Roadha Mihaaru
ޕީއެސްއެމްގެ ހިޔާނާތުގައި 2 ސަރުކާރުގެ ވެސް އޮޅުވާލުން

ޕީއެސްއެމްގެ 100 މިލިއަންގެ ހިޔާނާތުގެ އަޑީގައި ދެ ސަރުކާރުން ވެސް އޮޅުވާލުންތައް!

26 ސެޕްޓެމްބަރ 2022

ދައުލަތުގެ މީޑިއާ ކުންފުނި، ޕީއެސްއެމާ ގުޅޭ 100 މިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގައި މި ސަރުކާރާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް ބޮޑެތި އޮޅުވައިލުންތައް އޮޅުވާލާފައިވާކަން އެ ކުންފުނީގެ ކުރީގެ އޮޑިޓަރު، ރައްޔިތުން މަޖިލީހުގެ ސަރުކާރުގެ ކުންފުނިތަކާ ބެހޭ ކޮމެޓީގައި މިއަދު ދެއްކެވި ވާހަކަތަކުން ހާމަވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ދައުލަތުގެ މީޑިއާ ކުންފުނި، ޕީއެސްއެމާ ގުޅޭ 100 މިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގައި މި ސަރުކާރާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް ބޮޑެތި އޮޅުވައިލުންތައް އޮޅުވާލާފައިވާކަން އެ ކުންފުނީގެ ކުރީގެ އޮޑިޓަރު، ރައްޔިތުން މަޖިލީހުގެ ސަރުކާރުގެ ކުންފުނިތަކާ ބެހޭ ކޮމެޓީގައި މިއަދު ދެއްކެވި ވާހަކަތަކުން ހާމަވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ އެސްއޯއީ ކޮމިޓީން ބޭއްވި ބައްދަލުވުމަށް ޕީއެސްއެމްގެ ކުރީގެ ޗީފް އިންޓާނަލް އޮޑިޓަރު އަހުމަދު ފަޒީލް ހާޒިރުކޮށް، އެ ކޮމިޓީގެ މެމްބަރުން ސުވާލު ކުރެއްވުމުން އޭނާ ވިދާޅުވީ، އެ ކުންފުނީގެ އޮޑިޓް ޑިޕާޓްމަންޓުން މިދިޔަ އަހަރުގެ ނިޔަލަށް 30 މައްސަލައެއް ބަލައި 14 ރިޕޯޓެއް ތައްޔާރުކޮށް، ބޯޑަށް ހުށަހެޅި ކަމަށެވެ. އެކަމަކު އެ ރިޕޯޓުތަކާ ގުޅިގެން ޕީއެސްއެމްގެ ބޯޑުން އެއްވެސް ފިޔަވަޅެއް ނޭޅި ކަމަށް އޭނާ ވިދާޅުވި އެވެ.

މި އަހަރު ކުރީކޮޅު، ކުއްލި ގޮތަކަށް އޮޑިޓް ޑިޕާޓްމަންޓް އުވާލައި، އޮޑިޓްގެ ކަންކަން އައުޓްސޯސް ކުރަން ޕީއެސްއެމުން ނިންމީ ހިޔާނާތްތައް ނުބަލައި އަދި ހިޔާނާތް ފަޅާއަރުވައިލި ރިޕޯޓްތައް ފޮރުވަން ވެގެން ކަމަށް ފަޒީލް ތުހުމަތު ކުރައްވަ އެވެ. އެކަމަކު އެ ތުހުމަތުތައް ޕީއެސްއެމުން ދޮގުކުރެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޕީއެސްއެމްގެ އޮޑިޓްގެ ކަންކަމުގައި އެ ކުންފުނީގެ އިސްވެރިންގެ ފަރާތުން އެއްބާރުލުން ލިބުން ހުއްޓުނީ މިދިޔަ އަހަރުގެ ނޮވެމްބަރުގައި، އުސޫލުން ބޭރުން އެ ކުންފުނިން ހިންގާފައިވާ ޕްރޮޖެކްޓުތަކެއް އެ ޑިޕާޓްމަންޓަށް ފާހަގަކުރެވުނު ހިސާބުންނެވެ.

ވަކި ސަރުކާރެއް އިސްތިސްނާ ނުވެ، ޔާމީންގެ ސަރުކާރާއި މި ސަރުކާރުގައި ވެސް ތިއްބެވި ޕީއެސްއެމްގެ އިސްވެރިން އެ ބޮޑު ކޮރަޕްޝަންގައި ބައިވެރިވެފައިވާ ކަން އޮޑިޓް ރިޕޯޓަށް ފާހަގަވެފައިވެ އެވެ.

