Roadha Mihaaru
އުދައްޔުގެ މަރު: ހަމަލާދިން ތަނެއް ހެކިންނަކަށް ނުފެނޭ

އުދައްޔުގެ މަރު: ހަމަލާދިން މަންޒަރެއް ހެކިންނަކަށް ނުފެނޭ

13 އޮކްޓޯބަރ 2022

ގއ. މާމެންދޫގައި ހިންގި މާރާމާރީއެއްގައި މަރާލި އަހުމަދު އުދައްޔުއަށް ދައުވާލިބޭ އެއްވެސް މީހަކު ހަމަލާދެނިކޮށް ފެނިފައިނުވާ ކަމަށް ތިން މީހަކު ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގއ. މާމެންދޫގައި ހިންގި މާރާމާރީއެއްގައި މަރާލި އަހުމަދު އުދައްޔުއަށް ދައުވާލިބޭ އެއްވެސް މީހަކު ހަމަލާދެނިކޮށް ފެނިފައިނުވާ ކަމަށް ތިން މީހަކު ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ، މާމެންދޫގައި ހިންގި މާރާމާރީއެއްގައި އުމުރުން 17 އަހަރުގެ އުދައްޔުއަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރަނީ އެރަށު ރިހިފަރުދާގޭ އަހުމަދު ޝަމީމާއި އެރަށު ބިލަތްމާގޭ ޝަރަފް ރަޝީދާއި އެރަށު ގުލްފާމުގޭ މުހައްމަދު މާޒިންގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ސިއްރުން ހެކިބަސް ދިނީ އެ ހާދިސާ ހިނގި ސަރަހައްދުގައި އުޅުނު ތިން މީހަކާއި އެރަށު ހޮސްޕިޓަލްގެ މުވައްޒަފެކެވެ.

ފުރަތަމަ ހެކިވެރިޔާ ބުނިގޮތުގައި އޭނާ ގެއަށް ވަންނަން ދަނިކޮށް ފިހާރައެއްގެ ކައިރީގައި މީހުން ގިނަވެގެން އުޅޭތަން ފެނުމުން އެ ސަރަހައްދަށް ދިޔައިރު، "މަރުވެއްޖެއޭ" މީހުން ގޮވާ އަޑު އިވުނު ކަމަށެވެ. އޭރު އުދައްޔުއަށް އަނިޔާ ލިބިފައި ވަނިކޮށް ފެނުނު ކަމަށާއި އެހެންވެ، އޭނާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ހެކިވެރިޔާ ބުންޏެވެ.

އޭގެ އިރުކޮޅެއް ފަހުން އުދައްޔުގެ ބޭބެ އެތަނަށް އައި ކަމަށާއި އަދި އެ ހިސާބުން ބައެއް މީހުންތައް ބޮނޑިވެ، ގައިގައި އޮޅުލައިގަނެގެން އުޅުނު ކަމަށް ހެކިވެރިޔާ ބުންޏެވެ. އަދި އެ ސަރަހައްދުގައި މާޒިން އާއި ޝަރަފް ފެނުނު ކަމަށާއި އޭރު ޝަރަފްގެ އަތުގައި ވަޅިއެއް އޮތް ކަމަށާއި އަދި މީހަކާ ޒުވާބުކުރި ކަމަށް ހެކިވެރިޔާ ބުންޏެވެ. އަދި މާޒިންގެ އަތުގައި ވެސް ހަތިޔާރެއްފަދަ އެއްޗެއް އޮތް ކަމަށް އޭނާ ބުންޏެވެ.

އެކަމަކު އެ ދެ މީހުން އެއްވެސް މީހަކަށް ހަމަލާ ދެނިކޮށް ނުފެންނަ ކަމަށް އެ ހެކިވެރިޔާ ބުންޏެވެ. އަދި ދައުވާލިބޭ ޝަމީމް އެތަނުން އެއްވެސް ގޮތަކަށް ނުފެންނަ ކަމަށް ހެކިވެރިޔާ ބުންޏެވެ.

