Roadha Mihaaru
ނަބީހު އަށް ހާއްސަ މަރުހަބާއެއް ނެތް!

ނަބީހު އަށް ހާއްސަ މަރުހަބާއެއް ނެތް!

27 ސެޕްޓެމްބަރ 2022

މިދިޔަ އޭޕްރީލް މަހު ޔޫއޭއީގައި އޮތް ދުބާއީ އިންޓަނޭޝަނަލް ގުރުއާން މުބާރާތުގެ ފައިނަލުގައި ވާދަކޮށް، އަލްހާފިޒް އަހުމަދު ނަބީހު އެނބުރި ރާއްޖެ އައި އިރު ރަތް ދޫލައިގެ މަރުހަބާއަކުން ކާމިޔާބީ ފާހަގަކުރި އެވެ. އެކަމަކު މި ފަހަރު އެ އަށް ވުރެ ބޮޑު މުބާރާތެއް ކަމަށްވާ، ސައުދީ އަރަބިއްޔާގެ ރަސްގެފާނު ކިންގް އަބްދުލްއަޒީޒްގެ ހަނދާނީ ގުރުއާން މުބާރާތުގެ ފައިނަލާ ހިސާބަށް ދެވުމުން، އެކަން މާބޮނޑިއަކުން ނިންމާލީ އެވެ!

އާލިމް އަބްދުއްލަތީފް އާލިމް އަބްދުއްލަތީފް

މިދިޔަ އޭޕްރީލް މަހު ޔޫއޭއީގައި އޮތް ދުބާއީ އިންޓަނޭޝަނަލް ގުރުއާން މުބާރާތުގެ ފައިނަލުގައި ވާދަކޮށް، އަލްހާފިޒް އަހުމަދު ނަބީހު އެނބުރި ރާއްޖެ އައި އިރު ރަތް ދޫލައިގެ މަރުހަބާއަކުން ކާމިޔާބީ ފާހަގަކުރި އެވެ. އެކަމަކު މި ފަހަރު އެ އަށް ވުރެ ބޮޑު މުބާރާތެއް ކަމަށްވާ، ސައުދީ އަރަބިއްޔާގެ ރަސްގެފާނު ކިންގް އަބްދުލްއަޒީޒްގެ ހަނދާނީ ގުރުއާން މުބާރާތުގެ ފައިނަލާ ހިސާބަށް ދެވުމުން، އެކަން މާބޮނޑިއަކުން ނިންމާލީ އެވެ!

ސައޫދީ އަރަބިއްޔާގައި ބޭއްވި ދުނިޔޭގެ އެންމެ ބޮޑު ގުރުއާން މުބާރާތުގެ ފައިނަލަށް ދިޔަ އުމުރުން 19 އަހަރުގެ ނަބީހަށް ސައޫދީގެ ކަމާގުޅޭ ބައެއް ބޭފުޅުން ވެސް ތައުރީފުކުރި އެވެ. އެކަމަކު، އެ ފައިނަލްގައި ވާދަކުރުމަށް ފަހު އޭނާ މިދިޔަ ހުކުރު ދުވަހު ރާއްޖެ އައުމުން ސަރުކާރުން އެއީ މާ ބޮޑު ކަމަކަށް ނުހެދި ކަމަށް ނަބީހުގެ އާއިލާ އިން ދެކެ އެވެ.

އެކަމާ "މިހާރު" އާ ވާހަކަ ދައްކަމުން ނަބީހުގެ މަންމަ އައިމިނަތު މުހައްމަދު ބުނީ ދަރިފުޅުގެ ކާމިޔާބީއަކީ ކުޑަ ކާމިޔާބީއެއް ނޫން ކަމަށާއި އެ މުބާރާތަށް ރާއްޖެ އިން ކުރިން ދިޔަ ބައިވެރިންނަށް ފައިނަލާ ހަަމައަށް ވެސް ނުދެވޭ ކަމަށެވެ.

ސިވިއާ އޯޓިޒަމް ހުންނަ ނަބީހު މި ފަހަރު ފައިނަލާ ހަމައަށް ދިޔައިރު މިއީ އޭޕްރީލް މަހު ޔޫއޭއީގައި އޮތް ދުބާއީ އިންޓަނޭޝަނަލް މުބާރާތަށް ވުރެ މާ ފެންވަރު ރަނގަޅު، މާ ހައިބަތު ބޮޑު މުބާރާތެކެވެ.