އަޑުގެ އެންޓަނާތައް ބަދުލުކުރުން ކަމާ ނުގުޅޭ ބަޔަކަށް!

ޕީއެސްްއެމުން 2017 ވަނަ އަހަރުން ފެށިގެން ހިންގި އެންމެ ބޮޑު ކޮރަޕްޝަނެއްގެ ގޮތުގައި ފަޒީލް ފާހަގަކުރެއްވީ، ހ. އަޑިޕާކުގައި ކުރިން ހުރި ދިވެހިރާއްޖޭގެ އަޑުގެ އެންޓަނާތައް ކ. ތިލަފުއްޓަށް ބަދަލުކުރުމަށް ހަވާލުކުރި "މީޑިއަމް ވޭވް ޕްރޮޖެކްޓު" ގައި ހުރި އޮޅުވައިލުންތަކެވެ. އެއީ ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް އެ މަގާމުތަކުގައި ތިއްބެވި ދުވަސްވަރު ފެށި ޕްރޮޖެކްޓެކެވެ.

ދެ ބުރެއްގެ މައްޗަށް އިއުލާންކުރި އެ ޕްރޮޖެކްޓަށް، ފުރަތަމަ ބުރުގައި ކުރިމަތިލީ އެމެރިކާގެ ގޭޓްސްއެއާ ކިޔާ ކުންފުންޏަކާއި ސްރީ ލަންކާގެ ތަންތުރީ ކުންފުންޏާއި އަދި އެހެން ބައެއް ކުދިކުދި ކުންފުނިތަކުންނެވެ. ދެވަނަ ބުރަކަށް އިއުލާނުކުރުމުން 44 މިލިއަން ރުފިޔާގެ އެ ޕްރޮޖެކްޓް އެންމެ ފަހުން ހަވާލުކުރީ ލަންކާގެ ތަންތުރީއާ އެވެ.

އެކަމަކު ފަޒީލް ވިދާޅުވީ، ތަންތުރީ އަކީ އެންޓަނާއާ ގުޅޭ ކަންކަމުގެ އެއްވެސް ތަޖުރިބާއެއް ލިބިފައި ނެތް ކުންފުންޏެއް ކަމަށާއި އެއީ ހެވީލޯޑް ވެހިކަލްތަކުގެ ޓްރެއިލާ ނުވަތަ އޮނިގަނޑު އުފައްދާ ކުންފުންޏެއް ކަމަށް އެނގިވަޑައިގެންފައިވާ ކަމަށެވެ. އެ މަސައްކަތަށް ގާބިލު ނޫން އަދި މާލީ ގޮތުން ވެސް ހާލަތު ދަށް ކުންފުންޏަކާ ހަވާލުކުރުމުން ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ޕްރޮޖެކްޓަށް ތަންތުރީ އިން ހުށަހެޅި ޕްރޮޕޯސަލް ވެސް ފެންނާކަށް ނެތް. އެހެންވެ އަޅުގަނޑުމެން އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ ޕްރޮޖެކްޓް ހަވާލުކުރީ ޕްރޮޕޯސަލް ހުށަނާޅާ ކަމަށް،" ފަޒީލް ވިދާޅުވި އެވެ.

ތަންތުރީއާ ޕްރޮޖެކްޓް ހަވާލުކުރި ފަހުން ވެސް، ޕީއެސްްއެމުން އެ ކުންފުންޏަށް ހަރަދުތަކެއް ކޮށްފައިވާ ކަން އޮޑިޓަށް ފާހަގަވި އެވެ. އެއީ ތަންތުރީން ދައްކަން ޖެހޭ ގިނަ ފައިސާތަކެއް ޕީއެސްއެމުން ދައްކާފައި ހުރުމުންނެވެ.

ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލު (ކ) އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް: އެ ދެ ބޭފުޅުން މަގާމުގައި ތިއްބެވިއިރު ހިންގި ކޮރަޕްޝަންގެ ގިނަ އަމަލުތަކެއް އޮޑިޓުން ފާހަގަވެފައިވޭ.

ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލު (ކ) އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް: އެ ދެ ބޭފުޅުން މަގާމުގައި ތިއްބެވިއިރު ހިންގި ކޮރަޕްޝަންގެ ގިނަ އަމަލުތަކެއް އޮޑިޓުން ފާހަގަވެފައިވޭ.

"ބޭރުން އެތެރެކުރާ ހުރިހާ އެއްޗަކަށް ޑިއުޓީ ދައްކާފައި ވެސް ހުރީ ޕީއެސްއެމުން. ސައިޓަށް ކަރަންޓު ލުމާއި ހުރިހާ ކަމަކަށް ހަރަދުކޮށްފައި ހުރީ ޕީއެސްއެމުން،" ފަޒީލް ވިދާޅުވި އެވެ.

