Roadha Mihaaru
މިވަގުތަށް ބާސާ ސަލާމަތްވެއްޖެ، އެކަމަކު އަމިއްލަ ބާރެއް ނެތް

މިވަގުތަށް ބާސެލޯނާ ސަލާމަތްވެއްޖެ، އެކަމަކު އަމިއްލަ ބާރެއް ނެތް

13 އޮކްޓޯބަރ 2022

ޖެހިޖެހިގެން ދެ ވަނަ ސީޒަނުގައި ޗެމްޕިއަންސް ގްރޫޕް ސްޓޭޖުން ކެޓުމާ ގާތަށް ސްޕެއިނުގެ ބާސެލޯނާ ދަނިކޮށް ރޭ ފަހު ވަގުތު އިޓަލީގެ އިންޓަ މިލާނާ 3-3 އިން އެއްވަރުކޮށް މިވަގުތަށް އެ ޓީމު ސަލާމަތްވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ޖެހިޖެހިގެން ދެ ވަނަ ސީޒަނުގައި ޗެމްޕިއަންސް ގްރޫޕް ސްޓޭޖުން ކެޓުމާ ގާތަށް ސްޕެއިނުގެ ބާސެލޯނާ ދަނިކޮށް ރޭ ފަހު ވަގުތު އިޓަލީގެ އިންޓަ މިލާނާ 3-3 އިން އެއްވަރުކޮށް މިވަގުތަށް އެ ޓީމު ސަލާމަތްވެއްޖެ އެވެ.

އެކަމަކު އެ ޓީމަށް އަމިއްލަ ބާރެއް ނެތެވެ. ދެން އޮންނަ މެޗެއްގައި، ގްރޫޕް ސްޓޭޖުން ކަޓާފައިވާ ޗެކް ރިޕަބްލިކުގެ ވިކްޓޮރިއާ ޕްލެޒެން އަތުން އިންޓަ މޮޅުވެއްޖެ ނަމަ ބާސެލޯނާ ކަޓާނެ އެވެ. އެ ޓީމު މުބާރާތުގައި ކުރިއަށް ދިއުން ބިނާވެފައި އޮތީ އިންޓަ އިން ފަހު ނެރޭ ނަތީޖާއަކަށެވެ.

ރޭ ޕްލެޒެން އަތުން 4-2 އިން މޮޅުވެ ޖަރުމަނުގެ ބަޔާން މިއުނިކް ވަނީ މުބާރާތުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފަ އެވެ. އެ ޓީމު އެއް ވަނައިގައި އޮތީ 12 ޕޮއިންޓާ އެކު އެވެ. އިންޓަ ދެ ވަނައިގައި އޮތީ ހަތް ޕޮއިންޓް ހޯދައިގެންނެވެ. ބާސެލޯނާ އޮތީ ހަތަރު ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ޕްލެޒެން އޮތީ ޕޮއިންޓެއް ނުލިބި ފުލުގަ އެވެ.

ބާސެލޯނާ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ 40 ވަނަ މިނެޓުގައި އޮސްމާނޭ ޑެމްބެލޭ އެ ޓީމަށް ކުރި ހޯދައިދިނެވެ. އޭގެ ފަހުން އިންޓަ އިން ވަނީ ނިކޯލޯ ބަރެއްލާ އާއި ލޮޓާރޯ މާޓިނޭޒްގެ ލަނޑުތަކުން ފަހަތުން އަރައި ލީޑު ނެގި އެވެ. ބާސެލޯނާ އިން އަލުން އެއްވަރުކުރީ 82 ވަނަ މިނެޓުގައި ރޮބަޓް ލެވޮންޑޮސްކީ ޖެހި ލަނޑުންނެވެ.

އެކަމަކު 89 ވަނަ މިނެޓުގައި ރޮބިން ގޮސެންސްގެ ލަނޑުން އިންޓަ އިން އަނެއްކާ ވެސް ކުރި ހޯދި އެވެ. ބާސެލޯނާ ބަލިނުވެ ސަލާމަތްވީ އިތުރު ވަގުތުގެ ތެރޭގައި ލެވޮންޑޮސްކީ ޖެހި ގޯލުންނެވެ.

ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނީ ބަލިވީ އަމިއްލަ އަށް ހެދުނު ގޯސްތަކަކުން ކަމަށާއި މުބާރާތުގައި ކުރީ މެޗުތަކުގައި ވެސް ކަންވީ އެހެން ކަމަށެވެ.

"މުބާރާތުގައި ކުރިއަށް ދާން މިއޮތީ އެހެން ޓީމަކަށް ބަރޯސާވާން ޖެހިފައި. މިއީ އަހަރެމެންނަށް ހެދުނު ގޯސްތަކަކުން ވީ ގޮތެއް. އަހަރެމެން އެބަޖެހޭ ރަނގަޅުކުރަން. އިތުރު މުބާރާތްތަކެއް އެބައޮތް. ލީގާއި ސްޕެނިޝް ކަޕާއި ސުޕަ ކަޕް އެބައޮތް. އެހެންވެ ރަނގަޅުކޮށްގެން ކުރިއަށްދާންވީ،" ޒަވީ ބުންޏެވެ.

ޑިފެންޑަރުން ކަމަށްވާ ޖޫލްސް ކޫންޑޭ އާއި ރޮނާލްޑް އަރައޫހޯ އަދި އަންދްރެއަސް ކްރިސްޓެންސެންގެ އަނިޔާގެ ސަބަބުން ރޭ ބާސެލޯނާގެ ފަހަތް ބެލެހެއްޓީ މި ސީޒަނުގައި މުބާރާތުގައި އަލަށް ކުޅުނު ޖެރާޑް ޕީކޭ އެވެ. އިންޓަ އިން ރޭ ފުރަތަމަ އެއްވަރުކުރީ އޭނާ ހެދި ގޯހަކުން ބަރެއްލާ ޖެހި ގޯލުންނެވެ.