Roadha Mihaaru
މާލޭގެ ތަރައްގީ އޮތީ ހިފަހައްޓާފައި: މުއިއްޒު

ލޭންޑް ޔޫސް ޕްލޭން ފާސްނުކޮށް، މާލޭގެ ތަރައްގީ އޮތީ ހިފަހައްޓާފައި: މުއިއްޒު

09 އޮކްޓޯބަރ 2022

ތިން ފަހަރަށް އިސްލާހުކޮށް، މާލޭގެ ލޭންޑް ޔޫސް ޕްލޭން ހައުސިން މިނިސްޓްރީ އަށް ހުށަހެޅި ނަމަވެސް އަދި ވެސް އެ ފާސްކޮށްފައި ނުވާ ކަމަށާއި އޭގެ ސަބަބުން މާލޭގެ ތަރައްގީ ހުއްޓިފައިވާ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ތިން ފަހަރަށް އިސްލާހުކޮށް، މާލޭގެ ލޭންޑް ޔޫސް ޕްލޭން ހައުސިން މިނިސްޓްރީ އަށް ހުށަހެޅި ނަމަވެސް އަދި ވެސް އެ ފާސްކޮށްފައި ނުވާ ކަމަށާއި އޭގެ ސަބަބުން މާލޭގެ ތަރައްގީ ހުއްޓިފައިވާ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ކައުންސިލުގެ މަސައްކަތްތައް ކުރިއަށް ގެންދާ ގޮތް ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ، މާލޭގެ މީހުންގެ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް ހޯދުމަށް ކުރިއަށް ގެންދަން ކައުންސިލުން ނިންމާފައިވާ 2،500 ފްލެޓާއި ޕާކިން ބިލްޑިންގްގެ މަސައްކަތް ކުރިއަށް ނުގެންދެވި އޮތީ ލޭންޑް ޔޫސް ޕްލޭން ސަރުކާރުން މިހާތަނަށް ފާސްކޮށްފައި ނުވާތީ ކަމަށެވެ.

އޭނާ ވިދާޅުވީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ބަރޯސާވާން ޖެހެނީ ލޭންޑް ޔޫސް ޕްލޭނަށް ކަމަށެވެ.

މިހާރު މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބު ކިޔައި ދެއްވަމުން މުއިއްޒު ވިދާޅުވިގޮތުގައި، ވިލިމާލޭގައި 500 ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ކައުންސިލުން ކުރަން ޖެހޭ ހުރިހާ ކަމެއް އޮތީ ނިމިފަ އެވެ.

"ބިޑިންް އާއި ހުރިހާ ކަމެއް އޮތީ ނިމިފައި. އެކަމަކު ލޭންޑް ޔޫސް ޕްލޭން ފާސްވީމާ ތަންފީޒު ކުރެވޭނީ. ޖުމްލަކޮށް ސަރުކާރުގެ ފަރާތުން މާބޮޑު ދައްޗެއް ކުރިމައްޗެއް ނުވޭ ވިލިމާލޭގައި މި ޕްރޮޖެކްޓް ކުރިއަށް ގެންދަން. އެހެންވީމާ އުއްމީދު ކުރަނީ އެ ޕްލޭން ފާސްވެގެން އަވަހަށް މަސައްކަތް ފެށޭނެ ކަމަށް،" މޭޔަރު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި މާލޭގައި 2،000 ހައުސިން ޔުނިޓް އިމާރާތް ކުރަން ނިންމާފައި ވަނީ ސިނަމާލެ އާއި މާލޭ ހިޔާ ފްލެޓްތައް ހުރި ސަރަހައްދުގަ އެވެ. އެ ފްލެޓްތައް ވަރަށް ބޮޑަށް ބާވެ، ހަލާކުވެފައިވާ ކަމަށާއި އެހެންވެ އެ ތަން ތަޅާލައި އެ ތަނުގައި އުޅޭ މީހުންނަށް އާ ފްލެޓް ލިބެން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"އެ އަޅާ ފްލެޓްތަކަކީ އެ އަށް ވުރެ ރަނގަޅު ފްލެޓްތަކަކަށް ވާނެ. އަދި އިތުރު ފަރާތްތަކަށް ވެސް އެތަނުން ފްލެޓް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މި އަހަރުގެ ފަހުކޮޅު މަސައްކަތް ފަށައި އޭގެ އަމަލީ މަސައްކަތުގެ ބޮޑު ބައި އަންނަ އަހަރު ނިމޭނެ ކަމަށެވެ. ނަމަވެސް އެ މަޝްރޫއު މިހާތަނަށް ނުފެށި އޮތީ ލޭންޑް ޔޫސް ޕްލޭން ފާސްނުވާތީ ކަމަށް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ޕާކިން އިމާރާތްތަކަކީ ވެސް މި ވަގުތު މާލެއަށް ކޮންމެހެން ބޭނުންވެފައި އޮތް ކަމެކެވެ.