ދެވަނަ ހެކިވެރިޔާގެ ވެސް ބުނިގޮތުގައި ދައުވާލިބޭ މާޒިން އާއި ޝަމީމް އެތަނުގައި ހަރަކާތްތެރިވެ، ޒުވާބުކުރި މަންޒަރު ފެނުނެވެ. އަދި "އޮންނާނީ ހޭ އަރުވާލަފާއޭ" އެ ދެ މީހުން ބުނި އަޑުއިވުނު ކަމަށާއި އެކަމަކު އެއްވެސް ހަމަލާއެއް ދެނިކޮށް ނުފެންނަ ކަމަށް އެ ހެކިވެރިޔާ ބުންޏެވެ.

އޭނާ ބުނިގޮތުގައި މާޒިން ޒުވާބު ކުރިއިރު އޭނާ އަތުން ހަތިޔާރެއް ފެނުނެވެ. އެކަމަކު ހަމަލާ ދެނިކޮށް ނުފެންނަ ކަމަށް އޭނާ ބުންޏެވެ. އަދި ޝަމީމް އަތުން ހަތިޔާރެއް ނުފެންނަ ކަމަށް އޭނާ ބުންޏެވެ.

ދެވަނަ ހެކިވެރިޔާ ބުނިގޮތުން ނަމަ، ދައުވާލިބޭ ޝަރަފް އެރޭ އެތަނުން ފެނުނު ހަނދާނެއް ނުވެ އެވެ.

ތިން ވަނައަށް ހެކިބަސް ދިނީ މާމެންދޫ ހޮސްޕިޓަލްގެ މުވައްޒަފެކެވެ. އޭނާ ބުނިގޮތުގައި އުދައްޔުގެ ބުރަކަށްޓަށް ހަރާލި ވަޅި ހޮސްޕިޓަލަށް ގެނައިއިރު ވެސް ހަރުލާފައި ހުއްޓެވެ. އެ ވަޅި ނައްޓާލީ ފަރުވާ ދިނުމަށްޓަކައި ކަމަށާއި ފަހުން ހޮސްޕިޓަލްގެ ތަޅުންގަނޑު މަތީގައި ވަޅި އޮއްވާ ފުލުހުން އެ ވަޅި ގެންދިޔަ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި އުދައްޔުއަށް ފަރުވާ ދެނިކޮށް އުދައްޔުގެ ބޭބެއަށް އަނިޔާވެގެން ވެސް ގެނަ އެވެ. އަދި އުދައްޔު އާއި ބޭބެއަށް އެތަނުން ދެވެންހުރި ފަރުވާތައް ދިން ކަމަށް އޭނާ ބުންޏެވެ.

ހަތަރު ވަނަ މީހާއަށް ހެކިބަސް ދިނީ އުދައްޔު ވެއްޓިފައި އޮއްވާ ހޮސްޕިޓަލަށް ގެންދިޔަ މީހެކެވެ. ހަމަލާދިން މަންޒަރެއް އަދި ޒުވާބުކުރި މަންޒަރެއް ވެސް އޭނާއަށް ފެނިފައެއް ނުވެ އެވެ.

ދައުލަތުން ބުނީ މިހާރު ލިބިފައިވާ ހެކިބަސްތައް ދިރާސާކުރުމަށްފަހު ބާކީ ތިބި ހެކިން ހާޒިރު ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.

ހެކިން ހާޒިރުކުރަން ދައުލަތަށް ލިބުނު ފުރުސަތު މިއަދަށް ވަނީ ހަމަވެފަ އެވެ. އެހެންވެ، ދިފާއީ ވަކީލުން އެދިވަޑައިގަތީ އިތުރު ފުރުސަތެއް ދައުލަތަށް ނުދެވޭނެ ކަން ނިންމުމަށެވެ.

އެކަމަކު އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ ސިއްރު ހެކިން ހާޒިރުކުރުމަކީ ދަތިތަކެއް ހުންނަ ކަމެއް ކަމަށާއި އަދި މި މައްސަލާގެ ހެކިންނަށް ބިރުދައްކާ ކަމުގެ މައުލޫމާތު ކޯޓަށް ލިބެމުންދާ ކަމަށެވެ. އެހެންވެ. ދައުލަތުން ބޭނުންވާނަމަ، ސިއްރު ހެކިން ގެންނަން އިތުރު ފުރުސަތެއް ދެއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އުދައްޔުގެ މަރާ ގުޅިގެން ކުޑަކުއްޖެއްގެ މައްޗަށް ޖުވެނައިލް ކޯޓުގައި ވެސް ދައުވާކުރެ އެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކޯޓުން ވަނީ ނިންމައިފަ އެވެ.