Roadha Mihaaru
ފައިލް ނުދެއްކުމުން ޔާމީންއާ ބައްދަލުކުރިޔަ ނުދިން!

ފައިލް ދައްކަން ދެކޮޅު ހެދުމުން ޔާމީންއާ ވަކީލުންނަށް ބައްދަލެއް ނުކުރެވުނު!

23 ޖުލައި 2023

މާފުށީ ޖަލުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ އެ މަނިކުފާނުގެ ވަކީލުން ބައްދަލުކުރިޔަ ނުދީ މިއަދު ހުރަސްއަޅާފައިވާ ކަމަށް ބުނެ ޕީޕީއެމުން ކަންބޮޑުވުންފާޅުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާފުށީ ޖަލުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ އެ މަނިކުފާނުގެ ވަކީލުން ބައްދަލުކުރިޔަ ނުދީ މިއަދު ހުރަސްއަޅާފައިވާ ކަމަށް ބުނެ ޕީޕީއެމުން ކަންބޮޑުވުންފާޅުކޮށްފި އެވެ.

ވަކީލުން ޔާމީންއާ ބައްދަލުކުރަން ކަރެކްޝަނަލް ސާވިސްގެ އޮފިޝަލުން ދެކޮޅު ހެދީ، އެނގިފައިވާ ގޮތުގައި، ވަކީލުން ގެންދިޔަ ފައިލެއް އެ އޮފިޝަލުންނަށް ދައްކަން ޔާމީންގެ ވަކީލުން ދެކޮޅު ހެދުމުންނެވެ.

ޕީޕީއެމްގެ ތަރުޖަމާން، ހީނާ ވަލީދު މީޑިއާތަކަށް ފޮނުއްވި މެސެޖުގައި ވިދާޅުވީ ޔާމީންއާ ބައްދަލުކުރަން ވަކީލުންނަށް މިއަދު އޮތީ ވަގުތު ދީފައި ކަަމަށެވެ. އެކަމަކު މާފުއްޓަށް ވަކީލުން ވަޑައިގަތް ފަހުން އެ ބައްދަލުވުން ކުރިއަށް ގެންދަން ހުރަސްއަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިގޮތަށް މިކަން ކޮށްފައި ވަނީ ޕީޕީއެމުން ތުހުމަތު ކުރި ގޮތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އެންގެވުމަށެވެ.

"މިނިސްޓަރު އިމްރާންގެ އެންގެވުމަށް، ބައްދަލުވުމަށް ހުރަސްއަޅައި ރައީސް ޔާމީންއާ ލޯޔަރުންނަށް ބައްދަލުކުރުމުގެ ފުރުސަތު ދީފައި ނުވާތީ އެކަން ހަރުކަށިކޮށް ކުށްވެރިކުރަން،" ހީނާގެ މެސެޖުގައި ވެ އެވެ.

ލިޔެކިޔުން ނުދައްކަނީސް ބައްދަލުވުން ނުދޭނެ ކަމަށް އެންގި ހިސާބުން ޖަލު އޮފިސަރުން ގާނޫނުއަސާސީއާ ގާނޫނާ ޚިލާފްވެއްޖެ. -- ވަކީލް ޝިޔާޒް

މިކަމާ ގުޅޭ ގޮތުން ކަރެކްޝަންސްއާ "މިހާރު" އިން ސުވާލުކުރުމުން އެ ތަނުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޖަލަށް އެއްވެސް އެއްޗެއް ވެއްދޭނީ ޗެކްކޮށްފައި ކަމަށެވެ. ޔާމީންގެ ވަކީލުންނަށް މިއަދު އެ މަނިކުފާނާ ބައްދަލުނުކުރެވުނީ ޖަލަށް ވައްދަން އުޅުނު ބައެއް ތަކެތި ދައްކަން ދެކޮޅު ހެދުމުން ކަމަށް ވިދާޅުވި އެވެ.

ކަރެކްޝަންގެ އިސް އޮފިޝަލަކު ވިދާޅުވީ، ގައިދީންނާ ބައްދަލުކުރަން ދާ ގާނޫނީ ވަކީލުން ޖަލަށް ވައްދަނީ އެ ގައިދީއެއްގެ މައްސަލައާ ގުޅޭ ލިޔުންތައް ތޯ ޖަލު އޮފިސަރުން އަބަދުވެސް ބަލާ ކަމަށެވެ.

ޔާމީންގެ ވަކީލުން: މިއަދަށް އޮތް ބައްދަލުވުން ކެންސަލްކުރީ ޖަލަށް ވައްދަން އުޅުނު ބައެއް ތަކެތި ނުދެއްކުމުން ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނޭ.