"އެކަމަކު ޕްރޮޖެކްޓު އެވޯޑްކުރުމަށް ފަހު އެ ޕްރޮޖެކްޓަށް ޕީއެސްއެމުން އެއްވެސް ހަރަދެއް ކުރަން ނުޖެހޭނެ. އެއްބަސްވުމުގައި ނެތް އެގޮތަކަށް."

ފަޒީލް ވިދާޅުވިގޮތުގައި އެ ހަރަދުތަކަށް 1.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައި ވެ އެވެ. އޭގެ އިތުރުން، އެ ޕްރޮޖެކްޓް ނުނިމެނީސް، އެއްޗެހި މަރާމާތުކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ތަންތުރީ އިން ޕީއެސްއެމަށް ކޯޓޭޝަންތައް ވެސް ފޮނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަކި ހިސާބަކުން ތަންތުރީން ލާރީގެ މައްސަލަ ދިމާވެގެން ޕްރޮޖެކްޓް ހުއްޓައިލި. އެކަމަކު ހުއްޓައިލަން މެދުވެރިވި ސަބަބެއް ވެސް ލިޔެކިޔުމުން އެނގޭކަށް ނެތް،" އޭނާ ވިދާޅުވި އެވެ.

"މަސައްކަތް ހުއްޓާލައިފައި އޮއްވައި 2019ގެ ކުރީކޮޅުގައި އަޅުގަނޑުމެންނަށް ޕީއެސްއެމްގެ އިސް ފަރާތަކުން މައުލޫމާތު ދިނީ، ކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު، ތަންތުރީގެ މެނޭޖިން ޑިރެކްޓަރާ ބައްދަލުކޮށް، އެ ޕްރޮޖެކްޓުގެ އެއްބަސްވުން އާކޮށްފައިވާ ކަމަށް،" ފަޒީލް ވިދާޅުވި އެވެ.

އެއީ އެ އެއްބަސްވުމުގެ މުއްދަތު ވެސް ހަމަވިތާ އަހަރެއްހާ ދުވަސް ފަހުން ކަމަށާއި އެއްބަސްވުން އާ ކުރާ ސަބަބު އޮޑިޓަރަށް އަންގަން ޖެހޭ ގޮތަށް އޮތަސް އެކަން ވެސް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބާތިލުވެފައި އޮތް އެގްރީމެންޓެއް އާ ކުރީ މިހާރުގެ އެމްޑީ. އެއްވެސް ތާކުން ހުއްދަ ނެތި،" ފަޒީލް ވިދާޅުވި އެވެ.

"ބާތިލުވެފައި އޮތް އެގްރީމެންޓެއް އެމްޑީ އާ ކުރުމުން ދައުލަތަށް 18 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ވެފައިވޭ. މާނަ އަކީ ކޮންޓްރެކްޓަށް ފައިސާ ނުދައްކައި ހުއްޓާލައިފައި އޮއްވައި، އެމްޑީ އަމިއްލަ އަށް ސޮއިކޮށްފައި ދިން ލިޔުމެއްގެ ސަބަބުން ދައުލަތަށް ގެއްލުންވެއްޖެޔޭ."

ޕްރޮކިއުމަންޓަށް ނޭނގޭ ޕްރޮޖެކްޓެއް ބަޔަކާ ހަވާލުކޮށްފައި

ފަޒީލް ތަފުސީލު ދެއްވި، ކޮރަޕްޝަނާ ގުޅޭ ދެވަނަ ޕްރޮޖެކްޓަކީ ޕީއެސްއެމްގެ އާކައިވް ޒަމާނީ ކުރުމަށް ބަޔަކާ ހަވާލުކުރި މަސައްކަތެވެ. އެ ޕްރޮޖެކްޓް ހަވާލުކޮށްފައި ވަނީ މެލޭޝިއާގެ އޮރިއެންޓަލް ޕްރައިވެޓް ލިމިޑެޓް ކިޔާ ކުންފުންޏަކާ އެވެ. އެކަމަކު، ތިން މިލިއަން ޑޮލަރުގެ އެ ޕްރޮޖެކްޓް ބަޔަކާ ހަވާލުކުރިކަން ވެސް ޕީއެސްއެމްގެ ޕްރޮކިއުމެންޓް ޑިޕާޓްމަންޓަކަށް "ނޭނގެ" އެވެ.

