05 އޮކްޓޯބަރ 2022
ދައުލަތުގެ މީޑިއާ، ޕީއެސްއެމް އަށް ތުހުމަތުވާ 100 މިލިއަން ރުފިޔާގެ ކޮރަޕްޝަންއާ ގުޅޭ އެއްވެސް ކަމެއް ނޭނގޭ ކަމަށާއި މައްސަލަތަކެއް އުޅެނީ ކުރީގެ މެނޭޖުމަންޓުން ކޮށްފައިވާ ކަންތައްތަކެއްގެ ސަބަބުން ކަމަށް ބުނެ އެ ކުންފުނީގެ ބޯޑުން ރައްޔިތުން މަޖިލީހުގެ ސަރުކާރުގެ ކުންފުނިތަކާ ބެހޭ ކޮމެޓީގައި މިއަދު ދިފާއުގައި ވާހަކަދައްކައިފި އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމް އަށް ތުހުމަތުވާ 100 މިލިއަން ރުފިޔާގެ ކޮރަޕްޝަންއާ ގުޅޭ އެއްވެސް ކަމެއް ނޭނގޭ ކަމަށާއި މައްސަލަތަކެއް އުޅެނީ ކުރީގެ މެނޭޖުމަންޓުން ކޮށްފައިވާ ކަންތައްތަކެއްގެ ސަބަބުން ކަމަށް ބުނެ އެ ކުންފުނީގެ ބޯޑުން ރައްޔިތުން މަޖިލީހުގެ ސަރުކާރުގެ ކުންފުނިތަކާ ބެހޭ ކޮމެޓީގައި މިއަދު ދިފާއުގައި ވާހަކަދައްކައިފި އެވެ.
ޕީއެސްއެމްގެ ބޯޑުގެ ޗެއާމަން އިބްރާހިމް ހިލްމީ އާއި މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު އެ ކޮމެޓީ އަށް ހާޒިރުކުރީ، ޕީއެސްއެމްގެ ކުރީގެ ޗީފް އިންޓާނަލް އޮޑިޓަރު އަހުމަދު ފަޒީލް އެ ކުންފުންޏަށް ކޮށްފައިވާ ކޮރަޕްޝަންގެ ބޮޑު ތުހުމަތާ ގުޅިގެން ޖަވާބުދާރީ ވެވަޑައިގަތުމަށެވެ.
މިދިޔަ ހަފުތާގައި ފަޒީލް އެ ކޮމެޓީ އަށް ހާޒިރުކުރުމުން އޭނާ ވިދާޅުވެފައި ވަނީ އެ ކުންފުނީގެ އޮޑިޓް ޑިޕާޓްމަންޓުން މިދިޔަ އަހަރުގެ ނިޔަލަށް 30 މައްސަލައެއް ބަލައި، 14 ރިޕޯޓެއް ތައްޔާރުކޮށް، ބޯޑަށް ހުށަހެޅި ކަމަށެވެ. އެކަމަކު އެ ރިޕޯޓުތަކާ ގުޅިގެން ޕީއެސްއެމްގެ ބޯޑުން އެއްވެސް ފިޔަވަޅެއް ނޭޅި ކަމަށެވެ.
އެކަމަކު، އެ ވާހަކަ ދިފާއުކުރައްވައި ހިލްމީ މިއަދު ވިދާޅުވީ ފަޒީލް އެކުލަވާލެއްވި އެއްވެސް ރިޕޯޓެއް ކުންފުނީގެ ބޯޑަށް ލިބިފައި ނުވާ ކަމަށެވެ. ބޯޑަށް ލިބިފައި ވަނީ އެ ކުންފުނީގެ އެމްޑީ، ހާލިދު އެކުލަވާލެއްވި ހާއްސަ ކޮމެޓީއަކުން ރަނގަޅު ކުރަން ހުށަހެޅި ބައެއް ކަންކަމުގެ ރިޕޯޓްތަކެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ބޯޑަށް، ތި ރިޕޯޓް އައި ކަމަކަށް އަދި މިހާތަނަކަށް ފާހަގައެއް ނުކުރެވޭ. ބައިވަރު ރިޕޯޓްތައް، 15 ވަރަކަށް ރިޕޯޓް އަޅުގަނޑުމެންނާ ހިސާބަށް އައިސް ހުރި. އެކަމަކު އައިސްފައި ހުރީ މެނޭޖިން ޑިރެކްޓަރު އެކުލާވާލި ކޮމެޓީއަކުން،" އޭނާ ވިދާޅުވި އެވެ.
