Roadha Mihaaru
ޗެލްސީގައި ޕޮޓާއަށް ފުރަތަމަ މޮޅު، ލިވަޕޫލް އެއްވަރު

ޕޮޓާ އާއެކު ޗެލްސީ އަށް ފުރަތަމަ މޮޅު، ބްރައިޓަން އިން ލިވަޕޫލް ހިފަހައްޓައިފި

01 އޮކްޓޯބަރ 2022

ލަންޑަން (އޮކްޓޫބަރު 1) - ކްރިސްޓަލް ޕެލަސް 2-1 އިން ބަލިކޮށް ޗެލްސީން ކޯޗު ގްރަހަމް ޕޮޓާއާ އެކު ފުރަތަމަ މޮޅު ހޯދިއިރު، ބްރައިޓަން އިން އާ ކޯޗު ރޮބާޓޯ ޑި ޒެރްބީއާ އެކު ކުޅުނު ފުރަތަމަ މެޗުގައި ލިވަޕޫލާ 3-3 އިން އެއްވަރުކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (އޮކްޓޫބަރު 1) - ކްރިސްޓަލް ޕެލަސް 2-1 އިން ބަލިކޮށް ޗެލްސީން ކޯޗު ގްރަހަމް ޕޮޓާއާ އެކު ފުރަތަމަ މޮޅު ހޯދިއިރު، ބްރައިޓަން އިން އާ ކޯޗު ރޮބާޓޯ ޑި ޒެރްބީއާ އެކު ކުޅުނު ފުރަތަމަ މެޗުގައި ލިވަޕޫލާ 3-3 އިން އެއްވަރުކޮށްފި އެވެ.

ޕެލަސްގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ލީޑު ނެގީ ހަތް ވަނަ މިނިޓުގައި އޮޑްޒޯން އެޑުއާޑް ކާމިޔާބުކުރި ލަނޑުންނެވެ. ނަމަވެސް ފުރަތަމަ ހާފު ނިމެން ހަތް މިނިޓަށް ވެފައި ވަނިކޮށް ތިއާގޯ ސިލްވާ ދިން ބޯޅައަކުން ޕިއޭ އެމެރިކް އޮބާމެޔަން ޗެލްސީ އަށް އެއްވަރުކޮޮށްދިނެވެ.

މިއީ އޮބާމެޔަންގް އެނބުރި ޕްރިމިއާ ލީގަށް އައިސް ޖެހި ފުރަތަމަ ލަނޑެވެ. އޭނާ ވަނީ އާސެނަލް އަށް ޕްރިމިއާ ލީގުގައި ކުޅުނު ފަސް ސީޒަނުގައި 68 ލަނޑު ޖަހައިފަ އެވެ.

ޗެލްސީ މޮޅުވި ލަނޑު މެޗުގެ 90 ވަނަ މިނިޓުގައި ޖަހައިދިނީ ކޮނޯ ގަލަގާ އެވެ. އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ގޯލު ތެރަށް ފޮނުވާލައިގެން ގަލަގާ ކާމިޔާބުކުރި މި ލަނޑަކީ އޭނާ ޗެލްސީގެ ޖޯޒީގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. އޭނާ ކުޅެން ނުކުތީ މެޗުގެ ފަހު 15 މިނިޓަށް، ކައި ހަވާޓްޒްގެ ބަދަލުގަ އެވެ.

މިއީ ޗެލްސީގެ އާ ކޯޗު ޕޮޓާ އާއެކު އެޓީމު ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ. ބްރައިޓަން ދޫކޮށް ޗެލްސީއާ ގުޅި، ޕޮޓާގެ ފުރަތަމަ މެޗަކަށް ވީ ޗެމްޕިއަންސް ލީގު މެޗެކެވެ. އަމިއްލަ ދަނޑުގައި އާރްބީ ސަލްޒްބާގާ ދެކޮޅަށް ކުޅެ އެ މެޗު 1-1 އިން ވީ އެއްވަރެވެ.

