Roadha Mihaaru
ކުޑަހުވަދޫ އެއާޕޯޓަށް މުވައްޒަފުން ހޯދަނީ

ކުޑަހުވަދޫ އެއާޕޯޓަށް މުވައްޒަފުން ހޯދަނީ

08 ޖެނުއަރީ 2017

ރާއްޖޭގައި ހަދާ އެންމެ ބޮޑު ޑޮމެސްޓިކް އެއާޕޯޓް، ދ. ކުޑަހުވަދޫ އެއާޕޯޓަށް މުވައްޒަފުން ހޯދަން އިއުލާންކޮށްފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ރާއްޖޭގައި ހަދާ އެންމެ ބޮޑު ޑޮމެސްޓިކް އެއާޕޯޓް، ދ. ކުޑަހުވަދޫ އެއާޕޯޓަށް މުވައްޒަފުން ހޯދަން އިއުލާންކޮށްފި އެވެ.

"ދާލު އެއާޕޯޓް"ގެ ނަމުގައި މި އެއާޕޯޓް ހިންގާ ދާލު އެއާޕޯޓް ހޯލްޑިންސް އިން ނެރުނު އިއުލާނެއްގައިވާ ގޮތުން ހަތަރު ޑިޕާޓްމަންޓެއްގެ ޖުމްލަ 52 ވަޒީފާއަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. އެ މަގާމުތަކަށް ކުރިމަތިލުމަށް ވަކި މުއްދަތެއް ނެތެވެ.

ހަމައެކަނި ދިވެހިންނަށް ހުޅުވާލާފައިވާ ސޭފްޓީ އެންޑް ސެކިއުރިޓީ ޑިޕާޓްމަންޓުގެ ދެ މަގާމަކަށް ފަސް މީހުން ހޯދާއިރު، އެޗްއާރު، އެޑްމިން، އައިޓީ އަދި އެކައުންޓިން ޑިޕާޓްމަންޓުގައި އުފައްދާ ފަސް މަގާމަކަށް، ކޮންމެ މަގާމަކަށް މީހަކަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ. އޭގެ ތެރެއިން ވެސް ހަތަރު ވަޒީފާ ހާއްސަކޮށްފައި ވަނީ ދިވެހިންނަށެވެ.

އިންޖިނިއަރިން، އޭޖީއޭ އެންޑް ފެސިލިޓީޒް މެއިންޓެނަންސް ޑިޕާޓްމަންޓުގައި ވެސް ފަސް މަގާމަކަށް 10 މީހަކު ހޯދަން ވަނީ އިއުލާންކޮށްފަ އެވެ. އަދި ރޭމްޕް އެންޑް ޓާމިނަލް އޮޕަރޭޝަންސްގެ ބައިގައި އުފައްދާފައިވާ ހަ މަގާމަކަށް ޖުމްލަ 32 މީހަކު ހޯދަން ވެސް އިއުލާނުގައިވެ އެވެ.

އަމިއްލަ ހަރަދުގައި ކުޑަހުވަދޫގައި އެއާޕޯޓެއް ތަރައްގީކުރަން ރިއޯލޯ އިންވެސްޓްމަންޓްސްއާ ސަރުކާރުން ހަވާލުކުރީ 2013 ގަ އެވެ.

އެ ކުންފުނިން އުފައްދާފައިވާ ދާލު އެއާޕޯޓް ހޯލްޑިންސް އިން 62.81 ހެކްޓަރުގެ ބިން ހިއްކައިގެން 1،800 މީޓަރުގެ ދިގު ރަންވޭއަކާ އެކު ތަރައްގީކުރާ މި އެއާޕޯޓުގައި 42 ބޯޓު އެއްފަހަރާ ޖެއްސޭނެ އެވެ. އޭގެ ތެރޭގައި އެތެރޭގެ އުދުހުންތަކުގައި އާއްމުކޮށް ބޭނުންކުރާ ޑޭޝް-8 އަދި އޭޓީއާރު-72 މަރުކާގެ ބޯޓުތައް ހިމެނޭއިރު، މިއީ އަމިއްލަ މީހުންގެ ޖެޓުތައް ޖެއްސޭ ގޮތަށް ރާއްޖޭގައި ތަރައްގީކުރާ ފުރަތަމަ ޑޮމެސްޓިކް އެއާޕޯޓު ވެސް މެ އެވެ.

މި އަހަރުގެ ތެރޭގައި ހުޅުވަން ނިންމާފައިވާ ކުޑަހުވަދޫ އެއާޕޯޓުގައި މިހާރު ކުރަމުން އަންނަނީ އެންމެ ފަހުގެ މަސައްކަތްތަކެވެ.

ރާއްޖޭގައި މިހާރު ވެސް 11 އެއާޕޯޓެއް އެބައޮތެވެ. އެއީ އިންޓަނޭޝަނަލް އެއާޕޯޓުތަކުގެ ގޮތުގައި ބަލާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އެއާޕޯޓާއި އދ. މާމިގިލީ އެއާޕޯޓް އަދި ހދ. ހަނިމާދޫ އެއާޕޯޓުގެ އިތުރުން، ހަތް ޑޮމެސްޓިކް އެއާޕޯޓެވެ. އެއީ ފުވައްމުލައް، ބ. ދަރަވަންދޫ، ރ. އިފުރު، ގއ. ކޫއްޑޫ، ގދ. ކާޑެއްދޫ، ލ. ކައްދޫ އަދި ތ. ތިމަަރަފުށީގައި އޮންނަ އެއާޕޯޓެވެ.