އެކަމަކު، ދުބާއީގެ މުބާރާތުގެ ފައިނަލުގައި ކިޔެވުމަށް ފަހު ނަބީހު އައުމުން މީޑިއާއާ އެކު އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އެއާޕޯޓަށް ވަޑައިގެން މަރުހަބާ ދެންނެވި އެވެ. ނައިބު ރައީސް ފައިސަލް ނަސީމް ވެސް ނަބީހުއާ ބައްދަލު ކުރެއްވި އެވެ. ނަމަވެސް މި ފަހަރު އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކު އެއާޕޯޓަށް ފޮނުވުން ފިޔަވައި އިތުރު ކަމެއް ސަރުކާރުން ނުކުރެ އެވެ. ނަބީހު އަށް މަރުހަބާ ކިޔަން އެއާޕޯޓަށް ވަޑައިގަތީ ގުރުއާނާ ބެހޭ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި، އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިލްޔާސް ޖަމާލެވެ.

"މިހާރު" އިން ސުވާލު ކުރުމުން އިލްޔާސް ޖަމާލް ވިދާޅުވީ، ނަބީހު މާލެ އައި ދުވަހު އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު އުޅުއްވީ ރަސްމީ ދަތުރެއްގައި އަތޮޅު ތެރޭގައި ކަމަށެވެ.

"[އެއާޕޯޓުގެ] ވީއައިޕީގެ ކަންކަން ގުރުއާނާ ބެހޭ މަރުކަޒަށް އަމިއްލަ އަށް ހަމައެއް ނުޖެއްސޭނެ. ގުރުއާނާ ބެހޭ މަރުކަޒުގެ ފަރާތުން އަޅުގަނޑުމެން ދިޔައީ. އެއާޕޯޓަށް ގޮސް [ނަބީހު އަށް] މާ ބޮނޑިއެއް ދިނިން. ޓުވީޓް ވެސް ކުރިން. މީޑިއާތަކުން އަޅާނުލީ ކީއްވެ ކަމެއް ނޭނގޭ،" އޭނާ ވިދާޅުވި އެވެ.

ނަބީހުގެ މަންމަގެ ސުވާލަކަށް ވެފައި ވަނީ ދުނިޔޭގެ އެންމެ ބޮޑު ގުރުއާން މުބާރާތުގައި ނަބީހު ހޯދި ކާމިޔާބީ ފާހަގަކުރުން މިހާ ދޯދިޔާކޮށް ނިންމައިލީ ކީއްވެ ހެއްޔޭ އެވެ؟

"މި މުބާރާތުގައި މިހާ ބޮޑު ކާމިޔާބީއެއް ލިބުނީމާ ވެސް އަޅުގަނޑަކަށް ނޭނގޭ ފާހަގަ ނުކުރެއްވީ ކީއްވެގެން ކަމެއް. އަޅުގަނޑު ވަރަށް ބޮޑު ހައިރާންކަމެއްގެ ތެރޭގައި މި ހުންނަނީ،" އައިމިނަތު ބުންޏެވެ.

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ކިންގް އަބްދުލްއަޒީޒްގެ ހަނދާނުގައި ބާއްވާ ބައިނަލްއަގުވާމީ ގުރުއާން މުބާރާތުގެ ފައިނަލުގައި ނަބީހު ކިޔަވަނީ --

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ކިންގް އަބްދުލްއަޒީޒްގެ ހަނދާނުގައި ބާއްވާ ބައިނަލްއަގުވާމީ ގުރުއާން މުބާރާތުގެ ފައިނަލުގައި ނަބީހު ކިޔަވަނީ --

ނަބީހުގެ ކާމިޔާބީ ފާހަގަކޮށް، މަރުހަބާ ކިޔަން ދާން އާންމުންގެ ތެރެއިން އެތައް ބަޔަކު ތައްޔާރަށް ތިބި ކަމަށް އައިމިނަތު ބުންޏެވެ. އޭނާ އަށް އެތައް ބަޔަކު ގުޅައި ރާއްޖެ އަންނަނީ ކޮން އިރަކުތޯ ސުވާލުކުރާ ކަމަށް ވެސް ބުންޏެވެ. އެކަމަކު އެއާޕޯޓުގައި މަރުހަބާ ކިޔަން ހާއްސަކަމެއް ނެތެވެ.