"[2018ގައި ހާވަލުވި] މި މެނޭޖުމަންޓް އައުމަށް ފަހު ހިނގާފަ އޮތް ކަމަކުންނެއް އެއްވެސް މައްސަލައެއް މިހާތަނަކަށް އަޅުގަނޑުމެންނަކަށް ވެސް އަދި އޭސީސީއަކަށް ވެސް [އެނގިފައެއް] ނެތް. ކުރީގައި ހިނގާފައި ހުރި ކަންކަން މި ހުރީ އިނގޭތޯ."
ހާލިދު ވިދާޅުވި ގޮތުގައި، އެ ކުންފުނީގެ އާ މެނޭޖުމަންޓް ހަވާލުވިއިރު ވަރަށް ބައިވަރު މައްސަލަތައް ހުރި ކަމަށާއި އަދި ހަވާލުވިތާ ފަސް ދުވަސް ތެރޭގައި އެ މައްސަލަތަކުގެ ތެރެއިން 14 މައްސަލައެއް އޭސީސީ އަށް ވެސް ހުށަހެޅި ކަމަށެވެ. އަދި އޭގެ ފަހުން ހާއްސަ އޮޑިޓް ކޮމެޓީއެއް އޭނާގެ އިސްނެންގެވުމުގެ މަތިން އެކުލަވާލައްވައި، އެ މައްސަލަތަކުގެ ތަފުސީލީ ރިޕޯޓެއް ވެސް ފަހުން އެސީސީ އަށާއި މަޖިލީހަށް ވެސް ހުށަހެޅުއްވި ކަމަށެވެ.
"އެ ވިދާޅުވާ 30 ރިކޮމެންޑޭޝަންގެ މައްސަލަތަކެއް އަޅުގަނޑާ ހަމައަކަށް ހަމަގައިމު ވެސް ނާދޭ. ފަހުން ވެސް އިންޓާނަލް އޮޑިޓާ [ފަޒީލް] ފޮނުވި މެމޯއެއްގައި ވެސް އެ ބޭފުޅާ 30 މައްސަލަ އަހަރެން ތަހުގީގު ކުރީމެ، 14 މައްސަލަ ރިޕޯޓް އަހަރެން ތައްޔާރުކުރީމެ އޮތް. އެކަމަކު އެ ރިޕޯޓްތައް ތައްޔާރުކޮށްފައި ހުރީ އަޅުގަނޑުމެން [އޮޑިޓް ކޮމެޓީން] އެންމެ ފުރަތަމަ ހެދި 14 ރިޕޯޓްތަކުގެ ތެރެއިން އެއްޗެހިތަކެއް ނަގައިގެން،" އޭނާ ވިދާޅުވި އެވެ.
ޕީއެސްއެމްއާ ގުޅޭ 100 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ މައްސަލާގައި އެ ކުންފުނީގެ ބޯޑު ޖަވާބުދާރީކުރުވުމަށް މަޖިލީހުގެ ދައުލަތުގެ ކުންފުނިތަކާ ބެހޭ ކޮމެޓީން ބޭއްވި ބައްދަލުވުން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ހިލްމީ އާއި ހާލިދު ތުހުމަތުކުރެއްވި ގޮތުގައި އިންޓާނަލް އޮޑިޓަރު ކަމުގެ މަގާމުގައި ފަޒީލް ހުންނަވައިގެން މާ ބޮޑު މަސައްކަތެއް ކުރައްވާފައެއް ނުވެ އެވެ. އޮޑިޓް ޑިޕާޓްމަންޓް އުވާލަން ވެސް ޖެހުނީ އެދެވޭ ނަތީޖާ ނުފެނިގެން ކަމަށެވެ.
"އިންޓާނަލް އޮޑިޓް އުވާލަން ދިމާވި މައިގަނޑު މައްސަލައަކީ އިންޓާނަލް އޮޑިޓް އޭގެ ފުރިހަމަ ގޮތުގައި، އަޅުގަނޑުމެންގެ ކުންފުންޏަށް ބޭނުންނުކުރޭތީ. އަޅުގަނޑުމެންގެ އެކްސްޕާޓް އޮޕީނިއަން ބޯޑަށް ހޯދައިފައި އެއަށް ފަހުގައި އުވާލާފައި ވާނީ،" ހިލްމީ ވިދާޅުވި އެވެ.