ޔާމީންގެ ވަކީލުން: މިއަދަށް އޮތް ބައްދަލުވުން ކެންސަލްކުރީ ޖަލަށް ވައްދަން އުޅުނު ބައެއް ތަކެތި ނުދެއްކުމުން ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނޭ.

ޖަލަށް ވެއްދުން މަނާ އެއްޗެއް ކަމަށް ތުހުމަތުކޮށް ވަކީލުންނަށް ހުއްދަ ނުދިން އިރު ރިޔާސީ އިންތިހާބުގައި ވާދަކުރަން ޔާމީންގެ ފޯމު ހުށަހަޅަން ޕީޕީއެމުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ޖަލު ހުކުމެއް ތަންފީޒު ކުރެއްވިޔަސް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމަށާއި އެ މަނިކުފާނުގެ ފޯމު އިލެކްޝަންސަށް ހުށަހަޅާނެ ކަމަށް އެ ޕާޓީން އޮތީ ބުނެފަ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައި އޮތީ މިއަދުން ފެށިގެން އަންނަ މަހުގެ ހަތަކާ ހަމައަށެވެ.

ބައްދަލުވުން ހުއްޓުވީ ގާނޫނާ ޚިލާފަށް: ވަކީލުން

ޔާމީންއާ ބައްދަލުކުރަން ފުރުސަތު ނުދިނުމުން ވަކީލުން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝިޔާޒް ވިދާޅުވީ ވަކީލާއި މުވައްކިލާ ދެމެދު އުފައްދާ ލިޔެކިޔުމަކީ ވަކީލުންގެ ފަންނަނުގެ ގާނޫނުގެ 38 ވަނަ މާއްދާ އިން ހިމާޔަތް ލިބިގެންވާ ލިޔެކިޔުން ކަމަށެވެ. އެ ލިއުންތައް ބެލުމުގެ ހައިސިއްޔަތެއް ޖަލު އޮފިސަރުންނަށް ލިބިގެން ނުވާ ކަަމަށް ވިދާޅުވި އެވެ.

"ލިޔެކިޔުން ނުދައްކަނީސް ބައްދަލުވުން ނުދޭނެ ކަމަށް އެންގި ހިސާބުން ޖަލު އޮފިސަރުން ގާނޫނުއަސާސީއާ ގާނޫނާ ޚިލާފްވެއްޖެ،" ޝިޔާޒް ވިދާޅުވި އެވެ.

ޔާމީންގެ ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ މަސައްކަތް ޕީޕީއެމުން ކުރާއިރު، އެމަނިކުފާނުގެ އިންތިހާބީ ހައްގު ކަށަވަރުކޮށްދޭން އެދި ސުޕްރީމް ކޯޓަށް ވެސް މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ވަކީލުން ބުންޏެވެ.

ޖަލު ހުކުމެއް ތަންފީޒުކުރައްވާތީ އިންތިހާބަށް ވާދަކުރެއްވުމުގެ ގާނޫނީ ފުރުސަތު ޔާމީނަށް އޮތީ ބަންދުވެފަ އެވެ.

ގާނޫނުއަސާސީގައި ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާ ކަަމަށް ކުރިމަތިލާ މީހެއްގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެން ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ވާން ޖެހެ އެވެ.

ވ. އާރަށް ކުއްޔަށްދިނުމުގައި ރިޝްވަތު ގަބޫލުކޮށް އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފު ހައި ކޯޓުގައި ކުރިއަށް ދިޔައަސް އެ މައްސަލައިން އިންތިހާބުގެ ކުރިއަށް އެމަނިކުފާނު ސަލާމަތްވުމުގެ ދޮރު ގާތްގަނޑަކަށް މިހާރު އޮތީ ބަންދުވެފަ އެވެ.

ޕީޕީއެމުން ތުހުމަތުކުރާ ގޮތުގައި ޔާމީން ވާދަކުރެއްވުމަށް ހުރަސް އެޅުމުގެ ގޮތުން އިސްތިއުނާފް ލަސްކުރުމަށް ހައި ކޯޓުގެ ފަނޑިޔާރުން ޗުއްޓީ ނެގުމަށް ސަރުކާރުން ވަނީ މަޖުބޫރުކޮށްފަ އެވެ.

ހައި ކޯޓުން ޔާމީންގެ މައްސަލައިގައި ގޮތެއް ނުނިންމިޔަސް، ސުޕްރީމް ކޯޓުން ޔާމީންގެ ކެންޑިޑެސީގެ މައްސަލަ ކާމިޔާބުވާނެ ކަަމަށް ޕީޕީއެމުން އަންނަނީ ބުނަމުންނެވެ.