Roadha Mihaaru
ރޭގެ ތަރާވީހުގައި 2.5 މިލިއަން މީހުން ބައިވެރިވި

ރޭގެ ތަރާވީހުގައި 2.5 މިލިއަން މީހުން ބައިވެރިވި

20 އެޕްރީލް 2023

މައްކާގެ ހަރަމްފުޅުގައި ރޭ ކުރި، ގުރުއާން ޚަތިމްކުރުމުގެ ތަރާވީހް ނަމާދުގައި 2.5 މިލިއަނަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް ސައޫދީ ސަރުކާރުން ބުނެފި އެވެ.

މައްކާގެ ހަރަމްފުޅުގައި ރޭ ކުރި، ގުރުއާން ޚަތިމްކުރުމުގެ ތަރާވީހް ނަމާދުގައި 2.5 މިލިއަނަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް ސައޫދީ ސަރުކާރުން ބުނެފި އެވެ.

ސައޫދީ ސަރުކާރުން ބުނި ގޮތުގައި ރޭ މައްކާގެ ހަރަމްފުޅުގައި ކުރި ތަރާވީހް ނަމާދުގައި، މި ވަގުތު އުމްރާގެ އަޅުކަމަށް އައިސް ތިބި މީހުންގެ އިތުރުން ވެސް އެތައް ލައްކަ ބަޔަކު ބައިވެރިވި އެވެ. އެހެންކަމުން ރޭގެ ތަރާވީހް ނަމާދުގައި ބައިވެރިވި މީހުންގެ ޖުމްލަ އަދަދު 2.5 މިލިއަނަށް ވުރެ މައްޗަށް ދިޔަ ކަމަށް ސައޫދީން ބުނެ އެވެ.

މިއީ، ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމުގެ ގޮތުން، މައްކާ އާއި މަދީނާގައި އަޅާފައިވާ ފިޔަވަޅުތައް އުވައިލުމަށް ފަހު، މިހާ ގިނަ އަދަދެއްގެ ބަޔަކު މައްކާގެ ހަރަމްފުޅަށް އެއްފަހަރާ ޖަމާވި ފުރަތަމަ ފަހަރެވެ.

ރޭގެ ތަރާވީހް ނަމާދު އިމާމްވެ ކުރެއްވީ، ދެ ހަރަމްފުޅުގެ ކަންތައް ބަލަހައްޓާ އިދާރާގެ ރައީސް، އައްޝައިޚް ޑރ. އަބްދުއްރަހްމާން އައް ސުދައިސް އެވެ. ޝައިޚް ސުދައިސްގެ އަސަރުގަދަ ކިޔެވުމާއެކު ރޭގެ ތަރާވީހް ނަމާދުގެ އެންމެ ފަހު ރަކުއަތުގައި ވިދާޅުވި ގުރުއާން ޚަތިމްކުރުމުގެ ދުއާ 30 މިނެޓަށް ދެމިގެން ދިޔައިރު، އެތައް ބަޔަކު ދެ އަތް އުފުލައި ކަރުނަ އޮހޮރަމުން ދުއާ ކުރަމުން ދިޔަ އެވެ.

މަދީނާގެ ހަރަމްފުޅުގައި ރޭ ކުރި ތަރާވީހް ނަމާދުގައި ވެސް، އެތައް ލައްކަ ބަޔަކު ބައިވެރި ކަމަށް ސައޫދީ ސަރުކާރުން ބުނެ އެވެ.

މައްކާގެ ހަރަމްފުޅާއި މަދީނާގެ ހަރަމްފުޅު ބޮޑުކުރުމަށް މިހާރު ފަށާފައިވާ މަޝްރޫއުގެ ތެރެއިން، މިހާތަނަށް ނިމިފައި ހުރި ބައިތައް، މި ރޯދަ މަހަށް ހުޅުވާލާފައިވާތީ، އެ ދެ ހަރަމްފުޅަށް ޒިޔާރަތްކުރާ މީހުންނަށް ވަރަށް ފަސޭހައިން އަޅުކަމުގެ ކަންތައް ފުރިހަމަ ކުރެވެ އެވެ. މައްކާގެ ހަރަމްފުޅުގައި ހިމެނޭ މަޠާފް (ޠަވާފްކުރާ ސަރަހައްދު) ހަމައެކަނި އުމްރާވެރިންނަށް ޚާއްސަ ކޮށްފައި އޮތުމުން، އުމްރާގެ އަޅުކަން ފުރިހަމަ ކުރުމަށް ހޭދަވާ ވަގުތު މިހާރު ވަނީ ކުރިއަށް ވުރެ ވަރަށް ކުޑަވެ، އަދި ފަސޭހަ ވެފަ އެވެ.

ދެ ހަރަމްފުޅުގެ ކަންތައް ބަލަހައްޓާ އިދާރާ އިން ބުނިގޮތުގައި އުމްރާގައި ބައިވެރި ނުވެ އެހެން އަޅުކަންތަކުގައި ތިބޭ މީހުންނަށް ހަރަމްފުޅުގެ އެހެން ސަރަހައްދުތަކުން ޖާގަ ތަނަވަސްވެފައި ވުމުން، ތަވާފް ކުރާ ސަރަހައްދާއި ސައުޔު ކުރާ ސަރަހައްދު މިހާރު އޮންނާނީ އުމްރާވެރިންނަށް ހުސްވެފަ އެވެ. އެހެންކަމުން، ގިނަވެގެން 104 މިނެޓް ތެރޭގައި އުމްރާގެ އަޅުކަން ފުރިހަމަ ކުރެވޭނެ ކަމަށް އެ އިދާރާ އިން ބުންޏެވެ.

މައްކާގެ ހަރަމްފުޅުގައި މި ރޯދަ މަހުގެ ތެރޭގައި ނަމާދުކޮށް ގުރުއާން ކިޔަވަން ބޭނުންވާ މީހުންނަށް ތިބެވޭނީ، މަޠާފް އާއި މަސްޢާ (ޞަފާ އާއި މަރްވާއާ ދެމެދު ހިނގާ ސަރަހައްދު) ފިޔަވައި އެހެން ސަރަހައްދުތަކުގަ އެވެ. މަޠާފް އާއި މަސްޢާ ޚާއްސަ ކޮށްފައިވަނީ އުމްރާވެރިންނަށެވެ.