Roadha Mihaaru
މާލެ ބަލަހައްޓަން 78 "މަގުފާރަވެރިން" މަގުތަކަށް!

މާލެ ބަލަހައްޓަން 78 "މަގުފާރަވެރިން" މަގުތަކަށް ނެރެފި!

15 މެއި 2023

މާލޭގެ މަގުމަތީގެ އެކި ކަންކަން ބަލަހައްޓަން "މަގުފާރަވެރިން" ގެ ގޮތުގައި 78 މުވައްޒަފުން ނަގައި މަގުތަށް ބެލެހެއްޓުމުގެ މަސައްކަތް އެ މީހުންނާ މާލެ ސިޓީ ކައުންސިލުން ރޭ ހަވާލުކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލޭގެ މަގުމަތީގެ އެކި ކަންކަން ބަލަހައްޓަން "މަގުފާރަވެރިން" ގެ ގޮތުގައި 78 މުވައްޒަފުން ނަގައި މަގުތަށް ބެލެހެއްޓުމުގެ މަސައްކަތް އެ މީހުންނާ މާލެ ސިޓީ ކައުންސިލުން ރޭ ހަވާލުކޮށްފި އެވެ.

އެ ކައުންސިލުން އަލަށް އުފެއްދި "ކޮމިޔުނިޓީ އެންގޭޖްމެންޓް ޔުނިޓް" ގެ ބޭނުމަށް މާލެ ވަނީ 8 ޒޯނަކަށް ބަހާލައިފަ އެވެ. އެ ޕްރޮގްރާމްގައި 18 އަންހެނުންނާއި 60 ފިރިހެނުން މަސައްކަތް ކުރާނެ އެވެ. އެ ޔުނިޓްގެ ބެލެހެއްޓުމުގެ ކަންކަން ހަވާލުކޮށްފައި ވަނީ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ސައުދީއާ އެވެ.

އެ 78 މުވައްޒަފުންނާ ރަސްމީކޮށް މަސައްކަތް ހަވާލު ކުރުމަށް ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެއީ ބޮޑު ޒިންމާއަކާ އެކު އަލަށް ފަށާ ކަމެއް ކަމަށެވެ. އެއީ ކައުންސިލުގެ ހުރިހާ މެމްބަރުން ވަރަށް ބޮޑަށް އުންމީދު ކުރަމުން އައި ކަމެއް ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

"މާދަމާ [މިއަދު] އަޅުގަނޑުމެންގެ ކައުންސިލަށް ދެ އަހަރު ފުރޭއިރު ވަރަށް ބޮޑު އުފަލެއް އެއީ އަޅުގަނޑުމެން ތަސައްވަރު ކުރި ޕްލޭންގަ އޮތް ގޮތަށް، ވަރަށް އުނދަގޫ ކަމެއް ނަމަވެސް ވަރަށް މުހިންމު ކަމެއް ހާސިލު ވާތީ،" މުއިއްުޒު ވިދާޅުވި އެވެ.

އެއީ "ޗާލު މާލެ ސިޓީ" ގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކަންތައް ހާސިލް ވުމުގެ އުފާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ބޮޑު ޒިންމާއެއް. އަޅުގަނޑުމެން މިކަން މި ފެށީ ސަރުކާރުން ދީފައިވާ ބަޖެޓުގެ ތެރެއިން އެކަން ކުރެވޭނެ ގޮތަށް އަޅުގަނޑުމެން މި ކުރަނީ. ވަރަށް ގިނަ ބަޔަކަށް ވަޒީފާ ލިބިއްޖެ،" މޭޔަރު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވިގޮތުގައި، މާލެ ސިޓީ ކައުންސިލާ އޭނާ ހަވާލުވެވަޑައިގެންނެވިއިރަށް ވުރެ މިހާރު ވަނީ ދެ ގުނަ ބޮޑުވެފަ އެވެ. ޒިންމާތައް އިތުރުވެއްޖެ އެވެ. އެ ހުރިހާ ކަމަކާ އެކު، ކައުންސިލުން ތައްޔާރުކުރި ޕްލޭންގައި ހިމަނާފައިވާ ކަންކަން ވެސް ހާސިލް ވަމުންދާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މާލެ ސިޓީ ބަލަހައްޓަން ކައުންސިލުން އަލަށް ހެދި ޑިޕާޓްމެންޓަށް ނެގި "ކޮމިއުނިޓީ އެންގޭޖްމެންޓް އޮފިސަރުން" އެ މަސައްކަތް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޑރ. މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ \ މިހާރު

