Roadha Mihaaru
ހިޔަލައިގެ ހިދުމަތްތައް ވަގުތީ ގޮތުން ދަރުމަވަންތަ އަށް

މާބަނޑުމީހުންނާއި ތުއްތު ކުދިންގެ ބައެއް ހިދުމަތްތައް ވަގުތީ ގޮތުން ދަރުމަވަންތަ ހޮސްޕިޓަލަށް

16 އޮކްޓޯބަރ 2022

މާބަނޑު މީހުންނާއި ތުއްތު ކުދިންނަށް އައިޖީއެމްއެޗުގައި ހާއްސަ ކޮށްފައިވާ "ހިޔަލަ" ވިންގުގެ ލިފްޓުގައި މައްސަލައެއް ޖެހި އެ ވިންގުގެ ބައެއް ހިދުމަތްތައް ވަގުތީ ގޮތުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

މާބަނޑު މީހުންނާއި ތުއްތު ކުދިންނަށް އައިޖީއެމްއެޗުގައި ހާއްސަ ކޮށްފައިވާ "ހިޔަލަ" ވިންގުގެ ލިފްޓުގައި މައްސަލައެއް ޖެހި އެ ވިންގުގެ ބައެއް ހިދުމަތްތައް ވަގުތީ ގޮތުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފި އެވެ.

އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހިޔަލަ ވިންގުގެ ހިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރީ އެ ވިންގުގައި ބަލި މީހުން އަރައިފޭބުމަށް ބޭނުންކުރާ ލިފްޓަށް ޓެކްނިކަލް މައްސަލައެއް ދިމާވުމުން ކަމަށެވެ. އެހެންވެ، އެ ވިންގުގެ ހިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލުގެ 12، 16 އަދި 17 ވަނަ ބުރިއަށް ބަދަލުކޮށްފައިވާ ކަމަށް ބުންޏެވެ.

އައިޖީއެމްއެޗުން ބުނިގޮތުގައި، ހިޔަލަ ވިންގުގެ ދެވަނަ ބުރިން ދެމުން ގެންދިޔަ އިމަޖެންސީ ހިދުމަތްތައް މިހާރު ލިބޭނީ ޓްރޯމާ އެންޑް އިމަޖެންސީ ޑިޕާޓްމެންޓުގެ އައިސޮލޭޝަން އޭރިއާއިންނެވެ. ހިޔަލަ ވިންގުގައި އެޑްމިޓް ކުރަންޖެހޭ ބަލި މީހުން ދެން އެޑްމިޓް ކުރަން ހަމަޖައްސާފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 12، 16 އާއި 17 ވަނަ ބުރީގަ އެވެ.

ހިޔަލަ ވިންގުގެ ފުރަތަމަ ބުރިން ދެމުން ގެންދިޔަ އޯޕީޑީގެ ހިދުމަތައް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. އައިޖީއެމްއެޗުން ބުނީ ކުރިއެކޭ އެއްގޮތަށް އެ ހިދުމަތް ލިބޭނެ ކަމަށެވެ. އެންއައިސީޔޫގެ ހިދުމަތް ވެސް އެއްވެސް ބަދަލެއް ނެތި ހިޔަލަ ވިންގުގެ 10 ވަނަ ބުރިން ލިބޭނެ ކަމަށް ބުންޏެވެ.

އެ ބަދަލުތަކާއެކު، ބެޑް ކެޕޭސިޓީ ދަށްވެ، އެޑްމިޓް ކުރާ މީހުންގެ އަދަދު މަދު ކުރެވުމުން ބައެއް ހިދުމަތްތަކަށް ބުރޫ އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. އެހެންވެ، ދުރާލައި ތާވަލު ކޮށްފައިވާ ބައެއް ސާޖަރީތައް ވެސް މަޑުޖައްސައިލަން ވަނީ ނިންމައިފަ އެވެ.

އައިޖީއެމްއެޗުން ބުނިގޮތުގައި، ލިފްޓަށް ދިމާވި މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލު ކުރަން އަންނަނީ މަސައްކަތް ކުރަމުންނެވެ. މައްސަލަތައް ހައްލު ވުމުން އަލުން ހިދުމަތްތައް ހިޔަލަ ވިންގަށް ބަދަލު ކުރާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.