ހެންވޭރު އަޑިޕާކުގައި ކުރިން ހުރި ދިވެހިރާއްޖޭގެ އަޑުގެ އެންޓަނާތައް ތިލަފުއްޓަށް ބަދަލުކުރާ ޕްރޮޖެކްޓަކީ ޖަޕާނުގެ ހިލޭ އެހީގެ ދަށުން 2012 ވަނަ އަހަރު ފެށި މަސައްކަތެކެވެ. އެ މަސައްކަތް ކުރުމަށް ޖަޕާނުން 52 މިލިއަން ރުފިޔާ ދިނެވެ. ބިޑަށް ހުޅުވާލައިގެން، ޕީއެސްއެމުން 2017 ވަނަ އަހަރު އެ ޕްރޮޖެކްޓް ހަވާލުކުރީ ސްރީ ލަންކާގެ ތަންތުރި ކިޔާ ކުންފުންޏަކާ އެވެ.
ހާލިދު ވިދާޅުވި ގޮތުގައި، 2018 ވަނަ އަހަރުގެ މެދު ތެރެއިން އެ ކުންފުންޏާ އެކު ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވި އެވެ. އޭރު، އެ ޕްރޮޖެކްޓަށް ހަރަދުކުރަން ނިންމާފައިވާ 52 މިލިއަން ރުފިޔާގެ ތެރެއިން 37 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އަދި އެ ޕްރޮޖެކްޓުގެ ބޮޑު ބައި އޮތީ ނިމިފައި ކަމަށެވެ.
"ރާއްޖެ އަށް ގެންނަން ޖެހޭ ހުރިހާ އެއްޗެއް ގެނެސް، އުމުރާނީ ތަރައްގީގެ ހުރިހާ ކަމެއް ނިމި، ކޮންސްޓްރަކްޝަން ހުރީ ނިމިފައި، ތިލަފުށީގައި ޖަހަން ޖެހޭ ހުރިހާ ޓަވަރަކާ އެއްޗެހި ނިމިފައި. ކުރަން ޖެހޭ ކަމަކަށް ހުރީ މި އިންޓަގްރޭޝަން އާއި ކޮމިޝަނިންނާއި މީހުން ޓްރެއިންކުރުމާއި މި ކަހަލަ ކަންތައްތަކެއް،" އޭނާ ވިދާޅުވި އެވެ.
އެ ޕްރޮޖެކްޓްގެ ބަޖެޓުގައި ބާކީ އޮތް 15 މިލިއަން ރުފިޔާއިން އެ މަސައްކަތް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، އިތުރު ހަރަދެއްކޮށް އެ ޕްރޮޖެކްޓް ނިންމުމަށް އެއްވެސް ހުރަހެއް އޮތްތޯ ޔަގީންކުރެއްވުމަށް އޭސީސީ އަށް ދެފަހަރެއްގެ މަތިން އެ މައްސަލަ ހުށަހެޅުމުން އެއްވެސް އިއުތިޒާރެއް ނެތް ކަމަށް ބުނެފައި ވާތީ، ތަންތުރިއާ އެކު ހެދި އެއްބަސްވުން އާކުރެއްވި ކަމަށެވެ.
"ފިނޭންސް މިނިސްޓްރީން ފައިސާ ދޫކުރަނީ. އަދިވެސް ޕްރޮޖެކްޓެއް ނުނިމޭ އެކަމަކު އަޅުގަނޑުމެން ކުރި މަސައްކަތުން [އަޑުގެ] ސިގްނަލް ދެވޭވަރު ވެއްޖެ.... 2019 ނިމުނުއިރު ހުރިހާ ހިސާބަކަށް [އަޑުގެ ސިގްނަލް] ލިބޭ. އެންމެ ސާފުކޮށް ނުލިބިދާނެ އެކަމަކު ހުރިހާ ހިސާބަކަށް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
"އެކައުންޓްގައި ދެ ލައްކަ އަށް ވުރެ ގިނަ ޑޮލަރު (3 މިލިއަން ރުފިޔާ) ހުންނާނެ. އަދިވެސް އެ ޕްރޮޖެކްޓުގެ ބައެއް ކަންތައްތައް ކޮންސަލްޓަންސީއާ އެއްޗެހި ނުނިމޭތީވެ."
