20 އޮކްޓޯބަރ 2022
އިސްލާމީ އުންމަތުގެ މާތް ނަބިއްޔާގެ ހަޔާތްޕުޅާ ގުޅިފައިވާ، މަދީނާގައި ހުރި އާސާރީ ބައެއް ސަރަހައްދުތައް ގިނަ ދުވަހަށް ދެމިހުންނާނެ ގޮތަށް ރައްކާތެރި ކުރުމުގެ ޚާއްސަ މަޝްރޫއެއް ސައޫދީ ސަރުކާރުން ފަށައިފި އެވެ.
އިސްލާމީ އުންމަތުގެ މާތް ނަބިއްޔާގެ ހަޔާތްޕުޅާ ގުޅިފައިވާ، މަދީނާގައި ހުރި އާސާރީ ބައެއް ސަރަހައްދުތައް ގިނަ ދުވަހަށް ދެމިހުންނާނެ ގޮތަށް ރައްކާތެރި ކުރުމުގެ ޚާއްސަ މަޝްރޫއެއް ސައޫދީ ސަރުކާރުން ފަށައިފި އެވެ.
ތިން އަހަރުގެ މުއްދަތަށް ކުރިއަށް ގެންދާ ޚާއްސަ މަޝްރޫއެއްގެ ދަށުން ހިމާޔަތްކޮށް ރައްކާތެރިކުރާނެ 100 އަށް ވުރެ ގިނަ ސަރަހައްދު މިހާރު ވަނީ ކަނޑައަޅައިފަ އެވެ. އެ ތަންތަނުގެ ތެރޭގައި ނަބަވީ ޒަމާނުގައި ކުރެވުނު އެންމެ މަޝްހޫރު އެއް ހަނގުރާމަ ކަމަށްވާ ޚަންދަގު ހަނގުރާމަ ހިނގި ސަރަހައްދު ވެސް ހިމެނެ އެވެ. އޭގެ އިތުރުން އުހުދު ހަނގުރާމަ ހިނގި ސަރަހައްދުގައި އޮންނަ "ޝަހީދުންގެ ސާހިބާ (ހަމްޒަތުގެފާނު) މައިދާން" ވެސް މި މަޝްރޫއުގެ ދަށުން ހިމާޔަތްކުރާނެ އެވެ.
ނަބަވީ ޒަމާނުގެ އިސްލާމީ އާސާރުތައް ރައްކާތެރިކުރުމަށް ސައޫދީ އަރަބިއްޔާ އިން ފެށި މަޝްރޫއުގެ ދަށުން ރައްކާތެރިކުރާ ތަންތަނުގެ ތެރޭގައި ހިމެނޭ، އަލް ފަޤީރު ވަޅު ނުވަތަ ސަލްމާނުލް ފާރިސީ ވަޅުކޮޅު
މި މަޝްރޫއު އިފްތިތާހް ކޮށްދެއްވަމުން މަދީނާގެ ގަވަރުނަރު ފައިސަލް ބިން ސަލްމާން އިއްޔެ ވިދާޅުވި ގޮތުގައި 2025 ވަނަ އަހަރުގެ ނިޔަލަށް ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން، "އަލްފަގީރު" ވަޅާއި ދެ ގިބްލަ މިސްކިތް ވެސް ހިމާޔަތްކޮށް ރައްކާތެރިކުރެވޭނެ އެވެ. އޭގެ އިތުރުން ވެސް އިސްލާމީ އުންމަތުގެ އެންމެ ކުރީކޮޅުގެ ދުވަސްތަކާ ގުޅިފައިވާ ގިނަ ސަރަހައްދުތަކެއް ރައްކާތެރިކުރެވޭނެ އެވެ.
އަލްފަގީރު ވަޅަކީ، ނަބަވީ ޒަމާނުގައި މަދީނާގައި އުޅުނު ޔަހޫދީ އަންހެނެއްގެ މިލްކުވެރިކަމުގައި އޮތް އަލްފަގީރު ކިޔާ ދަނޑުބިމެއްގައި ހުރި ވަޅެކެވެ. އެ ވަޅު ބޭނުންކުރަނީ އެ އަންހެންމީހާ ގެންގުޅޭ އަޅު ކުއްޖާ ލައްވައި އޭނާގެ ދަނޑުތަކަށް ފެން ދިނުމަށެވެ. އެ އަޅުކުއްޖާ ބައްލަވައިގަނެ މިނިވަންކުރެއްވުމަށް މާތް ﷲގެ އަމުރުފުޅު ބާވައިލެއްވުމާއެކު، އެ އަޅުކުއްޖާ (ސަލްމާނުލް ފާރިސީ) ބައްލަވައިގަތުމަށް ކީރިތި ނަބިއްޔާ އެ ދަނޑުބިމަށް ވަޑައިގެންނެވި އެވެ. އަދި އެ ދަނޑުބިމުގައި ހުރި ވަޅުން އެކަލާގެފާނު ވުޟޫ ކުރެއްވި އެވެ.
