Roadha Mihaaru
މީޑިއާ ނެޓަށް މޮނޮޕޮލީ ދިނުމާ ގިނަ މެންބަރުން ދެކޮޅު

ގިނަ މެންބަރުން ވިދާޅުވީ ބްރޯޑްކޮމް އިން މީޑިއާނެޓަށް މޮނޮޕޮލީ ދީގެން ނުވާނެ ކަމަށް

18 އޮކްޓޯބަރ 2022

ރީބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދޭ ކުންފުނިތަކަށް ވާދަވެރި މާހައުލެއްގައި ވިޔަފާރި ކުރުމުގެ ފުރުސަތު ހަނިވާ ގޮތަށް ބްރޯޑްކާސްޓިން ކޮމިޝަނުން ގަވައިދު ހެދުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރީބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދޭ ކުންފުނިތަކަށް ވާދަވެރި މާހައުލެއްގައި ވިޔަފާރި ކުރުމުގެ ފުރުސަތު ހަނިވާ ގޮތަށް ބްރޯޑްކާސްޓިން ކޮމިޝަނުން ގަވައިދު ހެދުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހަށް ހުށަހެޅި ގަރާރެއްގައި ވަނީ ތަފާތުކުރުމެއް ނެތި ވިޔަފާރި ކުރެވޭނެ މާހައުލެއް ގާއިމްކޮށްދިނުމަށާއި ރީބްރޯޑްކާސްޓް ކުރުމުގެ ވިޔަފާރީގެ ވާދަވެރިކަން ހަލާކުކޮށްލަން ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް އަޅާފައިވާ ހުރަސްތައް ނައްތާލުމަށް ގޮވާލައިފަ އެވެ.

އެ ގަރާރުގައިވާ ގޮތުން ބޭރުގެ ހިއްސާއެއް އޮންނަ ކުންފުނިތަކަށް ރީބްރޯޑްކާސްޓިން ހިދުމަތް ނުދެވޭ ގޮތަށް ބްރޯޑްކާސްޓިން ކޮމިޝަނުން ހެދި ގަވައިދަކީ މީޑިއާނެޓް ކުންފުންޏާ ވާދަކުރާ ދިރާގު އެ ވިޔަފާރިން ބޭރުކުރުމަށް ގާނޫނާ ހިލާފަށް ހެދި ގަވައިދެކެވެ. އެ ގަވައިދު ހެދުމާ އެކު އަންނަ އަހަރު ޖެނުއަރީ މަހުން ފެށިގެން ދިރާގުގެ ލައިސަންސް ބާތިލް ވާނެ އެވެ.

އެ މައްސަލާގައި ބަހުސް ކުރެއްވި ގިނަ މެމްބަރުން ވަނީ އެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ މެމްބަރުން ވެސް ވަނީ އެގޮތަށް ގަވައިދު ނުހެދޭނެ ކަމަށް ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް.---ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް.---ފޮޓޯ: މަޖިލިސް

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ އެ ގަވައިދުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހަލާކުވާނެ ކަމަށާއި އެއީ ވާދަވެރިކަން ނައްތާލެވޭ ގޮތަށް ހަދާފައި އޮތް ގަވައިދެއް ކަމަށެވެ.

ޓެލެކޮމިއުނިކޭޝަންގެ ހިދުމަތް ދިރާގުން އެކަނި ދެމުން ގެންދިޔަ އިރު ބޮޑެތި އަގުތަކެއް ނަގަމުން ދިޔަ ކަމަށާއި ނަމަވެސް އަގުތައް ދަށްވީ އެ ވިޔަފާރީގެ ތެރެއަށް އުރީދޫ ވަނުމުން ކަމަށް އިލްޔާސް ވިދާޅުވި އެވެ. އެގޮތަށް ރީބްރޯޑްކާސްޓް ކުރުމުގެ ދާއިރާގައި ވެސް ވާދަވެރިކަން އޮންނަން ޖެހޭ ކަމަށާއި އެ ވާދަވެރިކަމުގެ ތެރެއިން ރައްޔިތުންނަށް ލިބޭ ހިދުމަތްތައް ރަނގަޅު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު މި ގަވައިދަށް ބަދަލު ގެނައިމަ އެއް ބަޔަކަށް ފައިދާ ވެފައި އެހެން ބަޔަކަށް މަގު ބަންދުވުމަކީ ގަބޫލުކުރާ ކަމެއް ނޫން،" އިލްޔާސް ވިދާޅުވި އެވެ.

އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ މީގެ ކުރިން ރަށްރަށަށް މީޑިއާނެޓްގެ ހިދުމަތް ލިބޭ އިރު ނެޓްވޯކްގެ ގިނަ މައްސަލަތައް ދިމާވާ ކަމަށާއި އަގުތައް ވެސް ވަރަށް ބޮޑު ކަމަށެވެ. ނަމަވެސް އެ ކަންކަން ރަނގަޅުވާން ފެށީ ދިރާގުން އެ ވިޔަފާރީގެ ތެރެއަށް ވަނުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކުއްލިއަކަށް ގަވައިދެއް ހަދައިގެން ބޭރުގެ ހިއްސާ އޮންނަ ފަރާތްތަކަށް ވިޔަފާރީގައި ބައިވެރި ނުވެވޭނެ ކަމަށް ބުނެވޭ ނަމަ އިންވެސްޓަރުންނަށް އެ ދެވެނީ ނުބައި މެސެޖެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މާދަމާ ވެސް ގަވައިދެއް ހަދާފައި ބުނެފާނެ މީގެ ފަހުން ޓޫރިސްޓް ބެޑު ވިއްކޭނީ ހަމައެކަނި 100 ޕަސަންޓު ދިވެހި ހިއްސާވާ ކުންފުނިތަކަށް ކަމަށް، އެ ފުރުސަތު ދީގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަނުން އެ ގަވައިދު ހެދި މަގްސަދުތަކުގެ ތެރޭގައި "އެކަށީގެންވާ އަގެއްގައި ހިދުމަތް ލިބޭނެ މާހައުލެއް އުފެއްދުން" ހިމެނޭ ކަމަށެވެ. ނަމަވެސް ވަކި ބަޔަކަށް ހިދުމަތް ކޮންޓްރޯލް ކުރެވޭނެ ގޮތަށް އެ ގަވައިދު ހެދުމަކީ އެ މަގްސަދާ ސީދާ ހިލާފުވުން ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު ތޯރިގް ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލިސް

މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު ތޯރިގް ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލިސް

"މި ގަވައިދު ސަމާލު ކަމަށް އައިސް ވޯލްޑްކަޕް މުބާރާތާ އެކީ ކަންބޮޑުވުން ފާޅުކުރަމުން މިދަނީ އެހެންވެ މިހާރުން މިހާރަށް ވެސް ގަވައިދު ބަދަލުވާން ޖެހޭ. ގޮވާލަން މި ގަވައިދު ބަދަލުކުރަން،" އޭނާ ވިދާޅުވި އެވެ.

މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވިދާޅުވީ މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ރަނގަޅަށް ބަލައިފި ނަމަ ނާޖާއިޒް ފައިދާ ނެގުމުގެ ކަންތައްތަކެއް ހޯދޭނެ ކަމަށެވެ. ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން ކޮމިޓީއަށް ހާޒިރު ކޮށްގެން ސުވާލު ކުރުމުން މި ހުރިހާ ކަމެއް ހިންގުމުގައި އެ ކޮމިޝަންގެ ނައިބު ރައީސް އުޅޭކަން ފާހަގަވި ކަމަށާއި އެހެން މެމްބަރުންނަށާއި ރައީސާ އަށް ވެސް އެކަން ހިނގާ ގޮތަށް ރަނގަޅަށް އެނގިވަޑައި ނުގަންނަވާ ކަމަށް ތޯރިގު ވިދާޅުވި އެވެ.

"މިހާރު މި އޮތީ އެ ބޭފުޅުންގެ އަތުގައި ބިޑި އެޅުވޭ ފަދަ ކަމެއް ކޮށްފައި. ގާނޫނުއަސާސީ ނުކުރެވޭ ހައްގެއް ގަވައިދަކުން ހަންޏެއް ނުކުރެވޭނެ. ބްރޯޑްކާސްޓިން ކޮމިޝަން އޭސީސީއަށް ހާޒިރުކުރަން ޖެހިފައި މި ވަނީ،" ތޯރިގު ވިދާޅުވި އެވެ.

މީޑިއާނެޓުގެ ހިއްސާދާރުން:

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން

ކޮމަންޑޫ ދާއިރާގެ ކުރީގެ އެމްޑީޕީގެ މެމްބަރު އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު)

އަހުމަދު ޝަފީއު (މެސްކޯ އަހުމަދު)

ހަސަން ޒާހިރު