Roadha Mihaaru
ކުށްކުރި ވާހަކަ ކެންސަލް، ކުށެއް ނުކުރަން: ޔާމީން

ކުށް ކުރެވުނު ކަމަށް ވިދާޅުވެވުނީ އޮޅުމަކުން, ކުށެއް ކޮށްފައެއް ނޯންނާނެ: ޔާމީން

17 އޮކްޓޯބަރ 2022

ވެރިކަމުގައި ގޯސްތައް ހެދި, ކުށް ކުރެއްވިފައި ހުންނާނެ ކަމަށް ރޭ ހއ. ކެލާގައި ވިދާޅުވި ވާހަކަފުޅު މިއަދު ތަރުޖަމާ ކޮށްދެއްވައި އެ މަނިކުފާނު ކުށެއް ކުރައްވާފައި ނޯންނާނެ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް, ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ވެރިކަމުގައި ގޯސްތައް ހެދި, ކުށް ކުރެއްވިފައި ހުންނާނެ ކަމަށް ރޭ ހއ. ކެލާގައި ވިދާޅުވި ވާހަކަފުޅު މިއަދު ތަރުޖަމާ ކޮށްދެއްވައި އެ މަނިކުފާނު ކުށެއް ކުރައްވާފައި ނޯންނާނެ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް, ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ފަސް އަހަރުގެ ދައުރުގައި ގޯސް ހެދިފައި ހުންނާނެ ކަމަށް ޔާމީން ވިދާޅުވީ، މިހާރު ކުރައްވަމުން ގެންދަވާ ހއ. ދަތުރުފުޅުގައި ކެލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ މަނިކުފާނުގެ ވެރިކަމުގައި ގައުމުގެ މަސްލަހަތަށް ކުރެއްވި ކަންކަމާ މެދު ހިޔާލު ތަފާތުވުމާއި ހިތްހަމަނުޖެހޭ ބަޔަކު ތިބެދާނެ ކަމަށް ވިދާޅުވި އެވެ.

އެކަމަކު އެ ވިސްނުން މިހާރު ދޫކޮށްލަން އެދިވަޑައިގަތެވެ.

"އަޅުގަނޑަކީ އިންސާނެއް. އަޅުގަނޑު ވެސް ކުށްކުރާނެ. ކުށްކުރެވިފައި ހުންނާނެ, އަދިވެސް ކުށްކުރާނެ," ޔާމީން ވިދާޅުވި އެވެ.

އަޅުގަނޑަކީ އެމްއެމްޕީއާރުސީގެ ހަރާން ލާރި ގެންގުޅުނު މީހެއް ނޫން. މިއަދު ވެސް ގަބޫލުކުރައްވާ އަޅުގަނޑު ނުގެންގުޅެން. -- ޔާމީން

ބާރަށަށް މިއަދު ވަޑައިގެން ޔާމީން ވިދާޅުވީ، މީޑިއާގެ ފަލަ ސުރުހީތަކަށް އެރުވީ "ވިދާޅުވެވުނު ކުށް ބަހެއް" ކަމަށެވެ. އެހެން ވިދާޅުވީ ކުށް ކުރެއްވި މާނަ ދޭހަކޮށްދެއްވަން ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު މިކުރާ ދަތުރުގައި ކޮންމެވެސް ތަނެއްގައި ބުނެފައި އޮންނާނެ, ބުނެވިފައި އޮތީމާ ޝައްކެއް ވެސް ނެތް ގޮތުގައި ފަލަ ސުރުހީ އަށް އަރައިގެން މި އުޅެނީ. އަޅުގަނޑަކީ ވެސް އިންސާނެކޭ އަޅުގަނޑަށް ވެސް ކުށްކުރެވޭނެއޭ. އެކަމަކު އެ ބުނި އެތި ކެންސަލް," ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑު މިއީކީ ކުށެއް ކޮށްފައި ހުރި މީހެއް ނޫން. އަޅުގަނޑު ކުށެއް ނުކުރަން."

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ވިދާޅުވާން އުޅުއްވީ ވެރިކަމުގައި ހުންނެވި އިރު ވިސްނުންފުޅުގައި އަދި އެކި ބޭފުޅުންނާ މަޝްވަރާ ކުރައްވައިގެން ކުރެއްވި ބައެއް ކަންކަން އެންމެ ފުރިހަމައަށް ނުކުރެއްވިފައި ހުރެދާނެ ވާހަކަފުޅެވެ. އެއީ ޕްރޮސިކިއުޓާ ޖެނެރަލަށް އިތުރު ވަގުތާއި އިންސާފުވެރިކަމާ އެކު "ހުކުމް ލަޑަން ތިބޭ ފަނޑިޔާރުންނަށް ޖާގަ ދެއްވަން" ވިދާޅުވި ވާހަކަފުޅެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތަށް ތުހުމަތުކޮށް، ކޯޓުގައި މިހާރު ވެސް ޔާމީންގެ މައްޗަށް ޝަރީއަތްތަކެއް ހިންގި ނަމަވެސް ކުށެއް ނުކުރައްވާ ކަމަށް ތަކުރާރުކޮށް މިއަދު ވިދާޅުވި އެވެ.

މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާ ކަމަށް ކުރި ހުކުމާ އެކު ފަސް އަހަރު ޖަލުގައި ހުންނެވިއިރު ރައްޔިތުން އެ މަނިކުފާނުގެ ދިފާއުގައި އަޑުއުފުލައި ދުއާކޮށްދިނީ މައުސޫމް ކަމަށް ގަބޫލު ކުރާތީ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑަކީ އެމްއެމްޕީއާރުސީގެ ހަރާން ލާރި ގެންގުޅުނު މީހެއް ނޫން. މިއަދު ވެސް ގަބޫލުކުރައްވާ އަޅުގަނޑު ނުގެންގުޅެން," ޔާމީން ވިދާޅުވި އެވެ.

ހއ. ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ޔާމީން ގެންދަވަނީ އެ މަނިކުފާނުގެ ވެރިކަމުގައި ހިންގެވި ކަމަށް ތުހުމަތުކުރާ ބައެއް ކަންކަމުގެ ދިފާއުގައި ގިނަ ވާހަކަފުޅުތަކެއް ދައްކަވަމުންނެވެ. ކުށެއް ނުކުރައްވާ ކަމަށް ވެސް ވިދާޅުވީ ވެރިކަމުގެ ފަސް އަހަރުގައި އެންމެން ހިތްހަމަޖެހޭ ނިންމުންތައް ނިންމެވިފައި ނުހުންނާނެ ކަަމަށް ދައްކަވައި ޖެއްސެވި މިސާލުތަކުގެ ތެރޭގަ އެވެ.