"އާކައިވް ޕްރޮޖެކްޓުގައި ޕްރޮކިއުމެންޓް ޕްރޮސެސްއެއް އެއްވެސް ވަރަކަށް ހިންގާފައެއް ނެތް. އެ ވާހަކަ ޕްރޮކިއުމެންޓް ޑިޕާޓްމަންޓްގައި ލިޔުމުން ދެންނެވީމާ ބުނީ، އެއީ އެ މީހުންނަށް އެއްވެސް ވަރަކަށް އެނގޭ ޕްރޮޖެކްޓެއް ނޫން ކަމަށް،" އޭނާ ވިދާޅުވި އެވެ.

އޮޑިޓުން ބެލިބެލުމުން އެނގުނު ގޮތުގައި އެއީ އާކައިވްއާ ގުޅޭ ކަންކަން ކުރާ ވެސް ކުންފުންޏެއް ނޫނެވެ. އެއީ ނޫސްތަކާ ގުޅޭ މަސައްކަތްކުތާ ކުންފުންޏެކެވެ.

"އެ ބޭފުޅުން ހުށަހަޅާފައި އިން ބީއޯކިއުއެއް ވެސް. އޭގައި ނެތް އެއްވެސް އަގެއް ވެސް. އަޅުގަނޑުމެންނަށް ހަމައެކަނި އަގެއް ފެންނަން އިންނަނީ އެ ބޭފުޅުންނާ އެކު ހެދި އެއްބަސްވުމުގައި،" އޭނާ ވިދާޅުވި އެވެ.

"އެ ޕްރޮޖެކްޓަށް ތިން މިލިއަން ޑޮލަރު ލިބުނު ގޮތެއް ވެސް އެނގޭކަށް ނެތް."

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު: އޭނާ އަށް ވެސް ސީރިއަސް ތުހުމަތެއް ކޮށްފައިވޭ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު: އޭނާ އަށް ވެސް ސީރިއަސް ތުހުމަތެއް ކޮށްފައިވޭ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ފަޒީލް ވިދާޅުވީ، ވުޖޫދުގައި ނެތް ބައެއް ކުންފުނިތަކަށް ވެސް ޕީއެސްއެމްގެ އެކި ޕްރޮޖެކްޓުތައް ހަވާލުކޮށްފައިވާ ކަމަށެވެ. ހަމައެކަނި ޕީއެސްއެމްގެ ޕްރޮޖެކްޓުތަކަށް ކުރިމަތިލާ ކުދިކުދި ކުންފުނިތަކެއް ވެސް ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ބައެއް ޕްރޮޖެކްޓުތަކުގެ ބީލަމުގައި އެންމެ ފުލުގައި އޮންނަ ކުންފުނިތަކަށް ވެސް ޕްރޮޖެކްޓުތައް ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

"ކޮންމެހެން ވަކި ވެރިކަމޭ ކިޔާނެ ކަމެއް ނެތް. އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ އެ ތަނުގެ ތެރޭގައި އޮންނަނީ ބޮޑު ގްރޫޕެއް، ގޭންގެކޭ އަޅުގަނޑުމެން މި ކިޔާ. ހުރިހާ ޑިޕާޓްމަންޓްތަކެއް ގުޅިފައި އޮންނަ އެ ގްރޫޕުން ރާވާއިގެން ކުރާ ކަމެއް މިއީ. ހަމަ އެއްބަޔަކު އުޅެނީ،" އޭނާ ވިދާޅުވި އެވެ.

އެ ތުހުމަތުތައް ދޮގުކޮށް، ޕީއެސްއެމުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ އިންޓާނަލް އޮޑިޓްގެ މަސައްކަތްތަކަށް އިތުރު ފަސް ވަރަކަށް މުވައްޒަފުން ބޭނުންވާ ކަމަށް ކުރީގެ ޗީފް އޮޑިޓަރު އެދިފައިވާ ކަމަށާއި އެކަމަށް 70،000ރ. އިތުރަށް ހަރަދުވާނެ ކަމަށެވެ. އެހެންވެ، ކުންފުނީގެ ހިންގުމުގެ ހަރަދުު ކުޑަކުރުމުގެ ގޮތުން އޮޑިޓް މަސައްކަތްތައް އައުޓްސޯސް ކުރަން ނިންމީ ކަމަށް އެ ސިޓީގައި ވެ އެވެ.

އެ މައްސަލައިގައި ޕީއެސްއެމްގެ ބޯޑު ޖަވާބުދާރީކުރުވުމަށް މަޖިލީހުގެ އެސްއޯއީ ކޮމެޓީ އަށް ހާޒިރުކުރަން ވެސް ނިންމާފައިވެ އެވެ.