(މޭ 24ގެ ބަޔާ ގުޅޭ)
31 މެއި 2025
(މޭ 24ގެ ބަޔާ ގުޅޭ)
އިސްލާމީ ނަޒަރުން ބަލާއިރު ދެމަފިރިންގެ ދެމެދުގައި އޮންނަން ޖެހޭ ގުޅުންތަކާއި ޒިންމާތައް ބިނާވެފައި އޮންނަން ޖެހެނީ މުހިންމު އަސާސްތަކެއްގެ މައްޗަށެވެ. މީގެ ތެރޭގައި ދެމަފިރިންގެ ދެމެދުގައި އާންމުކޮށް ހަމަހަމަކަން އޮތުމާއި އާއިލާގައި މައުނަވީ އަދި އަޚުލާގީ ގިޔަމުތައް ދެމެހެއްޓުމާއި އަންހެނުންގެ އަހުލިއްޔަތާއި މުސްތަގިއްލުކަން އަންހެނުންނަށް ލިބުމާއި ދެމީހުން ކުރެ ކޮންމެ މީހަކު ވެސް އާއިލާއާ މެދު ޒިންމާވުން ހިމެނެ އެވެ. މި އަސާސްތަކުގެ ތެރެއިން މި ލިޔުމުގައި މި ބަލައިލަނީ އަންހެނުންގެ އަހުލިއްޔަތާއި މުސްތަގިއްލުކަން އަންހެނުންނަށް ލިބުމުގެ އަސާސަށެވެ.
އިސްލާމީ ޝަރީއަތުގައި އަންހެނާ އަކީ ފުރިހަމަ އަހުލިއްޔަތު (ކަމެއްގެ އަހުލުވެރިއަކަށް ވުމުގެ ފުރުސަތު) ލިބިގެންވާ، އޭނާގެ ނިންމުންތަކަށް އިހުތިރާމު ލިބިގެންވާ، އޭނާގެ މާލީ އަދި އެ ނޫން ވެސް ޒިންމާތަކުގައި މުސްތަގިއްލުކަން ލިބިގެންވާ، އޭނާގެ ނަން އޭނާގެ އާއިލާ އަށް ނިސްބަތްކޮށް ދެމެހެއްޓުމުގެ ހައްގު ލިބިގެންވާ މީހެކެވެ.
އަހުލިއްޔަތޭ ބުނާ ބަހުގެ މާނައަކީ އަހުލުވެރިކަން ލިބިގެންވުމެވެ. އެއީ ވަކި ކަމެއް ކުރަން މީހަކަށް ކުޅަދާނަކަން ލިބިފައިވުން ނުވަތަ އެ ކަމަކަށް މީހާ އެކަށީގެން ވުމެވެ. ޝަރުއީ ގޮތުން ބަލާއިރު އެއީ ދީނީ ތަކުލީފުތަކާއި ދީނީގޮތުން ބަލާއިރު ލިބޭ އެންމެހާ ހައްގުތައް މީހަކަށް ލިބުމުގެ އަހުލުވެރިއަކަށް އެ މީހާ ވުމެވެ.
މިގޮތުން އަހުލިއްޔަތުގެ ދެ ބާވަތެއް ވެ އެވެ. އެއީ ވާޖިބުވުމުގެ އަހުލިއްޔަތާއި އަދާކުރުމުގެ އަހުލިއްޔަތެވެ. ވާޖިބުވުމުގެ އަހުލިއްޔަތަކީ ހައްގުތައް ލިބުމަށް އެކަށީގެން ވުމެވެ. މިއީ އިންސާނަކަށް ވުމުން އެހެން ޝަރުތެއް ނެތަސް ލިބޭނެ އަހުލިއްޔަތެކެވެ. އަދާކުރުމުގެ އަހުލިއްޔަތަކީ ޝަރުއީ ގޮތުން ބަލައިގަނެވޭ ގޮތަށް ކަމެއް ކުރުމަށް އެކަށީގެން ވުމެވެ. މިގޮތުން މުއާމަލާތެއް ކޮށްފި ނަމަ އެ މުއާމަލާތު ސައްހަވުމާއި އެ މުއާމަލާތުގެ ސަބަބުން ލާޒިމުވާ ކަންކަން ނުވަތަ ހުކުމްތައް އޭނާގެ ޒިންމާ އަކަށް ވުމެވެ. ނުވަތަ އަޅުކަމެއް ކޮށްފި ނަމަ ޝަރުއީ ގޮތުން އެ ބަލައިގަނެވި، އޭނާގެ މަތިން އެ ޒިންމާ ކެނޑިގެން ދިއުމެވެ. ނުވަތަ ޖިނާޔަތެއް ހިންގައިފި ނަމަ އެ ޖިނާޔަތުގެ އުގޫބާތް އޭނާގެ މައްޗަށް ހައްގުވުމެވެ. އަދާކުރުމުގެ އަހުލިއްޔަތު ލިބުމުގެ ޝަރުތަކީ ބުއްދި ސަލާމަތުން ހުރުމެވެ. މި އަހުލިއްޔަތުގައި ބާލިޣު ވުމުގެ ކުރިން އޮންނާނީ ފުރިހަމަ ނޫން އަހުލިއްޔަތެކެވެ. ފުރިހަމަ ވާނީ ބާލިޣުވުމަށް ފަހު އެވެ.