"ކުދިންގެ ހިތްތަކުގައި މި ކަމަށް ލޯބި ޖައްސަން ވެސް ކާމިޔާބު ފާހަގަކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެނީ،" އައިމިނަތު ބުންޏެވެ.

"ނަބީހު އަށް ބުނެދޭން ނޭނގުނަސް، އުފާވެރިކަމުގެ އިހުސާސް ހާމަކުރަން ނޭނގުނަސް އުފާވާނެ ދެއްތޯ މަރުހަބާ ދަންނަވަން ވަޑައިގެންނެވީމާ. އުފާވެއޭ ބުނެދޭން ނޭނގުނަސް އެ ކުދިންގެ ވެސް ހަމަ ހިތެއް ދޯ އޮންނަނީ. އެ ކުދިން ވެސް އުފާވާނެ."

ނަބީހު އަށް ތައުރީފުކޮށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ވެސް ޝުއޫރުފާޅުކުރި އެވެ. ރަތްދޫލައިގައި މަރުހަބާ ކިޔަންވީ ނަބީހު ފަދަ ގައުމު ފަހުރުވެރިކޮށްދޭ ކުދިންނަށް ކަމަށް އެތައް ބަޔަކު ބުނެފައިވެ އެވެ.

އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިލްޔާސް ޖަމާލް (ވ) ނަބީހުއަށް މަރުހަބާ ކިޔައި މާބޮނޑިއެއް ހަދިޔާކުރައްވަނީ.

އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިލްޔާސް ޖަމާލް (ވ) ނަބީހުއަށް މަރުހަބާ ކިޔައި މާބޮނޑިއެއް ހަދިޔާކުރައްވަނީ.

އައިމިނަތު ބުނިގޮތުގައި، ގުރުއާނާ ބެހޭ މަރުކަޒުން ސްޓޭޓް މިނިސްޓަރު އިލްޔާސް ޖަމާލް ވަޑައިގަތަސް އެ އަށް ވުރެ ފުރިހަމަ އަށް ނަބީހުއަށް މަރުހަބާ ކިޔަން ޖެހެ އެވެ. އެއީ ދަރިފުޅު ހޯދީ މީގެ ކުރިން ދިވެއްސަކު ހޯދައިފައި ނުވާވަރުގެ ކާމިޔާބީއެއް ކަމަށް އޭނާ ދެކޭތީ އެވެ.

ފައިނަލުގައި ނަބީހު އަށް ދިމާވީ ދެރަކޮށް

އައިމިނަތު ބުނީ ފައިނަލުގައި ނަބީހު އަށް ރަނގަޅަށް ނަތީޖާ ނުދެއްކުނު ކަމަށެވެ. އެހެން ނޫން ނަމަ، ދަރިފުޅަށް އެ މުބާރާތުން ރަން ވަނައެއް ލިބޭނެ ކަމަށް އޭނާ އަށް ވަރަށް ޔަގީނެވެ.

މަންމަ ބުނީ ފައިނަލަށް ދިޔައީ ވަރަށް މަދު ކުދިން ކަމަށާއި އެ ކުދިން ކިޔަވަން ޖެހުނީ ހަރަމްފުޅުގައި ކަމަށެވެ. ހަރަމްފުޅުގައި ކިޔަވަނީ ހަމައެކަނި ފައިނަލަށް ދާ ކުދިން ކަމަށާއި ފުރަތަމަ ބުރުގެ ކިޔެވުން އޮތީ ހޯލެއްގައި ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުގެ ސިކުނޑީގައި ވެސް ހަރަމްފުޅޭ ބުންޏަސް، ޓީވީން ފެނޭ ދޫނި އުދުހޭތަން އެ ތަނުގައި. އެކަމަކު އެ ފަދަ މުބާރާތެއްގައި ވީމާ އަޅުގަނޑު ހީކުރީ ބަންދު ތަނެއް ހަދާފައި ކަމަށް ހުންނާނީ. އެހެންވީމާ ނަބީހު ދޫނި ދެކެ ބިރުގަންނަ ވާހަކަ ބުނަން ހިޔާލަކަށް ވެސް ނައި،" އައިމިނަތު ބުންޏެވެ.

