Roadha Mihaaru
އާސެނަލް އާއި ލިވަޕޫލުން ސިޓީއަށް އެއްވަނަ ހަވާލުކޮށްފި

އާސެނަލް އާއި ލިވަޕޫލުން ސިޓީ އަށް އެއްވަނަ މަގާމު ހަވާލުކޮށްފި

15 އެޕްރީލް 2024

ލަންޑަން (އޭޕްރީލް 15) – އާސެނަލް އާއި ލިވަޕޫލު ވެސް ބަލިވުމުން، މެންޗެސްޓާ ސިޓީ އަށް އެއްވަނަ މަގާމުގައި ހަމަޖެހިލެވިއްޖެ އެވެ.

ލަންޑަން (އޭޕްރީލް 15) – އާސެނަލް އާއި ލިވަޕޫލު ވެސް ބަލިވުމުން، މެންޗެސްޓާ ސިޓީ އަށް އެއްވަނަ މަގާމުގައި ހަމަޖެހިލެވިއްޖެ އެވެ.

އިއްޔެގެ މެޗުތަކާ ހަމައަށް، ސިޓީ އެއްވަނައިގައި އޮތީ އާސެނަލް އާއި ލިވަޕޫލަށް ވުރެ އިތުރަށް އެއް މެޗު ކުޅެގެންނެވެ. އެއީ ހޮނިހިރު ދުވަހު ސިޓީން ލޫޓަން ޓައުން އަތުން މޮޅުވުމުންނެވެ.

މޮޅުވެގެން، އެއްވަނަ މަގާމު ހޯދުމުގެ ފުރުސަތު އެންމެ ބޮޑަށް ފަހިވެފައި އޮތް އާސެނަލް އަށް އެކަން ނުކުރެވުނެވެ. އެ ޓީމުގެ ކުރީގެ ކޯޗު އުނައި އެމެރީގެ އެސްޓަން ވިލާ އަތުން، އަމިއްލަ ދަނޑުގައި އާސެނަލް ބަލިވީ 2-0 ންނެވެ.

ވިލާގެ ލަނޑުތައް ޖެހީ ލިއޯން ބެއިލީ އާއި އޮއިލީ ވަޓްކިންސް އެވެ.

އާސެނަލްގެ ކޯޗު މިކަލް އާޓެޓާ ބުނީ އާސެނަލުން ތެދުވެ ފަހަތަށް ބަލާލަން ޖެހޭ ކަމަށެވެ. މިދިޔަ ހަތަރު މަހު މޮޅުވަމުން ގޮސް އެކަން ދަމަހައްޓަން ޖެހޭ ވަގުތަކީ މިހާރު ކަމަށް އާޓެޓާ ބުންޏެވެ.

"އަހަރެމެންނަށް މިނޫން ހައްލެއް ނެތް. ޗެމްޕިއަންކަން ހޯދަން ބޭނުން ނަމަ، ޗެމްޕިއަންސް ލީގުގައި ތިބެން ބޭނުން ނަމަ ސީޒަންގެ މި ވަގުތުގައި ތެދުވާން ޖެހޭނެ. ކުރިއަށް ދާން ޖެހޭނެ. އެކަން ނުކުރެވިއްޖެނަމަ އޭގެ މާނައަކީ އެ ފެންވަރު [ލީގު ހޯދުމުގެ ފެންވަރު] ނެތީއޭ. އެއީ ކޮންމެހެން ބޭނުންވާ ކަމަކީ،" އާޓެޓާ ބުންޏެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ލިވަޕޫލް ކްރިސްޓަލް ޕެލަސް އަތުން ބަލިވީ 1-0 ންނެވެ. މެޗުގެ ހަމައެކަނި ލަނޑު ޕެލަސް އަށް ޖަހައި ދިނީ އެބެރެޗީ އެޒޭ އެވެ.