ވީމާ އަންހެނެއް ކަމަށް ވިއަސް ބާލިޣުވެ ބުއްދި ސަލާމަތުން ހުރެއްޖެ ނަމަ އެއީ ފުރިހަމަ އަހުލިއްޔަތު ލިބިގެންވާ މީހެކެވެ. މިގޮތުން ވާޖިބުވުމުގެ އަހުލިއްޔަތުގައި އޭނާ އަކީ އިންސާނަކަށް ވާތީ އެ އަހުލިއްޔަތު އެ ވަނީ ފުރިހަމަ ވެފަ އެވެ. އަދާކުރުމުގެ އަހުލިއްޔަތުގައި ވެސް ބާލިޣުވެ ބުއްދި ސަލާމަތުން ހުރެއްޖެ ނަމަ އެ ވަނީ ފުރިހަމަ އަހުލިއްޔަތު ލިބިފައެވެ. އެ ހިސާބުން އަހުލިއްޔަތު ލިބުމުގައި އަންހެނެއް ފިރިހެނެއް ފަރަގު ކުރުމެއް ނެތެވެ. ދީނުގައި ބައެއް އަޅުކަންތަކުން އަންހެނުންނަށް ލުއިފަސޭހަ ކޮށްދިނުން ނުވަތަ އަފޫކޮށްދިނުމާއި ބައެއް ޒިންމާތައް އުފުލަން ނުޖެއްސުމާއި ބައެއް މާލީ ހައްގުތައް އުނިކުރުން ބިނާ ވެފައިވަނީ "އަންހެނަކަށް" ވީމަ އެއް ނޫނެވެ. އެހެން ސަބަބުތަކާ ހުރެ އެވެ. މިސާލަކަށް ޙައިޟު ވުމާއި ޝަރުޢީ ގޮތުން އޮންނަ މާލީ ޒިންމާ ނެތުމާއި ދިރިއުޅުމުގެ އަސާސިއްޔާތުން ބޭރުގެ ކަމަކަށް ވުން ފަދަ ކަންކަމުގެ މައްޗަށެވެ. ވީމާ ކައިވެނީގެ ގުޅުންތަކާއި ޒިންމާތަކުގައި ވެސް އަންހެނުންނަށް ފުރިހަމަ އަހުލިއްޔަތު ލިބުމުގެ އަސާސް ދަމަހައްޓަން ޖެހޭނެ އެވެ. އެކަން ނިގުޅައިގަތުމުގެ ހައްގު އެކަކަށް ވެސް ނުލިބެ އެވެ.
އަންހެނާ އަކީ ފުރިހަމަ އަހުލިއްޔަތުގެ ވެރިއަކަށް ވާތީ އޭނާ އަށް އޭނާގެ މާލީ ޒިންމާ ގައި މުސްތަގިއްލުކަން ލިބިގެން ވެ އެވެ. މުދާ މިލްކު ކުރުމުގެ ހައްގު ހަމަ ފިރިހެނެކޭ އެއްފަދައިން ލިބިގެން ވެ އެވެ. ސަބަބަކީ ފުރިހަމަ އަހުލިއްޔަތުގެ ދަށުން އޭނާ ކުރާ ކޮންމެ ކަމަކާ އޭނާ ޒިންމާ ވާން ޖެހޭތީ އެވެ. އަޅުކަންތަކަށް އަހުލުވެރިވީ ހިނދު އެކަން ނުކޮށްފި ނަމަ އޭގެ ޒިންމާ ނަގަން ޖެހޭނެ އެވެ. މުއާމަލާތެއް ކޮށްފި ނަމަ އޭގެ މައްޗަށް ތަރުތީބުވާ އެންމެހާ ހުކުމްތަކަށް ޒިންމާވާން ޖެހޭނެ އެވެ. ޖަރީމާއެއް ހިންގައިފި ނަމަ އޭގެ ޒިންމާ ވެސް އެހެން މީހަކު ނަގާކަށް ނުޖެހޭނެ އެވެ.
