Roadha Mihaaru
ވޯލްޑްކަޕް ޕެކޭޖު: ރިސޯޓުތަކަށް 5،000 ޑޮލަރަށް

ވޯލްޑް ކަޕް މެޗުތައް ފެންނަ ޕެކޭޖު މީޑިއާ ނެޓުން ރިސޯޓުތަކަށް ވިއްކަނީ 5،000 ޑޮލަރަށް

18 އޮކްޓޯބަރ 2022

އަންނަ މަހު ފަށާ ފީފާ ވޯލްޑް ކަޕްގެ މެޗުތައް ފެންނަ ޕެކޭޖު 5،000 ޑޮލަރުގެ އަގަކަށް ރިސޯޓުތަކަށް ވިއްކަން މީޑިއާ ނެޓުން ނިންމައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

އަންނަ މަހު ފަށާ ފީފާ ވޯލްޑް ކަޕްގެ މެޗުތައް ފެންނަ ޕެކޭޖު 5،000 ޑޮލަރުގެ އަގަކަށް ރިސޯޓުތަކަށް ވިއްކަން މީޑިއާ ނެޓުން ނިންމައިފި އެވެ.

ވޯލްޑް ކަޕްގެ މި ސަރަހައްދުގެ ބްރޯޑްކާސްޓިން ރައިޓްސް ގަނެފައި ވަނީ އިންޑިއާގެ 'ވަޔާކޮމް18' އިންނެވެ.

ރާއްޖޭގެ މީޑިއާ ނެޓުން ވަނީ އެއް މިލިއަން ޑޮލަރުގެ އަގަކަށް ރާއްޖޭގެ ރީބްރޯޑްކާސްޓިން ރައިޓްސް އެ ކުންފުނިން ގަނެފަ އެވެ. މީޑިއާ ނެޓުން ނިންމާފައި އޮތީ ގިނަ ވެގެން ތިން ޗެނަލަކަށް ރައިޓްސް ވިއްކާލާށެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މީޑިއާ ނެޓުން ވޯލްޑް ކަޕް ޕެކޭޖު ރިސޯޓުތަކަށް ވިއްކަނީ 5،000 ޑޮލަރު (77،000ރ.) އަށެވެ.

މީޑިއާ ނެޓުން ވޯލްޑް ކަޕްގެ މެޗުތައް ދައްކާ ޗެނަލްތައް ރިސޯޓުތަކަށް ފެންނާނީ އެ ޕެކޭޖުގެ ދަށުންނެވެ. އެއީ މީޑިއާ ނެޓުގެ ދަށުން ހިންގާ އައިސް ޓީވީ އާއި ޕީއެސްއެމްގެ ޔެސް ޓީވީ އަދި ރާއްޖެ ޓީވީ އެވެ.

އެނގިފައިވާ ގޮތުގައި، ޕީއެސްއެމާއެކު، ވޯލްޑް ކަޕް ދެއްކުމުގެ އެއްބަސްވުމުގައި މީޑިއާ ނެޓުން މިއަދު ސޮއިކުރާނެ އެވެ. އެހެންވެ، ދައުލަތުގެ މީޑިއާގެ ޔެސް ޗެނަލުން ވޯލްޑް ކަޕްގެ މެޗުތައް ފެންނާނެ އެވެ.

ޕީއެސްއެމުން ވަނީ 'ވަޔާކޮމް18' އަތުން ވަކިން ރައިޓްސް ގަންނަން ވެސް މަސައްކަތް ކޮށްފަ އެވެ. އެކަމަކު އެ ކުންފުނިން ރައިޓްސް ވިއްކަނީ ދެ މިލިއަން ޑޮލަރަށް ކަމަށް ވުމުން، އެ އަގު މާ ބޮޑުވެ، ރާއްޖޭގެ ތިން ކުންފުންޏަކުން ގުޅިގެން ފައިސާ ދައްކާ ގޮތަށް އެއްބަސްވީ އެވެ.

ދައުލަތުގެ މީޑިއާ އިން މީގެ ކުރިން ހިލޭ ދެއްކި ވޯލްޑް ކަޕްގެ ރައިޓްސް ޕީއެސްއެމުން ގަންނަނީ 333،000 ޑޮލަރު (5.4 މިލިއަން ރުފިޔާ) އަށެވެ. ރާއްޖެ ޓީވީ އާއި އައިސް ޓީވީން ވެސް ދައްކަން ޖެހެނީ އެ ވަރެވެ. އެއީ ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ގާނޫނު ބުނާ ގޮތުން ވޯލްޑް ކަޕްގެ މެޗުތައް [ކޮން މެޗުތަކެއް ކަމެއް ގާނޫނުގައި ބުނެފައެއް ނެތް] ގައުމީ ޓީވީން ހިލޭ ދައްކައިދޭން ޖެހެ އެވެ. އެކަމަކު ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު ކުރިން ވިދާޅުވި ގޮތުގައި، ގާނޫނުގައި ބުނެފައި ވަނީ ވޯލްޑް ކަޕް އޯޕަނިން ސެރަމަނީ އާއި ހުޅުވާ މެޗު ހިލޭ ދައްކަން ޖެހޭ ވާހަކަ އެވެ.