Roadha Mihaaru
ޓޫރިޒަމް ސީޒަން ފެށީ 16 ޕަސެންޓުގެ ކުރިއެރުމަކާ އެކު

ޓޫރިޒަމް ސީޒަންގެ ފެށުން ރަނގަޅު: ނޮވެމްބަރު މަހު 16 ޕަސެންޓުގެ ކުރިއެރުމެއް

09 ޖެނުއަރީ 2017

ރާއްޖޭގެ ޓޫރިޒަމް ސީޒަނުގެ ފުރަތަމަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ގާތްގަނޑަކަށް 16 ޕަސެންޓް އިތުރުވެއްޖެ އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ރާއްޖޭގެ ޓޫރިޒަމް ސީޒަނުގެ ފުރަތަމަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ގާތްގަނޑަކަށް 16 ޕަސެންޓް އިތުރުވެއްޖެ އެވެ.

ރާއްޖޭގެ ޓޫރިޒަމް ސީޒަނަކީ ޔޫރަޕަށް ފިނި މޫސުން ކަމަށްވާ ނޮވެމްބަރުން އޭޕްރީލް މަހާ ދެމެދު އެވެ. ހާއްސަކޮށް، މި ދުވަސްވަރު އަންނަ ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށް ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެ އާދެ އެވެ. އެހެންވެ، ރާއްޖޭގެ ރިސޯޓުތަކުގެ އޮކިއުޕެންސީ ވަރަށް ބޮޑަށް މައްޗަށް ދެ އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމު ކުރި މިދިޔަ ނޮވެމްބަރު މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މަހު ރާއްޖެ އަށް 104،572 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. އެއީ އޭގެ ކުރީ އަހަރުގެ ނޮވެމްބަރު މަހު ރާއްޖެ އައި 90،218 ޓޫރިސްޓުންނަށް ވުރެ 15.9 ޕަސެންޓް އިތުރު އަދަދެކެވެ.

ނޮވެމްބަރު މަހު އައި ޓޫރިސްޓުންގެ އަދަދު އިތުރުވެފައި ވާއިރު، އެ މަހުގެ ނިޔަލަށް 1.17 މިލިއަން ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. އެއީ އޭގެ ކުރީ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައި 1.1 މިލިއަން ޓޫރިސްޓުންނަށް ވުރެ 4.6 ޕަސެންޓް އިތުރު އަދަދެކެވެ.

ނޮވެމްބަރު މަހު ވެސް އެއް ގައުމަކުން އެންމެ ގިނައިން ޓޫރިސްޓުން އައީ ޗައިނާ އިންނެވެ. އެކަމަކު، އެ ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދު ދަށަށް ދާން ފަށާފައި ވާ އިރު، މިދިޔަ ނޮވެމްބަރު މަހު ވެސް އެ އަދަދު ވަނީ އޭގެ ކުރީ އަހަރުގެ ނޮވެމްބަރު މަހާ އަޅައިބަލާއިރު 4.5 ޕަސެންޓް ދަށަށް ގޮސް، 18،954 އަށް ތިރިވެފަ އެވެ. އަދި މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެ އައި ޗައިނާ ޓޫރިސްޓުންގެ އަދަދު ވެސް ވަނީ އޭގެ ކުރީ އަހަރުގެ އެ މުއްދަތަށް ވުރެ 10.2 ޕަސެންޓް ދަށްވެ، 343,259 އިން 308,077 އަށް ތިރިވެފަ އެވެ.