އެހެންކަމުން ގަނެވިއްކުމާއި ކުންފުނި ހެދުމާއި ވަސިއްޔަތް ކުރުމާއި ދަރަނި ނެގުމާއި ކުއްޔަށް ދިނުން ފަދަ ކޮންމެ މުއާމަލާތެއް ވިޔަސް އެހެން މީހެއްގެ ހުއްދައެއް ހޯދާކަށް އަންހެނަކަށް ނުޖެހޭނެ އެވެ. އެއީ ފިރިމީހާ ކަމުގައި ވިޔަސް މެ އެވެ. ނަމަވެސް މަޝްވަރާ ހޯދުމަކީ އިސްލާމީ މުހިންމު އުސޫލަކަށް ވާތީ ފިރިމީހާގެ ނުވަތަ ދަރިންގެ ނުވަތަ މައިންބަފައިންގެ މަޝްވަރާ ހޯދުން މުހިންމެވެ.
ބައެއް ސަގާފަތްތަކުގައި އަންހެނާ މީހަކާ ކައިވެނި ކުރުމުން އޭނާގެ ނަމުގެ ފަހަތަށް ފިރިމީހާގެ އާއިލީ ނަން ބޭނުން ކުރެ އެވެ. މިއީ އެބައިމީހުން ދެކޭ ގޮތުގައި ފަޚުރެއް ކަމަށް ވިޔަސް އިސްލާމް ދީން ދެކެނީ އެއީ އަންހެނާގެ މުސްތަގިއްލު ކަމަށް އަރައިގަތުމެއް ކަމަށެވެ.
އަންހެނުންނަށް އެ މީހުންގެ މުދަލުން މުއާމަލާތު ކުރުމުގެ ހުރިހާ ބާރެއް ލިބިގެންވާ ކަމުގެ އެންމެ ވަރުގަދަ ދަލީލަކީ ކީރިތި ޤުރްއާނުގެ އައްނިސާއު ސޫރަތުގެ 32 ވަނަ އާޔަތުގައި "އަދި އަންހެނުންނަށް ވެސް އެ ކަނބަލުން ހޯދި ކަމެއްގެ ނަސީބު ނުވަތަ ޖަޒާ ވެ އެވެ". މިގޮތަށް އޮތުމެވެ. އަނެއް ދަލީލަކީ ވަރިކޮށް އިއްދައިގައި އިންނަ އަންހެނާ ދަރިންނަށް ކިރު ދީފި ނަމަ އޭގެ އުޖޫރަ އެ އަންހެނާ އަށް ދޭން އަންގަވާފައި ވުމެވެ (އައްޠަލާޤު 6). އަދި އައްނިސާއު ސޫރަތުގެ 12 ވަނަ އާޔަތުގައި "އެއީ، އެކަނބަލުން ކުރާ ވަސިއްޔަތެއް ވާ ނަމަ އެ ވަސިއްޔަތެއް ތަންފީޒު ކުރުމަށް ފަހު، ނުވަތަ ދަރަންޏެއް ވާ ނަމަ އެ ދަރަންޏެއް އަދާ ކުރުމަށް ފަހުގަ އެވެ" މިގޮތަށް އޮތުމެވެ. މި އާޔަތްތަކުން ވަރަށް ސާފުކޮށް އެނގެނީ އަންހެނުންނަށް ވިޔަފާރި ކޮށްގެން ނަފާ ހޯދުމާއި އުޖޫރައިގެ މުއާމަލާތު ކުރުމާއި ވަސިއްޔަތް ކުރުމާއި ދަރަނީގެ މުއާމަލާތު ކުރުމާއި ތަރިކަ މުދަލުން ލިބުމުގެ ހައްގު އޮތް ކަމެވެ.
ޤުރްއާނުގެ އިތުރުން ނަބިއްޔާ ﷺ ގެ ސުންނަތުން ވެސް މި ކަމަށް ދަލީލު ލިބެ އެވެ. ބަރީރާ ކިޔާ ޖާރިޔާ އަކު މިނިވަން ކުރުމަށް ޢާއިޝަތުގެފާނަށް ކީރިތި ރަސޫލާ ﷺ ވަސިއްޔަތް ކުރެއްވި އެވެ. އަދި އެކަލޭގެފާނުގެ އަނބިކަނބަލުން ޒައިނަބު ބިންތި ޖަޙްޝް އަކީ އުއި ވެށުމާއި ގެރިބަކަރިޖަމަލު ގެ ހަން ދިބާޣު ކުރުމާއި މިނާ އޮށް ފަދަ ތަކެތިން ގަތައިގެން ގަހަނާ ހެދުމުގެ މަސައްކަތް ކުރެއްވި ބޭކަނބަލެކެވެ. އެއީ މިތަކެތި ވިއްކަވައި އެ އިން ލިބޭ އާމްދަނީން މިސްކީނުންނަށް ސަދަގާތް ކޮށް އުޅުއްވި ބޭކަނބަލެކެވެ. މީގެ ސަބަބުން ކީރިތި ރަސޫލާ އެ ކަމަނާ އަށް "މިސްކީނުންގެ މަންމަ" ގެ ލަގަބު ދެއްވެވި އެވެ.
