Roadha Mihaaru
ސަލާހުގެ މޮޅު ކުޅުމާ އެކު ލިވަޕޫލް ފައިނަލާ ގާތަށް

ސަލާހުގެ މޮޅު ކުޅުމާ އެކު ލިވަޕޫލް ފައިނަލާ ގާތަށް

25 އެޕްރީލް 2018

ލިވަޕޫލް (އޭޕްރީލް 25) - ކުރީގެ ކްލަބް ރޯމާއާ ދެކޮޅަށް މުހައްމަދު ސަލާހު ދެއްކި މޮޅު ކުޅުމާ އެކު އެ ޓީމު އަތުން 5-2 އިން މޮޅުވެ ޗެމްޕިއަންސް ލީގުގެ ފައިނަލާ ގާތަށް ލިވަޕޫލުން ޖެހިލައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލިވަޕޫލް (އޭޕްރީލް 25) - ކުރީގެ ކްލަބް ރޯމާއާ ދެކޮޅަށް މުހައްމަދު ސަލާހު ދެއްކި މޮޅު ކުޅުމާ އެކު އެ ޓީމު އަތުން 5-2 އިން މޮޅުވެ ޗެމްޕިއަންސް ލީގުގެ ފައިނަލާ ގާތަށް ލިވަޕޫލުން ޖެހިލައިފި އެވެ.

މި މޮޅާ އެކު އަންނަ ހަފްތާގައި ރޯމާ ދަނޑުގައި ކުޅޭ މެޗުން ތިން ލަނޑުގެ ތަފާތުން މޮޅުވެގެން ނޫނީ އެ ޓީމަށް މުބާރާތުގެ ފައިނަލުގެ ފުރުސަތެއް ނެތެވެ. ރޯމާ މުބާރާތުގެ ކުއާޓާ ފައިނަލުގައި ބާސެލޯނާ އަތުން 4-1 އިން ބަލިވި ނަމަވެސް މުބާރާތުގެ ދެ ވަނަ ލެގުގައި ނަތީޖާ އަނބުރާލައިފަ އެވެ. އެއީ 3-0 އިން ބާސެލޯނާ ބަލިކޮށްގެންނެވެ.

ރޭގެ މެޗު ފަށައިގެން ލިވަޕޫލުން ކުޅެމުން ދަނިކޮށް ރޯމާ އިން ލީޑުނެގުމާ ގާތަށް ޖެހިލި އެވެ. އޭރިއާ ބޭރުން ރޯމާގެ އަލެކްސަންޑަ ކޮލަރޯވް ފޮނުވާލި ބާރު ބޯޅަ ލިވަޕޫލްގެ ކީޕަރު ލޮރިސް ކާރިއަސް އަތުގައި ޖެހިފައި އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ލިވަޕޫލަށް އެންމެ ބޮޑު އުނދަގުލެއް ކުރިމަތިވީ މެޗުގެ ކުރީކޮޅުގައި އަނިޔާގެ ސަބަބުން އިނގިރޭސި މިޑްފީލްޑަރު އަލެކްސް އޮކްސްލޭޑް ޗަމްބަލެއިން ބަދަލުކުރަން ޖެހުމުންނެވެ. އޭނާގެ ބަދަލުގައި ކުޅެން އެރީ ޖިއޮޖީނިއޯ ވައިނަލްޑަމް އެވެ.

އޭގެ ފަހުން ލިވަޕޫލަށް ލީޑުނަގައިދޭން ސަޑިއޯ މާނޭ އަށް ލިބުނު ދެ ފުރުސަތު އޭނާ ނަގާލި އެވެ. އެހެން ނަމަވެސް މެޗުގެ 35 ވަނަ މިނިޓްގައި ސަލާހު ވަނީ ލިވަޕޫލަށް ލީޑުނަގައިދީފަ އެވެ. އޭރިއާގެ ރޮނގުކައިރީގައި ހުރެފައި ސަލާހު ފޮނުވާލި ބޯޅަ ގޯލަށް ވަނީ ހުރަސް ދަނޑީގައި ޖެހިފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސަލާހު ލިވަޕޫލްގެ ދެ ވަނަ ލަނޑު ޖެހީ ކައުންޓަ އެޓޭކުގައި ރޮބާޓޯ ފިރްމީނޯ ދިން ބޯޅަ އަކުންނެވެ. ދެ ލަނޑު ޖެހުމަށް ފަހު ވެސް ސަލާހު އުފާފާޅު ނުކުރެ އެވެ. އެއީ ކުރީގެ ކްލަބް ރޯމާ އަށް އިހުތިރާމް އަދާކުރުމުގެ ގޮތުންނެވެ.

ދެ ވަނަ ހާފު ފަށައިގެން 28 މިނިޓް ތެރޭ ލިވަޕޫލުން ވަނީ އިތުރު ތިން ލަނޑު ޖަަހައިފަ އެވެ. އޭގެ ތެރެއިން ދެ ލަނޑު ޖެހީ ފިރްމީނޯ އެވެ. އަނެއް ލަނޑު ޖެހީ ސަޑިއޯ މާނޭ އެވެ. ފިރްމީނޯގެ ފުރަތަމަ ލަނޑާއި މާނޭގެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާ ސަލާހު އެވެ.

ފަސް ގޯލުގެ ލީޑާ އެކު ލިވަޕޫލުން ކުރީގައި އޮއްވާ ރޯމާ އަށް ހިތްވަރެއް ލިބުނީ މެޗުގެ ފަހު 15 މިނިޓް ތެރޭ ޖެހި ދެ ލަނޑުންނެވެ. ފުރަތަމަ ލަނޑު ބޮސްނިއާގެ ފޯވާޑް އެޑިން ޖެކޯ ޖެހިއިރު، ލިބުނު ޕެނަލްޓީ އަކުން ދެ ވަނަ ލަނޑު ކާމިޔާބުކުރީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި ޑިއޭގޯ ޕެރޯޓީ އެވެ.

މި ދެ ލަނޑާ އެކު ސަލާހު ވެފައިވަނީ ޗެމްޕިއަންސް ލީގުގެ އެއް ސީޒަނެއްގައި 10 ގޯލު ޖެހި އެފްރިކާ އަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔާ އަށެވެ. ކުރިން މި ރެކޯޑް އޮތީ ސެމުއެލް އެޓޫ އަތުގަ އެވެ. މީގެ އިތުރުން ރޭގެ ދެ ލަނޑާ އެކު ސަލާހު ވަނީ މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި 43 ލަނޑު ހަމަކޮށްފަ އެވެ. އެއާއެކު 2008 ވަނަ އަހަރު ކްރިސްޓިއާނޯ ރޮނާލްޑޯ މެންޗެސްޓާ ޔުނައިޓެޑްގައި ހުރެ އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖަހައިގެން ހަދާފައި އޮތް ރެކޯޑް ސަލާހު ވަނީ މުގުރާލައިފަ އެވެ.

މީގެ އިތުރުން މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ލިވަޕޫލްގެ ކުރިއަށް ކުޅޭ ތިން ކުޅުންތެރިން ކަމަށްވާ ސަލާހު އާއި މާނޭ އަދި ފިރްމީނޯ ވަނީ މަދުވެގެން އަށް ގޯލު ޖަހައިފަ އެވެ. މިއީ ވެސް މުބާރާތުގެ ރެކޯޑެކެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މެޗުން މޮޅުވުމުގެ އުފާ ހާސިލްކުރެވުނު ނަމަވެސް ޗަމްބަލެއިން އަށް އަނިޔާވުމަކީ ލިބުނު މާޔޫސްކަމެއް ކަމަށެވެ.