ޕީއެސްއެމްގެ 100 މިލިއަންގެ ހިޔާނާތުގެ އަޑީގައި ދެ ސަރުކާރުން ވެސް އޮޅުވާލުންތައް! https://t.co/VsNV3BNoJH
— Mihaaru (@Mihaarunews) September 26, 2022
އެކަމަކު ފަޒީލް ވިދާޅުވެފައި ވަނީ، އެ ޕްރޮޖެކްޓް ހަވާލުކުރި ތަންތުރި އަކީ އެންޓަނާއާ ގުޅޭ ކަންކަމުގެ އެއްވެސް ތަޖުރިބާއެއް ލިބިފައި ނެތް ކުންފުންޏެއް ކަމަށާއި އެއީ ހެވީލޯޑް ވެހިކަލްތަކުގެ ޓްރެއިލާ ނުވަތަ އޮނިގަނޑު އުފައްދާ ކުންފުންޏެއް ކަމަށް އެނގިވަޑައިގެންފައިވާ ކަމަށެވެ. އެ މަސައްކަތަށް ގާބިލު ނޫން އަދި މާލީ ގޮތުން ވެސް ހާލަތު ދަށް ކުންފުންޏަކާ ހަވާލުކުރުމުން ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމަށެވެ.
މިއަދު ކޮމެޓީގައި ބައެއް މެމްބަރުން އެ ސުވާލުކުރެއްވުމުން ހިލްމީ އާއި ހާލިދު ވެސް ވިދާޅުވީ، އެ މަސައްކަތް ތަންތުރިއާ ހަވާލުކުރީ އެ ކުންފުނީގެ މީހާރުގެ މެނޭޖުމަންޓުން ނޫން ކަމަށް ވާތީ، އެ މަސައްކަތް ހަވާލުކުރުމުގައި ބަލާފައި އޮތީ ކޮން ކަންކަމަކަށް ކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި މިއަދު މެމްބަރުން ކުރެއްވި އެހެން ގިނަ ސުވާލުތަކަށް ވެސް އެ ދެބޭފުޅުން ދެއްވި ޖަވާބަކީ "ނޭނގޭ" ކަމަށާއި "ކުރީގެ މެނޭޖުމަންޓުގެ ދަށުން ހިނގާފައިވާ" ކަމެއް ކަމަށެވެ.
"އަޅުގަނޑު އޭރަކު ނެތް. އަޅުގަނޑުގެ އަމިއްލަ ހައިސިއްޔަތުން ދަންނަވާ ނަމަ ނޭނގެ ތިކަން ހިނގާފައި އޮތް ގޮތެއް،" ހާލިދު ވިދާޅުވި އެވެ.
ބޯޑުން ދިން ޖަވާބުތަކަށް ފަހު، މަޖިލީހުގެ ސަރުކާރުގެ ކުންފުނިތަކާ ބެހޭ ކޮމެޓީން މިއަދު ނިންމީ އެ މައްސަލާގައި ގޮތެއް ނިންމުމުގެ ކުރިން އޭސީސީއާ ވެސް ގުޅިގެން އެ ކޮރަޕްޝަނާ ގުޅޭ މަޝްވަރާތައް ކުރުމަށެވެ.
ޕީއެސްއެމްއިން އަލުން މަޖިލިސް ލައިވްކުރަން ނިންމައިފި
މަޖިލިސް ލައިވްކުރުން ޕީއެސްއެމްއިން ހުއްޓާލައިފި
ޕީއެސްއެމްގެ ހިޔާނާތުގައި 2 ސަރުކާރުގެ ވެސް އޮޅުވާލުން
93ދާއިރާގެ ކެންޑިޑޭޓުންގެ ބަހުސް ޕީއެސްއެމުން ބާއްވަނީ
ކަރެކްޝަންސް އަށް އަޑުގެ އިމާރާތުން ބައެއް ދެނީ
އަލީ، ދެވަނަ ދައުރަކަށް ޕީއެސްއެމަށް އައްޔަންކޮށްފި
ޕީއެސްއެމްގެ އެމްޑީއަކަށް އަނެއްކާ ވެސް އަލީ ހާލިދު
ދައުރު ހަމަވެގެން އަލީ ހާލިދު ޕީއެސްއެމުން ވަކިވެއްޖެ
ޕީއެސްއެމްގެ ކަރަންޓު ބިލަށް 80 މިލިއަން ނުދައްކާ!
ބޮޑު ހިޔާނާތަކާ ގުޅިގެން ޕީއެސްއެމް ބޯޑު ކޮމިޓީއަށް!