މިއިން އެނގެނީ ސިނާއީ މަސައްކަތްތައް ކުރުމާއި ވިޔަފާރި ކުރުމާއި ސަދަގާތް ދިނުން ފަދަ މުއާމަލާތްތައް ކުރުމަކީ އަންހެނުންނަށް މުސްތަގިއްލުކޮށް އޮތް ހައްގެއް ކަމެވެ. މައިމޫނާ ބިންތިލް ޙާރިޘް ވެސް ނަބިއްޔާ ﷺ ގެ އިޒުނައެއް ހޯއްދެވުމަކާ ނުލައި ޖާރިޔާއެއް މިނިވަން ކުރެއްވި އެވެ. ރަސޫލާ އެކަން މަނައެއް ނުކުރައްވަ އެވެ. މީގެ އިތުރުން ފިތުރު އީދެއްގައި ނަމާދަށް ފަހު ބިލާލުގެފާނާ އެކު ނަބިއްޔާ ވަޑައިގެންނެވި ހިނދު އަންހެން ކަނބަލުން ފިތުރު ޒަކާތް ދެއްވި އެވެ. އެ ކަނބަލުން އެކަން ކުރެއްވީ ފިރިންގެ ހުއްދަޔާ އެކުގައިތޯ އެކަލޭގެފާނު ސުވާލެއް ނުކުރައްވަ އެވެ. މިފަދަ އެތައް ދަލީލަކުން އެނގެނީ އަންހެނާ އަކީ އޭނާގެ މާލީ ޒިންމާ ގައި މުސްތަގިއްލު މީހެއް ކަމެވެ.
މާލީ ޒިންމާގައި މުސްތަގިއްލުވާ ފަދައިން އަންހެނުން އެ މީހުންގެ އާއިލާ އަށް ނިސްބަތްވުން ދެމެހެއްޓުމުގައި ވެސް މުސްތަގިއްލު ކަމާއި މިނިވަންކަން ލިބިގެން ވެ އެވެ. ބައެއް ސަގާފަތްތަކުގައި އަންހެނާ މީހަކާ ކައިވެނި ކުރުމުން އޭނާގެ ނަމުގެ ފަހަތަށް ފިރިމީހާގެ އާއިލީ ނަން ބޭނުން ކުރެ އެވެ. މިއީ އެބައިމީހުން ދެކޭ ގޮތުގައި ފަޚުރެއް ކަމަށް ވިޔަސް އިސްލާމް ދީން ދެކެނީ އެއީ އަންހެނާގެ މުސްތަގިއްލު ކަމަށް އަރައިގަތުމެއް ކަމަށެވެ. އެހެންކަމުން އިސްލާމް ދީނުގައި އަންހެނާގެ އާއިލާ އަށް ނިސްބަތްވުން އަބަދުވެސް ދެމެހެއްޓުމުގެ މިނިވަންކަން ލިބިގެން ވެ އެވެ.
އެހެންކަމުން ދެމަފިރިންގެ ދެމެދުގައި އޮންނަ ގުޅުންތަކާއި ޒިންމާތަކުގައި މި ފާހަގަ ކުރި ކަންކަން ދެމެހެއްޓުމަކީ އާއިލާ ބިނާ ކުރުމުގެ އަސާސްތަކުގެ ތެރެއިން އަސާސެކެވެ.
ދެމަފިރިންގެ ގުޅުންތައް ބިނާކުރަން ޖެހޭ އަސާސަކީ ކޮބާ؟
ފިތުނަތަކުން ޒުވާނުން ރައްކާތެރިކޮށް އީމާންކަން ގެނައުން
އަންހެނުން ފަނޑިޔާރުކަން ކުރުމަކީ މަނާ ކަމެއްތަ؟
ވީ ކޮންމެ ތަނެއްގައި މާތް ﷲ އަށް ތަގުވާވެރިވުން
ﷲ ސުބްހާނަހޫ ވަތައާލާ އަށް ލަދުވެތިވުން
ﷲ ސުބްހާނަހޫ ވަތައާލާ އަށް ލަދުވެތިވުން
މަރްޙަބާ ޔާ ރަމަޟާން
އެންމެ މާތް މައްސަރަށް އަޒުމްތަކާ އެކު ތައްޔާރުވޭ
ކައިވެނީގެ އަގުދު ސައްހަކުރަން މަސައްކަތް ކުރުން
ދިވެހިންގެ އޯގާތެރިކަން ފެނި ޓޫރިސްޓަކު އިސްލާމް ވެއްޖެ