"ބިމުގެ ދަތިކަން ވަރަށް ބޮޑު. މިހާރު މަގުތަކުން ވަގުތީ ހައްލުތަކެއް ހޯދައިދިނަސް ޕާކިން އިމާރާތްތަކެއް އެޅިގެން ނޫނިއްޔާ މި ވެހިކަލްތަކަކަށް ނެތް ޖާގައެއް. އެކަމަކު ޓެންޑާ ޕްރޮސެސް އޮތީ ނިމިފައި. ހަތަރު ސަރަހައްދެއްގައި އިމާރާތް އަޅަން ނިންމާފައި އޮތީ. އެކަމަކު ލޭންޑް ޔޫސް ޕްލޭނަށް މިކަން ވެސް ޑިޕެންޑް ވަނީ،" އޭނާ ވިދާޅުވި އެވެ.

މާލޭގެ ތަރައްގީއާ ގުޅޭ މިހާ މުހިއްމު ކަންތައްތަކެއް ހިފެހެއްޓިފައި މި އޮތީ މި ލޭންޑް ޔޫސް ޕްލޭނަކާ ހެދީ -- މުއިއްޒު

މުއިއްޒު ވިދާޅުވީ ތިން ފަހަރެއްގެ މަތިން ލޭންޑް ޔޫސް ޕްލޭން އިސްލާހުކޮށްފައިވާ ކަމަށާއި މިހާރު ހަތަރު ވަނަ ފަހަރަށް އެ ޕްލޭން ހުށަހަޅާފައިވާ ކަމަށެވެ.

"ރައްޔިތުންނާ ބައްދަލުކޮށް އެތައް ކޮމެންޓެއް ހިމަނައި، މި ކަމާ ބެހޭ އެކްސްޕާޓެއް ހަޔާކޮށްގެން މި ބޭފުޅާ ލައްވައި ލޭންޑް ޔޫސް ޕްލޭން ހުށަހަޅައިގެން އުޅޭތާ އަހަރެއް މި ވަނީ. ތިން ބުރަށް ރަނގަޅު ކޮށްފިން. އެ މީހުން ބޭނުންވާ އިސްލާހުތައް ގެނައީމާ ރައްޔިތުން ބޭނުންވާ ކަން ކަމެއް ނޯވޭ. އެ މީހުން ހުއްދަ ނުދެއްޏާ މި ޕްލޭން ފާހެއް ނުވޭ،" އެލްޖީއޭ އާއި ރައްޔިތުންގެ މަޖިލީހަށް ވެސް އެކަމުގެ ކަންބޮޑުވުން ހިއްސާކުރެއްވިކަން ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވި އެވެ.

"މާލޭގެ ބިމުގެ ޕްލޭން ހުރިހާ ކަމެއް ރަނގަޅު ކޮށްފައި ހުށަހެޅީމާ މިހާ ދުވަސްވަންދެން ފާސްނުވެ އޮތުމަކީ މާލޭގެ ތަރައްގީ ހަމަ ހިފެހެއްޓުން ނޫން ގޮތަކަކަށް މާނައެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު އެ ޕްލޭން ފާސްވާނެ ކަމުގެ އުއްމީދު މިނިސްޓްރީގެ ފަރާތުން މި ފަހުން ލިބުނު ކަމަށާއި އުއްމީދަކީ ކުރިއަށް އޮތް ހަފުތާގައި އެ ފާސްވުން ކަމަށް މުއިއްޒު ވިދާޅުވެ އެވެ.

ކައުންސިލުން ރާވާފައި ހުރި މަސައްކަތްތައް:

- ބުޅާ ފެސިލިޓީގެ މަސައްކަތް ޖެނުއަރީ މަހު ފެށުން އަދި އޭޕްރީލް މަހު އެތަން ބޭނުންކުރަން ފެށުން.

- ވިލިމާލެ އަދި މާލޭގައި އިލެކްޓްރޯނިކް ވެހިކަލްތައް ޗާޖުކުރުމަށް ދެ ސްޓޭޝަނެއް ހެދުން.

- ބޮޑެތި ބިންތައް އޮންނަ ރަށްތަކުގެ ކައުންސިލާ ވާހަކަ ދައްކައިގެން ކައުންސިލަށް ބިން ހޯދުމަށް މަސައްކަތްކުރުން. އެ ބިންތަކުގައި ވިނަ އާއި ގަސް އިންދައިގެން މާލެ ފެހިކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން.

- ވިލިމާލޭގެ ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށުން.

- މާލޭގެ ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރުގެ މެދުތެރޭގައި ފެށުން.

- މި އަހަރު ނިމުމުގެ ކުރިން މާލޭގައި މިކްސްޑް ޔޫސް ޕާކިން ބިލްޑިންގް އަޅަން ފެށުން.

- ހިދުމަތްތައް އަވަސް ކުރުމަށް އޮންލައިން ކުރުން.

- މާލެ އާއި ވިލިމާލޭގައި އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ބައްތި ހަރުކޮށް ނިންމައިލުން.

- ފެރީ ޓާމިނަލް ސަރަހައްދުން އެމްޕީއެލްއާ ހަމައަށް އުތުރު ފަރާތުގައި ކެމެރާ ހަރުކޮށް އަދި މާރުކޭޓުގައި ކެމެރާ ހަރުކުރުން.

- ވަޒީފާ ނެތް 300 ޒުވާނުންނަށް އަމާޒުކޮށްގެން އާޓް އެންޑް ކާރްފްޓް ޕްރޮގްރާމެއް ހިލޭ ހިންގުން.