Roadha Mihaaru
ސަލާހުގެ ހެޓްރިކާ އެކު ޗެމްޕިއަންސް ލީގުގެ ރެކޯޑެއް

ސަލާހުގެ ހެޓްރިކާ އެކު ޗެމްޕިއަންސް ލީގުގެ ރެކޯޑެއް

13 އޮކްޓޯބަރ 2022

ސްކޮޓްލެންޑުގެ ރޭންޖާސް އަތުން 7-1 އިން ރޭ އިންގްލެންޑުގެ ލިވަޕޫލް މޮޅުވި މެޗުގައި އެ ޓީމުގެ ފޯވާޑް މުހައްމަދު ސަލާހު ބެންޗުން އަރައި ޗެމްޕިއަންސް ލީގުގެ ތާރީހުގެ އެންމެ އަވަސް ހެޓްރިކް، ހަ މިނެޓުން ހަދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ސްކޮޓްލެންޑުގެ ރޭންޖާސް އަތުން 7-1 އިން ރޭ އިންގްލެންޑުގެ ލިވަޕޫލް މޮޅުވި މެޗުގައި އެ ޓީމުގެ ފޯވާޑް މުހައްމަދު ސަލާހު ބެންޗުން އަރައި ޗެމްޕިއަންސް ލީގުގެ ތާރީހުގެ އެންމެ އަވަސް ހެޓްރިކް، ހަ މިނެޓުން ހަދައިފި އެވެ.

ސަލާހު އެރިއިރު، ރޭންޖާސް އިން ނެގި ލީޑު ފަހަތަށް ޖައްސާލައި ލިވަޕޫލްގެ ރޮބާޓޯ ފިރްމީނިއޯގެ ދެ ގޯލާއި ޑާވިން ނޫނޭޒްގެ ގޯލުން ލިވަޕޫލް އޮތީ 3-1 އިން ކުރީގަ އެވެ. ސަލާހު ހެޓްރިކް ހެދީ 76، 80 އަދި 81 ވަނަ މިނެޓުގަ އެވެ. ލިވަޕޫލްގެ ފަހު ގޯލް ޖެހީ ހާވޭ އެލިއޮޓް އެވެ.

މީގެ ކުރިން އެންމެ އަވަސް ހެޓްރިކުގެ ރެކޯޑް އޮތީ 2011 ގައި ޑައިނަމޯ ޒެގްރެބް އަތުން އޮލިމްޕިކް ލިޔޯން 7-1 އިން މޮޅުވި މެޗުގައި ހެޓްރިކް ހެދި ބަފެޓިމްބީ ގޯމިސް އަތުގަ އެވެ.

މި މޮޅާ އެކު ލިވަޕޫލް އޮތީ ނުވަ ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ. ގްރޫޕުގެ އެއް ވަނައިގައި 12 ޕޮއިންޓާ އެކު އޮތް އިޓަލީގެ ނަޕޯލީ ވަނީ ރޭ ނެދަލެންޑްސްގެ އަޔަކްސް އަތުން 4-2 އިން މޮޅުވެ ދެ ވަނަ ބުރަށް ދަތުރުކޮށްފަ އެވެ. އަޔަކްސް އޮތީ ތިން ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ރޭންޖާސް އޮތީ ޕޮއިންޓެއް ނުލިބި ފުލުގަ އެވެ.

ދެ ވަނަ ބުރަށް ދިއުމަށް ލިވަޕޫލަށް ބޭނުންވަނީ ބާކީ ދެ މެޗުން އެންމެ ޕޮއިންޓެކެވެ.

ޕްރިމިއާ ލީގުގައި ދަށް ފޯމެއްގައި އޮތް ލިވަޕޫލަށް ދެން އޮތީ އެ ލީގުގައި އާދީއްތަ ދުވަހު ގަދަފަދަ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ. ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ސަލާހުގެ ހެޓްރިކާ އެކު ޓީމުގެ ރޫހު ރަނގަޅުވެއްޖެ ކަމަށާއި ދެން އޮތީ ތަފާތު މެޗަކަށްވީ ނަމަވެސް މިރޭގެ ނަތީޖާއާ އެކު އެ މެޗާ ކުރިމަތިލާއިރު ޓީމު އޮންނާނީ ރަނގަޅު ރޫހެއްގައި ކަމަށެވެ.

"އަހަރެމެންގެ ހަގީގީ ފެންވަރުގައި ކުޅޭއިރު އަހަރެމެންނަކީ ވަރުގަދަ ޓީމެއް. މިރޭ އެކަން މި ސާބިތުކޮށްދިނީ،" ކްލޮޕް ބުންޏެވެ.