ރާއްޖެ އައި ޗައިނާގެ ޓޫރިސްޓުންތަކެއް އެއާޕޯޓުގައި: ޗައިނާގެ މާކެޓް ވަނީ ދަށަށް ގޮސްފައި.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖެ އައި ޗައިނާގެ ޓޫރިސްޓުންތަކެއް އެއާޕޯޓުގައި: ޗައިނާގެ މާކެޓް ވަނީ ދަށަށް ގޮސްފައި.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

އެކަމަކު، ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުން އައި ޓޫރިސްޓުންގެ ނިސްބަތް ވަނީ މިިދިޔަ ނޮވެމްބަރު މަހު ވެސް ވަރަށް ބޮޑަށް މައްޗަށް ގޮސްފަ އެވެ. އެ ގޮތުން، އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ އިންޑިއާ އިން ނޮވެމްބަރު މަހު 6,895 ޓޫރިސްޓުން އައިސްފައި ވާއިރު، އެއީ އޭގެ ކުރީ އަހަރުގެ ނޮވެމްބަރު މަހު އެ ގައުމުން އައި 4,857 މީހުންނަށް ވުރެ 42 ޕަސެންޓް އިތުރު އަދަދެކެވެ. އަދި މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް އިންޑިއާ އިން އައި ޓޫރިސްޓުންގެ އަދަދު ވަނީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 28.1 ޕަސެންޓުގެ ކުރިއެރުމެއް ހޯދައި، 44,705 އިން 57,264 އަށް އަރައިފަ އެވެ.

މިހާރު ރަނގަޅުވަމުން އަންނަ ޔޫރަޕްގެ މާކެޓުން ވަނީ ނޮވެމްބަރު މަހު ވެސް ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ. އެ ގޮތުން، އޭގެ ކުރީ އަހަރުގެ ނޮވެމްބަރު މަހާ އަޅައިބަލާއިރު، ޔޫރަޕްގެ އެންމެ ޒަމާންވީ ޓޫރިސްޓް މާކެޓުތައް ކަމަށްވާ އިނގިރޭސި ވިލާތުން އައި ޓޫރިސްޓުންގެ އަދަދު ވަނީ 15.3 ޕަސެންޓުގެ ކުރިއެރުމެއް ހޯދައި 7,001 އިން 8,071 އަށް، އިޓަލީން 12.6 ޕަސެންޓުގެ ކުރިއެރުމަކާ އެކު 4,429 އިން 4,987 އަށް އަދި ޖަރުމަނުން 11.1 ޕަސެންޓުގެ ކުރިއެރުމެއް ހޯދައި 9,682 އިން 10,759 އަށް އިތުރުވެފަ އެވެ.

މިދިޔަ އަހަރު 1.5 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ކުރިން ލަފާކުރިޔަސް، ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާގެ މާކެޓް ވަރަށް ބޮޑަށް ދަށްވުމުން، ސަރުކާރުން ވަނީ އޭގެ ކުރީ އަހަރެކޭ އެއްވަރަށް 1.4 މިލިއަން ޓޫރިސްޓުން ގެންނަން އަމާޒު ހިފައިފަ އެވެ.

މިދިޔަ މަހުގެ ހިސާބުތައް އަދި އާއްމު ނުކުރާތީ، އަހަރު ނިމުނުއިރު އެ އަމާޒަށް ވާސިލުވެވުނު ކަމެއް ޔަގީނެއް ނޫނެވެ. އެކަމަކު، ޓޫރިސްޓް ސީޒަނާ ދިމާކޮށް ރާއްޖޭގެ ޓޫރިޒަމް ރަނގަޅުވެފައިވާ ކަމަށް އެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެފައި ވާއިރު، އާ އަހަރާ ދިމާކޮށް ރެކޯޑް އަދަދެއްގެ އަމިއްލަ ޖެޓް މައި އެއާޕޯޓުގައި ވަނީ ޖައްސައިފަ އެވެ.

މި އަހަރު ރާއްޖޭގެ ޓޫރިޒަމް ރަނގަޅުކޮށް، ޓޫރިސްޓުންގެ އަދަދު އިތުރުކުރުމަށް ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ގިނަ މަސައްކަތްތަކެއް ކުރަން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި، ގިނަ ފެއާތަކެއްގައި ބައިވެރިވުމާއި ރާއްޖޭގައި ބައިނަލްއަގުވާމީ ޓޫރިޒަމް ފެއާއެއް ބޭއްވުމުގެ އިތުރުން ޓޫރިޒަމް އިޝްތިހާރު ކުރުމަށް ގެންގުޅޭ އުސޫލުތައް ބަދަލުކުރުން ހިމެނެ އެވެ.