ނަބަވީ ޒަމާނުގެ އިސްލާމީ އާސާރުތައް ރައްކާތެރިކުރުމަށް ސައޫދީ އަރަބިއްޔާ އިން ފެށި މަޝްރޫއުގެ ދަށުން ރައްކާތެރިކުރާ ތަންތަނުގެ ތެރޭގައި ހިމެނޭ، ދެ ގިބްލަ މިސްކިތް
ދެ ގިބްލަ މިސްކިތަކީ، މަސްޖިދުއް ނަބަވީއާ ހަތަރު ކިލޯމީޓަރު ދުރުގައި އޮންނަ ބަނީ ސަލަމާ ކިޔާ ސަރަހައްދުގައި ހުންނަ މިސްކިތެކެވެ. އެ މިސްކިތަށް ދެ ގިބްލަ މިސްކިތޭ ކިޔުނީ، އެންމެ ފުރަތަމަ ނަމާދު ފަރުޟު ކުރެއްވުނު އިރު، މާތް ﷲގެ އަމުރުފުޅާއެކު މަސްޖިދުލް އަގްސާ އަށް ކުރިމަތިލައިގެން ނަމާދު ކުރަމުން އަންނަނިކޮށް، މައްކާގައި ހުންނަ ގެފުޅަށް ކުރިމަތިލައިގެން ނަމާދު ކުރެއްވުމަށް، މާތް ﷲގެ އަމުރުފުޅު ބާވައިލެއްވި އިރު، ކީރިތި ނަބިއްޔާ އާއި މުސްލިމުން ނަމާދަށް ތިބީ އެ މިސްކިތުގައި ކަމަށްވާތީ އެވެ.
އެ މިސްކިތުގައި ކީރިތި ނަބިއްޔާ، މުސްލިމުންނާއިގެން އިމާމްވެ މެންދުރު ނުވަތަ އަސްރު ނަމާދު ކުރައްވަން ހުންނަވަނިކޮށް، ނަމާދުގެ ދެ ވަނަ ރަކުއަތަށް ފެއްޓެވި ވަގުތު، ކައުބަތުﷲ ގެފުޅަށް ކުރިމަތިލެއްވުމަށް މާތް ﷲ ވަޙީ (ބަގަރާ ސޫރަތުގެ 144 ވަނަ އާޔަތް) ބާވައިލެއްވިއެވެ. އެ އަމުރުފުޅާއެކު، އިތުރު އެކަލޭގެފާނު މަސްޖިދުލް އަގްސާއާ ވީ ފަރާތް ދޫކުރައްވައި، ކައުބަތުﷲ ގެފުޅާ ވީ ދިމާއަށް އެނބުރި ވަޑައިގަތުމުން، ސަހާބީ ބޭކަލުން ވެސް އެދިމާއަށް އެނބުރިވަޑައިގަތެވެ.
ދެން އެކަލާގެފާނު ޖަމާއަތުގެ ފަހަތުގައި ހުންނަވައި ހިންގަވާފައި ޖަމާއަތުގެ ކުރިއަށް ވަޑައިގެން ނަމާދު ފުރިހަމަ ކުރެއްވި އެވެ. އޭގެ ފަހުން އެ މިސްކިތް މަޝްހޫރުވެފައިވަނީ ދެ ގިބްލަ މިސްކިތުގެ ނަމުންނެވެ. އެއީ އެއް ނަމާދެއްގައި ދެ ގިބްލައަކަށް ކުރިމަތިލައްވައިގެން މުސްލިމުން ނަމާދު ކުރި ހަމައެކަނި މިސްކިތަކީ އެއީ ކަމަށްވާތީ އެވެ.
ދެ ހަރަމްފުޅުގެ ކަންކަމަށް އާ އިދާރާއެއް އުފައްދައިފި
ދެ ޙަރަމްގައި ގައުމުތަކުގެ 1.3 މިލިއަން އަޅުވެރިން
ފުރަތަމަ 10ގައި މަދީނާ ހަރަމަށް 10.3 މިލިއަން
މަސްޖިދުއް ނަބަވީގެ ތަރައްގީއަށް އާ މަޝްރޫއެއް
މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ މީހުން ހައްޖަށް
އުމްރާ ހުއްދަ ދޫކުރުން މެދުކަނޑާލަނީ
ރޭގެ ތަރާވީހުގައި 2.5 މިލިއަން މީހުން ބައިވެރިވި
27 ވިލޭރޭ މިލިއަނަކަށް ވުރެ ގިނަ މީހުން ގެފުޅަށް
ސައޫދީ އަރަބިއްޔާއިން ނަބަވީ ޒަމާނުގެ ބާޒާރެއް ފެނިއްޖެ
މި އަހަރުގެ ހައްޖު، ކޮވިޑްގެ ކުރިން އޮތް އުސޫލަށް