Roadha Mihaaru

ރަފާ އާއި ޝައްފާން އަށް ކޮރޮއޭޝިއާއިން ބޮޑު ފުރުސަތެއް

ޓޭބަލްޓެނިސް ތަރި، އައިޝަތު ރަފާ ނާޒިމް އާއި މުހައްމަދު ޝައްފާން އިސްމާއީލް އަށް ކޮރެޝިއާގައި ޓްރޭނިން ހެދުމުގެ ފުރުސަތު ލިބިއްޖެ އެވެ.

ރަފާ އާއި ޝައްފާން އަށް ކޮރޮއޭޝިއާއިން ބޮޑު ފުރުސަތެއް
ހުސެއިން ހަބީބް
ހުސެއިން ހަބީބް

29 ސެޕްޓެމްބަރ 2022

ޓޭބަލްޓެނިސް ތަރި، އައިޝަތު ރަފާ ނާޒިމް އާއި މުހައްމަދު ޝައްފާން އިސްމާއީލް އަށް ކޮރެޝިއާގައި ޓްރޭނިން ހެދުމުގެ ފުރުސަތު ލިބިއްޖެ އެވެ.

ރާއްޖޭގެ ކުޅުންތެރިންނަށް ކޮރޮއޭޝިއާގެ ގައުމީ ޓީމުގެ ޓީޓީ ސެންޓަރުން ޓްރޭނިން ހަދަން ލިބުނު ފުރުސަތުގައި ތިން ކުޅުންތެރިންނަށް ވަނީ ފުރުސަތު ލިބިފަ އެވެ. ތިންވަނަ ކުޅުންތެރިޔަކީ އަޚިޔާރު އެވެ. އެ ކުޅުންތެރިން ދެ މަސް ދުވަސް ވަންދެން ކްރޮއޭޝިއާގައި ޓްރޭނިން ހަދާނެ އެވެ.

"ކޮރޮއޭޝިއާގެ އެސޯސިއޭޝަނުން ވަނީ ތިން ކުޅުންތެރިންނަށް ވެސް މިހާރު ލިޔުން ފޮނުވާފަ،" ޓިޓީއޭއެމްގެ ރައީސް އަލީ ރަޝީދު ވިދާޅުވި އެވެ.

"ކުރިއަށް އޮތް ހަފުތާގައި ކޮރޮއޭޝިއާގެ ވިސާ އަށް އެދި ހުށަހަޅާނަން."

އަލީ ވިދާޅުވީ ރާއްޖޭގެ ހަތަރު ކުޅުންތެރިންނަށް ޓްރޭނިން ކޭމުޕުން ޖާގަ ލިބުނު ކަމަށާއި ނަމަވެސް އެއް ކުޅުންތެރިޔަކު ކިޔަވަން ފަށަން ޖެހޭތީ ނުދާ ގޮތަށް ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑު މި އުންމީދު ކުރަނީ ވިސާ ހަމަޖެހި އަންނަ މަހު 10 ހިސާބުގައި ފުރޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ރާފާ ވަނީ މީގެ ކުރިން ވެސް ކްރޮއޭޝިއާގައި ޓްރޭނިން ކޭމްޕެއްގައި ބައިވެރި ވެފަ އެވެ. ޖުލައި މަހު ބޭއްވި ޔޫރަޕުގެ ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕަށް ތައްޔާރުވާ ކޮރޮއޭޝިއާގެ ގައުމީ ޓީމުގެ ޓްރޭނިންތަކުގައި ބައިވެރިވާން ގައުމީ އަންހެން ޓީމުން ވަނީ ކްރޮއޭޝިއާ އަށް ޓްރޭނިން ކޭޕްގައި ޖޫން މަހު ގޮސްފަ އެވެ.

އެ ދަތުރުގައި ބައިވެރިވީ، ރަފާގެ އިތުރުން ތަޖުރިބާކާރު ކުޅުންތެރިޔާ ފާތިމަތު ޖުމާނާ ނިމާލް އާއި މިސްކާ މުހައްމަދު އިބްރާހިމްގެ އިތުރުން މަލާކް ބިންތި މުއިއްޒެވެ.

މިފަހަރު ވެސް ދިވެހި ކުޅުންތެރިންނަށް ޓްރޭނިން ކޭމްޕް ފުރުސަތު ހަމަޖެހުނީ، މޯލްޑިވްސް ސްޕޯޓްސް އެވޯޑް ހަފުލާ އަށް އައި ކުރީގެ ވޯލްޑް ޗެމްޕިއަން، ޒޯރާން ޕްރިމޯރަކް މެދުވެރިކޮށެވެ. މެއި ރާއްޖޭގައި ބޭއްވި ދެކުނު އޭޝިއާގެ ޖޫނިއާ އަދި ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ތައްޔާރު ކުރުވުމަށް ކުރިއަށް ގެންދިޔަ ޓްރޭނިންތަކުގައި ބައިވެރިވުމަށް ކްރޮއޭޝިއާގެ ދެ ކުޅުންތެރިންނާއި އެ ގައުމުގެ ކޯޗެއް ވެސް ރާއްޖެ އައެވެ.

ރާއްޖޭގެ އަންހެން ގައުމީ ޗެމްޕިއަން ފާތިމަތު ދީމާ އަލީ އަށް އޮލިމްޕިކް ކޮމިޓީ މެދުވެރިކޮށް ލިބުނު ޓްރޭނިން ސްކޮލާޝިޕެއްގައި އޭނާ ތަމްރީން ހަދަމުން އަންނަނީ ފްރާންސްގެ ޕެރިހުގަ އެވެ.