Roadha Mihaaru
ދިރާގުޓީވީ މަނާވާ ގަވައިދު ބަދަލުކުރަން އަންގައިފި

ދިރާގު ޓީވީ ހުއްޓާލަންޖެހޭ ގޮތަށް ހެދި ގަވައިދު ބަދަލުކުރަން އަންގައިފި

16 ނޮވެމްބަރ 2022

ދިރާގު ޓީވީގެ ހިދުމަތް ދިނުމުގެ ލައިސަންސް ބާތިލުވާ ގޮތަށް އެކުލަވައިލި ބްރޯޑްކާސްޓިން ގަވައިދު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް އަންގައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ދިރާގު ޓީވީގެ ހިދުމަތް ދިނުމުގެ ލައިސަންސް ބާތިލުވާ ގޮތަށް އެކުލަވައިލި ބްރޯޑްކާސްޓިން ގަވައިދު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް އަންގައިފި އެވެ.

ބްރޯޑްކާސްޓިން ގަވައިދަށް ގެނައި އިސްލާހާ އެކު ރީ-ބްރޯޑްކާސްޓްކުރަން އެދޭ ފަރާތަކީ 100 ޕަސެންޓް ދިވެހިން ހިއްސާވާ ކުންފުންޏަކަށް ވާން ޖެހެ އެވެ.

ދިރާގުގެ 52 ޕަސެންޓް ހިއްސާއަކީ ބަހުރެއިންގެ ކުންފުންޏެއް ކަމުގައިވާ ބަޓެލްކޯ އެވެ. އަދި 41 ޕަސެންޓް ހިއްސާވަނީ ދިވެހި ސަރުކާރެވެ. ބާކީ ހަތް ޕަސެންޓް ނިސްބަތްވަނީ އާންމު ހިއްސާދާރުންނަށެވެ.

އެހެންވެ، އެ ގަވައިދަށް އިތުރު އިސްލާހެއް ނުގެނެސްފި ނަމަ އަންނަ ޖެނުއަރީ މަހުގެ ތެރޭ ދިރާގު ޓީވީގެ ލައިސަންސް ބާތިލް ވާނެ އެވެ.

އެ މައްސަލަ ތެރެއަށް ރައްޔިތުންގެ މަޖިލީހުން ވަދެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އާއި ގަވައިދު ކޮމިޓީ ގުޅިގެން ބޭއްވި ބައްދަލުވުންތަކުގައި ބްރޯޑްކޮމްގެ މެންބަރުންނާއި ދިރާގާއި އެހެނިހެން ފަރާތްތައް ވެސް ވަނީ ހާޒިރުކޮށް މައްސަލަ ހިނގި ގޮތް ބަލައިފަ އެވެ.

ދިރާސާ ކުރުމަށް ފަހު އެ ކޮމިޓީން މިއަދު ނިންމާފައި ވަނީ ބްރޯޑްކާސްޓިން ގަވައިދުގައި ހިމަނާފައިވާ އެ މާއްދާ ގާނޫނާ ހިލާފު ކަމަށެވެ. އަދި އެ ބަދަލު ގެނައީ ކަމާ ބެހޭ ފަރާތްތަކަށް ނާންގާ ސިއްރުން ކަމަށް ވެސް ކޮމިޓީގެ މެންބަރުން ވިދާޅުވި އެވެ.

އެ ކޮމިޓީން މިއަދު ފާސްކުރީ އެ މާއްދާ ބާތިލު ކުރުމަށް ބްރޯޑްކޮމް އަށް އެންގުމަށެވެ.

މަޖިލީހުގައި ހިނގި މަސައްކަތުގެ ތެރެއިން ވަރަށް ގިނަ މެންބަރުން ތުހުމަތު ކުރެއްވި ގޮތުގައި އެއީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކޭބަލް ޓީވީގެ ހިދުމަތް ދޭ މީޑިއާ ނެޓުން ރީބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދިނުމުގައި މޮނޮޕޮލީ ހިފެހެއްޓުމަށް ނުފޫޒު ފޯރުވައިގެން ކުރި ކަމެކެވެ.

އެ ގަވައިދު ހަދަން މެންބަރަކަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުތަކެއް ވެސް ކޮމިޓީގައި ކުރެވުނެވެ. ނަމަވެސް މިކަމަށް ބްރޯޑްކޮމްގެ މެންބަރުން އިންކާރު ކުރެ އެވެ.