Roadha Mihaaru
އަންހެނުންނަށް ހާއްސަކޮށް ލޯނު ދޫކުރަން ހުޅުވާލައިފި

އަންހެނުންނަށް ހާއްސަކޮށް 100 މިލިއަން ރުފިޔާގެ ލޯނަށް ހުޅުވާލައިފި

23 ފެބުރުއަރީ 2024

އަންހެނުންނަށް އަމާޒުކޮށް އެސްއެމްއީ ޑިވަލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން 100 މިލިއަން ރުފިޔާގެ ލޯނަށް ހުޅުވާލައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އަންހެނުންނަށް އަމާޒުކޮށް އެސްއެމްއީ ޑިވަލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން 100 މިލިއަން ރުފިޔާގެ ލޯނަށް ހުޅުވާލައިފި އެވެ.

އެސްޑީއެފްސީން ބުނީ، "ފަށާ މަދަދު" ލޯނާއި "ފަށާ މަދަދު ލީޒިން" ގެ ނަމުގައި ފެށި އެ ޕްރޮގްރާމަށް އަންނަ މަހުގެ 3 ވަނަ ދުވަހުގެ ކުރިން ކުރިމަތިލެވޭނެ ކަމަށެވެ. އަންހެނުންނަށް ހާއްސަކޮށް ހުޅުވާ ފައިނޭންސިން ފެސިލިޓީއަކީ ސަރުކާރުގެ ހަފްތާ 14ގެ ތެރޭގައި ހިމެނޭ ވައުދެކެވެ.

ފަށާ މަދަދު ލޯނަށް ކުރިމަތިލެވޭނީ، އަންހެން ވިޔަފާރިވެރިންގެ ތެރެއިން އާމްދަނީ ކަށަވަރު ނުވުމުގެ ސަބަބުން އެހެން ބޭންކްތަކުން ލޯނު ހޯދުމަށް ދަތިތައް ކުރިމަތިވެފައިވާ ފަރާތްތަކަށެވެ. އެފަރާތްތަކަށް ފަށާ މަދަދުގެ ދަށުން އެއް ލައްކަ ރުފިޔާ އާއި ފަސް ލައްކަ ރުފިޔާއާ ދެެމެދުގެ އަދަދަކަށް ލޯނު ލިބޭނެ އެވެ.

އެ ލޯނަށް 12 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް އިންނަ އިރު އަނބުރާ ދައްކަން ޖެހޭނީ ހަތް އަހަރުގެ ތެރޭގަ އެވެ. ލޯނުގެ އިންޓްރެސްޓް ރޭޓަކީ ހަ ޕަސެންޓެވެ.

ފަށާ މަދަދު ލީޒިން ޕްރޮގްރާމު ހާއްސަކޮށްފައިވަނީ އަންހެން ވިޔަފާރިވެރިންގެ ތެރެއިން އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކާއި ފްރީލާންސްކޮށް އަދި ގޭގައި ތިބެގެން މަސައްކަތް ކުރާ ފަރާތްތަކަށެވެ. އެފަރާތްތަކަށް ބޭނުންވާ ހަރުމުދާ ގަތުމަށް އެ ސްކީމުގެ ދަށުން ފައިސާ ހޯދޭނެ ކަމަށް އެސްޑީއެފްސީން ބުންޏެވެ.

އަށް ޕަސެންޓުގައި ދޫކުރާ މި ލޯނުގެ ދަށުން 10،000ރ. އިން ފެށިގެން އެއް ލައްކަ ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެ އެވެ. އެ ލޯނު މެދުވެރިކޮށް، ހަރުމުދާ ގަނެވޭނެ އެވެ. އެ ސްކީމުގެ ދަށުން އަނބުރާ ފައިސާ ދައްކަން ޖެހޭނީ ސްކީމުގެ ދަށުން ތަކެތި ގަންނަތާ ހަ މަސް ފަހުންނެވެ. އެ ސްކީމުގެ ދަށުން ތަކެތި ގަންނަ ފަރާތްތަކަށް ފަސް އަހަރު ދުވަހަށް ބަހާލައިގެން ފައިސާ އަނބުރާ ދެއްކޭނެ އެވެ. މި ސްކީމުގެ ދަށުން ވަކި ފަރުދަކަށް ފައިނޭންސް ކުރެވޭ އަދަދު ކަނޑައަޅާނީ އެފަރާތެއްގެ ބޭންކް އެކައުންޓުން ކަށަވަރުކުރެވޭ އާމްދަނީއަށް ބަލައިގެންނެވެ.