Roadha Mihaaru
ވިޔަފާރިތަކުގެ ޕްރޮފައިލްޝީޓް ވަގުތުން ލިބޭގޮތް ހަދައިފި

ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ވިޔަފާރިތަކުގެ ޕްރޮފައިލް ޝީޓް ވަގުތުން ލިބޭ ގޮތް ހަދައިފި

24 އޮކްޓޯބަރ 2022

އަމިއްލަ ފަރުދުންގެ ވިޔަފާރިތަކާއި ކުންފުނިތަކާއި ޕާޓްނާޝިޕް އަދި ކޯޕަރޭޓިވް ސޮސައިޓީތަކުގެ ޕްރޮފައިލް ޝީޓް، އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ވަގުތުން ލިބޭ ގޮތް ހަމަޖައްސައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

އަމިއްލަ ފަރުދުންގެ ވިޔަފާރިތަކާއި ކުންފުނިތަކާއި ޕާޓްނާޝިޕް އަދި ކޯޕަރޭޓިވް ސޮސައިޓީތަކުގެ ޕްރޮފައިލް ޝީޓް، އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ވަގުތުން ލިބޭ ގޮތް ހަމަޖައްސައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނީ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް މިހާރު ވިޔަފާރިތަކުގެ ޕްރޮފައިލް ޝީޓު ވަގުތުން ޖެނެރޭޓުކޮށް، އެހެން ފަރާތްތަކާ ފަސޭހަކަމާ އެކު ހިއްސާ ކުރެވޭނެ ކަމަށެވެ.

ވިޔަފާރި ރަޖިސްޓްރީކުރުމަށް ފަހު ބޭންކް އެކައުންޓު ހުޅުވުން ފަދަ ކަންކަމުގައި ބޭނުންވާ ކޯޕަރޭޓް ޕްރޮފައިލް ޝީޓު ބިޒްނަސް ޕޯޓަލް އިން ލިބެ އެވެ އާދައިގެ ޕްރޮފައިލް ޝީޓެއް ނުވަތަ އިތުރު މައުލޫމާތު ހިމަނައިގެން ޕްރޮފައިލް ޝީޓު ނެގުމުގެ ފުރުސަތު މިހާރު ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ބޭންކުތަކާއި އެހެނިހެން ހިދުމަތްދޭ ތަންތަނަށް ވިޔަފާރިތަކުން ފޮނުވާ ޕްރޮފައިލް ޝީޓަކީ ސައްހަ އެއްޗެއްތޯ ބެލުމަށް ކޮންމެ ޕްރޮފައިލް ޝީޓެއްގައި އެއަށް ހާއްސަ ވެރިފިކޭޝަން ކޯޑެއް އިންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އޭރުން އެ ކޯޑު ބޭނުންކޮށްގެން ބިޒްނަސް ޕޯޓަލް މެދުވެރިކޮށް އެ ޝީޓުތަކުގެ ސައްހަކަން ބެލޭނެ އެވެ.

އެ ހިދުމަތާ އެކު މިނިސްޓްރީގެ ކައުންޓަރުން ޕްރޮފައިލް ޝީޓު ދިނުމުގެ ބަދަލުގައި، އޮންލައިންކޮށް އެކަން ކުރުމަށް ބާރުއަޅަން ފަށާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ވިޔަފާރި ރަޖިސްޓްރީގެ ކަންކަމާއި، ވިޔަފާރިތަކަށް ބޭނުންވާ އެކި ހުއްދަތަކާއި އިންވެސްޓުކުރުމުގެ ކަންކަން ކުރެވެ އެވެ.