (ސެޕްޓެމްބަރު 26) - އިސްލާމީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް އިލްމުވެރިޔާ މިސްރުގެ ޑރ. ޔޫސުފުލް ގަރްޟާވީ އުމުރުފުޅުން 96 އަހަރުގައި މިއަދު އަވަހާރަވެއްޖެ އެވެ.

ގަތަރުގައި ދިރިއުޅުވަމުން ގެންދެވި، ގަރްޟާވީ މަޝްހޫރުވެ ވަޑައިގެންފައި ވަނީ މިސްރުގެ ސިޔާސީ ހަރަކާތް "މުސްލިމް ބްރަދާ ހުޑް" ގެ ދީނީ ލީޑަރުގެ ގޮތުގަ އެވެ. އަދި ޝައިހް އިސްނެންގެވުމާ އެކު "އިންޓަނޭޝަނަލް ޔޫނިއަން އޮފް މުސްލިމް ސްކޯލާސް" ގަ ނަމުގައި ޖަމިއްޔާއެއް އުފެއްދެވި އެވެ. ގަރްޟާވީ އަކީ އެ ޔޫނިއަންގެ ރައީސް އެވެ.

މުސްލިމް ބްރަދާ ހުޑް ހަރަކާތްތަކުގައި އިސްކޮށް އުޅުއްވުމުގެ ސަބަބުން 1950 ގެ އަހަރުތަކުގައި އެކި ފަހަރު މަތިން މިސްރުގެ ސަރުކާރުން ވަނީ ގަރްޟާވީ ހައްޔަރު ކޮށްފަ އެވެ. މިސްރުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރްސީ ވެރިކަމުން ދުރުކުރުމަށް ހިންގި ހަރަކާތްތަކަކީ ބަޣާވާތެއްގެ ގޮތުގައި ޑރ. ގަރްޟާވީ ވަނީ ސިފަކުރައްވައިފަ އެވެ.

ގަތަރަށް ދިރިއުޅުން ބަދަލު ކުރެއްވީ 1960 ގައި ގަތަރު ޔުނިވަސިޓީގެ ޝަރިއާ ފެކަލްޓީގެ ޑީންކަން ލިބިވަޑައިގަތުމުންނެވެ. ފަހުން ގަތަރުގެ ރައްޔިތުކަން ވެސް ގަރްޟާވީ އަށް ލިބިވަޑައިގެންނެވި އެވެ. މިސްރުގެ ވެރިކަން 2013 ގައި ބަދަލުވި ފަހުން ގަރްޟާވީ މިސްރަށް ވަޑައއެއްނުގަންނަވަ އެވެ. މިސްރުގެ މިހާރުގެ ރައީސް އަބްދުލް ފައްތާހް އަލް ސީސީގެ ސަރުކާރުން ވަނީ ގަރްޟާވީގެ ޣައިރު ހާޒިރުގައި ޝަރީއަތްކޮށް މަރަން ވެސް، މީގެ ކުރިން ހުކުމްކޮށްފަ އެވެ.

ގަރްޟާވީ ވަނީ 120 އަށް ވުރެ ގިނަ ފޮތް ލިޔުއްވައިފަ އެވެ. ޝައިހްގެ ފޮތްތަކުގެ ތެރެއިން އިސްލާމީ ދުނިޔޭގައި އެންމެ މަޝްހޫރުވި ފޮތަކީ "އަލް ހަލާލް ވަލް ހަރާމް ފިލް އިސްލާމް" (އިސްލާމް ދީނުގައި ހަލާލް ކުރައްވާފައިވާ ކަންތައްތަކާއި ހަރާމް ކުރައްވާފައިވާ ކަންތައްތައް) އެވެ. އެފޮތް ވަނީ ވަރަށް ގިނަ ބަސް ބަހަށް ތަރުޖަމާކޮށްފަ އެވެ.