މާލެ ސިޓީ ބަލަހައްޓަން ކައުންސިލުން އަލަށް ހެދި ޑިޕާޓްމެންޓަށް ނެގި "ކޮމިއުނިޓީ އެންގޭޖްމެންޓް އޮފިސަރުން" އެ މަސައްކަތް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޑރ. މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ \ މިހާރު

ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓްގެ މަސައްކަތައް ހަވާލުކޮށްފައިވާ، އެ ޔުނިޓްގެ އޮޕަރޭޝަންސް މެނޭޖަރު ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ސައުދީ ރޭ ވިދާޅުވީ، ސިޓީ ކައުންސިލުން އަލަށް ފެށި މަސައްކަތުގެ ސަބަބުން މާލެ އަކީ ހުރިހާ އެންމެންނަށް ވެސް ހިތްފަސޭހަ، ހިތްހަމަ ޖެހޭ ތަނަށް ވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އޭނާ ވިދާޅުވީ، ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓްގެ މަސައްކަތް ރޭ ފެށިޔަސް އެއް ކަންތައް އަދި ފުރިހަމަ ނުވާ ކަމަށެވެ. އެއީ ފުލުހުންނާ ގުޅިގެން ކުރަން ޖެހޭ މަސައްކަތެއް ކަމަށާއި އެކަމަކު ވަރަށް އަވަހަށް އެ ކަން ވެސް ފެށޭނެ ކަމަށް ވިދާޅުވި އެވެ.

"[އެއީ] ޓްރެފިކް މެނޭޖް ކުރުމާއި ދިމާވާ އިންސިޑެންޓްތަކާއި އެކްސިޑެންޓްތަކުގައި އަމަލު ކުރާނީ ކިހިނެއް ކަމާއި އަދާކުރަންވީ ކޮން ކޮން ދައުރެއްކަން،" ސައުދީ ވިދާޅުވި އެވެ.

"ސްކޫލު ތަކަކީ ޕާކް ތަކަކީ އަދި މިސްކިތްތަކަކީ ކޮބައިކަން. މިސާލަކަށް އެ ތަންތަނުގެ ޓްރެފިކް ކޮންޓްރޯލް ކުރާއިރު އެ މީހަކަށް އެންގެން ޖެހޭނެ ދެނީ ކޮން ސިގްނަލްތަކެއްކަން. އެކަންކަން ކުރަން ޖެހޭނެ."

ސައުދީ ވިދާޅުވީ މިއީ މުޅިން އަލަށް ފަށާ ކަމަކަމަށް ވުމުން ހައްލު ކުރަން ޖެހޭ ކަންކަމާއި ރަނގަޅު ކުރަން ޖެހޭ ކަންކަން ވެސް ހުންނާނެ ކަމަށެވެ. އާ ކަންކަމާ ކުރިމަތިލައްވައި، ކައުންސިލުން އަދާކުރުމަށް އަންގާފައިވާ މަސްއޫލިޔަތު އަދާކުރެއްވުމުގައި ދެމިހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލްހެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަދި ބަލަހައްޓަން ކައުންސިލުން އަލަށް ހެދި ޑިޕާޓްމެންޓަށް ނެގި ކޮމިއުނިޓީ އެންގޭޖްމެންޓް އޮފިސަރުންގެ އޮޕަރޭޝަންސް މެނޭޖަރު އަހުމަދު ސައުދީ.-- ފޮޓޯ: ފަޔާޒް މޫސާ \ މިހާރު