އާ ކޯޗާ އެކު ބްރައިޓަން އަށް ރަނގަޅު ފެށުމެއް

ލިވަޕޫލުން އަމިއްލަ ދަނޑުގައި ބްރައިޓަންއާ ކުޅެ އެއްވަރުވީ 3-3 އިންނެވެ. ބްރައިޓަންގެ ލިއަންޑްރޯ ޓްރޮސާޑް ވަނީ މި މެޗުގައި ލިވަޕޫލް ކޮޅަށް ހެޓްރިކް ހަދައިފަ އެވެ.

މިއީ ޕޮޓާ، ބްރައިޓަން ދޫކޮށްލުމުން ގެނައި އާ ކޯޗު ޑި ޒެރްބީގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗެވެ.

ބްރައިތަންގެ އާ ކޯޗު ޑި ޒާބީ. މިއީ އޭނާ ބްރައިޓަންއާ ހަވާލުވެ، އިރުޝާދު ދިން ފުރަތަމަ މެޗު.-- ފޮޓޯ: އޭއެފްޕީ

ބްރައިތަންގެ އާ ކޯޗު ޑި ޒާބީ. މިއީ އޭނާ ބްރައިޓަންއާ ހަވާލުވެ، އިރުޝާދު ދިން ފުރަތަމަ މެޗު.-- ފޮޓޯ: އޭއެފްޕީ

ޑެނީ ވެލްބެކް ދިން ބޯޅައަކުން މެޗުގެ ހަތަރު ވަނަ މިނިޓުގައި ޓްރޮސާޑް ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިދިނެވެ. އަދި ޓްރެންޓް އެލެކްޒެންޑާ އާނޯލްޑް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ސޮލީ މާޝް ތަނަވަސް ކުރި ފުރުސަތެއްގައި ދެވަނަ ލަނޑު ޖެހީ 17 ވަނަ މިނިޓުގަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލަށް ފަރަގު ކުޑަކޮށްދިނީ، ސަލާހު ދިން ބޯޅައަކުން ރޮބާޓޯ ފިރްމީނޯ އެވެ. ފިރްމީނޯ ލިވަޕޫލަށް އެއްވަރު ކޮށްދިނީ 54 ވަނަ މިނިޓުގައި، ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއް ގޮތުނައި އެރި ލުއިސް ޑިއާޒްގެ އެހީތެރިކަމާ އެކު އެވެ.

ލިވަޕޫލަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ލިބުނީ، ކޯނަރެއްގައި ބްރައިޓަން ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. މެޗުގެ 63 ވަނަ މިނިޓުގައި މި ލަނޑު ވަނީ އާނޯލްޑް ނެގި ކޯނަރު ކްލިއާ ކޮށްލަން ގޯލްކީޕަރު ރޮބާޓް ސަންޗޭޒް ޕަންޗު ކޮށްލި ބޯޅަ އެޑަމް ވެބްސްޓާ ގައިގައި ޖެހިފަ އެވެ.

ޓްރޮސާޑް އޭނާގެ ހެޓްރިކް ފުރިހަމަކޮށް، ބްރައިޓަން އަށް ނަތީޖާ އެއްވަރު ކޮށްދިން ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައި ވަނިކޮށެވެ.

މިހާތަނަށް ކުޅުނު ހަތް މެޗުން ހޯދި 14 ޕޮއިންޓާ އެކު ބްރައިޓަން އޮތީ ހަތަރު ވަނައިގަ އެވެ. އެއް ޕޮއިންޓް މަދުން، 13 ޕޮއިންޓާ އެކު ފަސް ވަނައިގައި ޗެލްސީ އޮތް އިރު، 10 ޕޮއިންޓް ހޯދައިގެން ލިވަޕޫލް އޮތީ ނުވަ ވަނައިގަ އެވެ. ކްރިސްޓަލް ޕެލަސް އަށް ލިބިފައި ވަނީ ހަ ޕޮއިންޓެވެ.