Roadha Mihaaru
އިންޓަ އިން ބާސެލޯނާ ބަލިކޮށްފި، ޒަވީގެ ރުޅި ރެފްރީއަށް

އިންޓަ އިން ބާސެލޯނާ ބަލިކޮށްފި، ޒަވީގެ ރުޅި ރެފްރީއަށް

05 އޮކްޓޯބަރ 2022

ޗެމްޕިއަންސް ލީގުގައި ރޭ އިޓަލީގެ އިންޓަ މިލާން އަތުން 1-0 އިން ބަލިވުމުން ސްޕެއިނުގެ ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް މެޗުގެ ރެފްރީއާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ޗެމްޕިއަންސް ލީގުގައި ރޭ އިޓަލީގެ އިންޓަ މިލާން އަތުން 1-0 އިން ބަލިވުމުން ސްޕެއިނުގެ ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް މެޗުގެ ރެފްރީއާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ރޭގެ މެޗުގައި ރެފްރީ ވަނީ ބާސެލޯނާ އިން ޖެހި ލަނޑެއް ބަލައިނުގަންނަން ނިންމައި އަދި ބާސެލޯނާ އަށް ލިބުން ގާތް ޕެނަލްޓީއެއް ނުދީފަ އެވެ.

މި މެޗުން ބަލިވުމުން ބާސެލޯނާ އޮތީ ތިން މެޗުން ނުވަ ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. އެއް ވަނައިގައި އޮތީ ރޭ ޗެކް ރިޕަބްލިކްގެ ވިކްޓޮރިއާ ޕްލެޒެން އަތުން 5-1 އިން މޮޅުވި ޖަރުމަނުގެ ބަޔާން މިއުނިކެވެ. އިންޓަ އޮތީ ހަ ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ޕޮއިންޓެއް ނުލިބި ފުލުގައި އޮތީ ޕްލެޒެން އެވެ.

އިންޓަގެ ސެންސީރޯގައި ރޭ ކުޅުނު މެޗު ކޮންޓްރޯލްކުރީ ބާސެލޯނާ އިންނެވެ. އެކަމަކު ކައުންޓާ އެޓޭކުގައި އިންޓަ އިން ނުރައްކާ ކުރި އެވެ. އެ ޓީމުން މެޗުގެ ހަމައެކަނި ގޯލް ފުރަތަމަ ހާފުގެ އިތުރު ވަގުތު ޖެހީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއްގައި ތުރުކީ މިޑްފީލްޑަރު ހަކާން ޗަނައޮގްލޫ އެވެ.

ދެ ވަނަ ހާފުގައި ބާސެލޯނާ އިން ކުރިއެކޭ އެއްގޮތަށް މެޗު ކޮންޓްރޯލްކޮށް ފުރަތަމަ ހާފާ ހިލާފަށް ގޯލް ޖަހާނ ސީދާ ފުރުސަތުތައް ހޯދި އެވެ. މީގެ ތެރެއިން ފުރުސަތެއްގައި އޭރިއާ ތެރެއަށް ހުރަސްވި ބޯޅައަކަށް އިންޓަގެ އަންދްރޭ އޮނާނާ އާއި ބާސެލޯނާގެ އަންސޫ ފާޓީ އެރުމުން އެއްވެސް ކުޅުންތެރިއަކަށް ލައްވާނުލާ އޭރިއާ ތެރެއަށް ވެއްޓުނީ އެވެ. އެވަގުތު ގަވީ ވަނީ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. އެކަމަކު ރެފްރީ ރީޕްލޭ ބެލުމަށް ފަހު ނިންމީ އަންސޫ އަތުގައި ބޯޅަ ޖެހުނު ކަމަށެވެ. އެހެންވެ އެ ލަނޑު ބަލައިނުގަތެވެ.

މެޗުގެ އިތުރު ވަގުތު އޭރިއާ ތެރެއިން އިންޓަގެ ޑެންޒެލް ޑުމްފްރިސް އަތުގައި ބޯޅަ ޖެހުމުން ބާސެލޯނާ އަށް ޕެނަލްޓީއެއް ލިބޭނެ ކަމަށް ބެލެވުނެވެ. އެކަމަކު ވީޑިއޯ އެސިސްޓަންޓް ރެފްރީގެ ލަފާގެ މަތިން ރެފްރީ ނިންމީ އެއީ ހޭންޑްބޯލެއް ނޫން ކަމަށެވެ. ބެލެވޭ ގޮތުގައި ރެފްރީ އެގޮތަށް ނިންމީ އެ ބޯޅަ ޑުމްފްރިސްގެ އަތުގައި ޖެހުނީ އޭނާގެ ގަސްދެއް ނެތި، ބޮލުގައި ޖެހިފައި ކަމަށްވާތީ އެވެ. އެކަމަކު އެ ބޯޅައާ، ފާޓީ އަތުގައި ޖެހުނު ބޯޅައާ ފެންނަ ފެނުމުގައި މާބޮޑު ތަފާތެއް ނެތެވެ.

ބާސެލޯނާގެ ކޯޗު ޒަވީ ބުނީ މިއީ ބޮޑު ބޭއިންސާފެއް ކަމަށާއި އޭނާ މިހުރީ ވަރަށް ރުޅިގަދަވެފައި ކަމަށެވެ.

"އަހަންނަށް ހީވަނީ ރެފްރީ އެބަޖެހޭހެން ކިޔައިދޭން އޭނާ އަށް ފެނުނު ގޮތެއް. އޭނާ މިތަނަށް (ޕްރެސް ކޮންފަރެންސް) އަށް އައިސް ކިޔައިދޭން ޖެހޭ. އެކަމަކު މިހާރު އޭނާ ގެޔަށް ހިނގައިދާނެ،" ޒަވީ ބުންޏެވެ.

ޑުމްފްރިސް އަތުގައި ބޯޅަ ޖެހުމުން އިންޓަގެ ކޯޗު ސިމޯނީ އިންޒާގީ ވެސް ހުރީ ޕެނަލްޓީއެއް ދޭނެ ކަމަށް ބަލައި ހާސްވެފަ އެވެ. އެކަމަކު ޕްރެސް ކޮންފަރެންސްގައި އޭނާ ބުނީ އެ މަންޒަރު ނުފެންނަ ކަމަށެވެ.

އިޓާލިއަން ލީގުގައި އިންޓަގެ ނަތީޖާ ދަށްވެ ނުވަ ވަނަ އަށް ވެއްޓިފައިވާތީ އިންޒާގީގެ މަގާމާ މެދު އޮތީ ސުވާލު އުފެދިފަ އެވެ. ރޭގެ މޮޅާ އެކު އޭނާ އަށް މެނޭޖްމަންޓުން އިތުރު ވަގުތު ދޭނެ އެވެ.

"މި ފެންވަރުގެ ޓީމެއް ބަލިކުރެވުމުން ވަރަށް އިތުބާރު ލިބިއްޖެ. މިފަދަ އިތުބާރެއް ބޭނުންވެފައި މިތިބީ،" އިންޒާގީ ބުންޏެވެ.

މި ގްރޫޕުގެ އަނެއް މެޗުގައި ރޭ އަމިއްލަ ދަނޑުގައި ޕްލެޒެން އަތުން ބަޔާން 5-0 އިން މޮޅުވިއިރު ލެރޯއީ ސާނޭ ދެ ގޯލް ޖެހި އެވެ. އަނެއް ތިން ގޯލް ޖެހީ ސާޖް ގްނެބްރީ، ސަޑިއޯ މާނޭ އަދި ޗޫޕޯ-މޫޓިން އެވެ.