މާލެ ސިޓީ ކައުންސިލްހެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަދި ބަލަހައްޓަން ކައުންސިލުން އަލަށް ހެދި ޑިޕާޓްމެންޓަށް ނެގި ކޮމިއުނިޓީ އެންގޭޖްމެންޓް އޮފިސަރުންގެ އޮޕަރޭޝަންސް މެނޭޖަރު އަހުމަދު ސައުދީ.-- ފޮޓޯ: ފަޔާޒް މޫސާ \ މިހާރު

ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން ކުރަނީ ކޮން ކަމެއް؟

އެ ޔުނިޓްގެ މުވައްޒަފުންގެ ޒިންމާއަކީ އާންމުންނަށް އުނގަދޫވާ ގޮތަށް ހުރި ކަންކަން ބަލައި އެ ކަންކަން އިސްލާހު ކުރުމެވެ.

އިސްލާހު ކުރަނީ އެ ކަމެއް ރައްދުވާ ފަރާތާ ގުޅިގެން ވާހަކަ ދައްކައިގެން ކަމަށް ކައުންސިލުން ބުންޏެވެ. އެ މުވައްޒަފުންނަށް ހަވާލުކޮށްފައިވާ އެންމެ ބޮޑު ޒިންމާއަކީ އާންމުންނަށް ދިމާވާ އުނދަގުލުން ސަލާމަތްކޮށް، އިސްލާހުގެ މަގަށް ގެންދިއުމެވެ.

އެ މުވައްޒަފުންނާ ހަވާލުކޮށްފައިވާ ބައެއް ޒިންމާތައް:

- މަގުމަތީގައި ކުނި ބަހައްޓާތޯ ބެލުން.

- ގަވާއިދާ ހިލާފަށް ބަހައްޓާ ޕެލެޓްތައް ނެގުން.

- މުދަލާއި ތަކެތި މަގުމަތީގައި ގަވާއިދާ ހިލާފަށް ބަހައްޓާތޯ ބެލުން.

- ޕާކް ކުރުމުގެ މައްސަލަތައް.

- ޓްރެފިކް (ބާރުބޮޑު ވަގުތުތަކުގައި މަގުތައް ތޮއްޖެހުމުގެ މައްސަލަތައް ހައްލުކުރުން)

- އިމާރާތް ކުރާ ތަންތަނުގެ ސަލާމަތީ ކަންކަ ބެލެހެއްޓުން.

- ހިނގާ މީހުންގެ ބޮލަށް ގޭގެއިން ފެން ފޭބުން ހައްލުކުރުން.

އެ މުވައްޒަފުން މާލެ ތެރޭގައި ހަރަކާތްތެރިވާއިރު އެފަދަ ކަންކަން ކުރާ މީހުން ފެނިއްޖެ ނަމަ އެ މީހުންނަށް ވަކިން ނަސޭހަތް ދޭނެ ކަމަށް ކައުންސިލުން ބުންޏެވެ. އިސްލާހު ނުވާ ކަންކަމުގައި ދެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަކީ އެ މީހުންނާ ހަވާލުކޮށްފައިވާ މަސްއޫލިޔަތެކެވެ.

މާލޭގެ މަގުމަތި ބެލެހެއްޓުމުގެ މަސައްކަތް ކައުންސިލުން ފެށިއިރު، މަގުމަތި ކުނިކެހުމާއި ސާފުކުރުމާ ވެސް ކައުންސިލުން ވަނީ ހަވާލުވެފަ އެވެ. އެކަމުގައި ކައުންސިލާއި ވެމްކޯގެ ކޯޅުން ބޮޑުވެ ކުނި ނުނަގާ މައްސަލަ ވެސް ބޮޑުވި އެވެ.

މާލޭގެ މަގުމަތީގައި ކުނި ބަހައްޓާ މައްސަލަ ބޮޑުވެގެން އެގޮތަށް ކުނި ބަހައްޓާ ބައެއް ތަންތަނުގެ ލިސްޓެއް ވެސް ސިޓީ ކައުންސިލުން އާންމުކުރި އެވެ. މާލެ އާއި ވިލިމާލޭގެ މަގުތައް ކުނި ކަހައި ސާފުކުރުމަށް ސިޓީ ކައުންސިލުން ވަނީ 100 އެއްހާ މުވައްޒަފުން ވެސް ވަނީ ނަގައިފަ އެވެ.