އޭނާ ބުނިގޮތުގައި، ހަރަމްފުޅަށް ވަންތަނާ އެ ތަނުގައި ތިބި ދެ ޕިންޗަރު ނަބީހު އަށް ފެނުނެވެ. އެ ހިސާބުން ބިރުން އޭނާގެ އަތުގައި ނަބީހު ވަރަށް ބާރަށް ހިފެހެއްޓި ކަމަށް މަންމަ ބުންޏެވެ. ކަން ދިމާ ކުރި ގޮތުން ފުރަތަމަ ކިޔަވަން ޖެހުނީ ވެސް ނަބީހުއަށެވެ.

"ނަބީހު ކިޔަވަން ދިޔަ ތަނާ އުދުހިފައި ދެ ދޫނި ދިޔައީ. އަނެއްކާ ބައިވަރު ދޫނި ގޮވާ އަޑު އިވޭ މިއުޒިކެއް ހެން. ނަބީހު އަށް ވާނެ ގޮތަކީ ފޯކަސް ގެއްލޭނެ ދެއްތޯ. އެއީ ވަރަށް ދެރަވި ވަގުތެއް. އޭނާގެ ނުކުޅެދުންތެރިކަމުގެ ސަބަބުން ދެއްތޯ. އޭނާގެ ފޯކަސް ދިޔައީ އެއްކޮށް،" އައިމިނަތު ބުންޏެވެ.

ނަބީހު އޭނާގެ މަންމައާއެކު ހަރަމްފުޅުގައި --

ނަބީހު އޭނާގެ މަންމައާއެކު ހަރަމްފުޅުގައި --

"އަޅުގަނޑުމެންގެ ވަށައިގެން އަލިފާން ރޯވެފައި އޮންނައިރު އަޅުގަނޑުމެންނަށް ވާ ކަހަލަ އިހުސާސެއް އެ ވަގުތު ނަބީހު އަށް ކުރެވޭނީ،" އައިމިނަތު ބުންޏެވެ.

އެކަމަކު، ފައިނަލުގައި ރަން ވަނައެއް ނުލިބުނަސް، ފައިނަލުގައި ކިޔެވުމަކީ ވެސް ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އައިމިނަތު ގަބޫލުކުރެ އެވެ. ރާއްޖޭގެ ގައުމީ ފެންވަރުގައި ފާހަގަކުރުން ހައްގު ކަމެއް ކަމަށް އޭނާ ދެކެ އެވެ.

ރާއްޖޭގެ އެތުލީޓުން ކުޅިވަރުގައި ރަންވަނަތައް ހާސިލުކޮށްގެން އަންނައިރު، މިޑިއާތަކަށް ދައުވަތު ދީގެން ވެސް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ގެންދެ އެވެ. ނަބީހު އަށް ވެސް އެގޮތަށް ކުރިން މަރުހަބާ ކިޔާފައިވެ އެވެ. އެކަމަކު މިފަހަރަކު އެއިން އެއްވެސް ކަމެއް ނެތެވެ!

އެކަމަކު ދަރިފުޅުގެ ކާމިޔާބަށް މަންމަ ފަޚުރުވެރިވެ އެވެ. ރަހުމަތްތެރިންނާއި އާއިލާ ވެސް ފަހުރުވެރިވެ އެވެ. އައިމިނަތު ބުނާ ގޮތުން މިއީ އެތައް ބައެއްގެ މަސައްކަތެވެ. އޭގެ ތެރެއިން އޭނާ ފާހަގަކުރާ އެއް ނަމަކީ މި މުބާރާތަށް ނަބީހު ތައްޔާރުކޮށްދޭން ހިލޭ ސާބަހަށް މަސައްކަތް ކޮށްދިން ޓީޗަރެވެ.

"މިއީ ކުޑަ މަސައްކަތެއް ނޫން،" އޭނާ ބުންޏެވެ.