Roadha Mihaaru
އެމްއީއެސް މައްސަލަ: ގާނޫނީ ޚަަރަދު ނަގައެއް ނުދިން

އެމްއީއެސް އިމާރާތް އަތުލުން: ގާނޫނީ ޚަރަދު ހޯދަން މަންދުން ކުރި ދައުވާ ކާމިޔާބެއް ނުވި

24 އޮކްޓޯބަރ 2022

އެމްއީއެސް ސްކޫލް ހިންގި އިމާރާތް މަންދު ކޮލެޖް ހިންގާ މާލެ ހައި ޕްރައިވެޓް ކުންފުނިން އަތުން އަތުލި މައްސަލާގައި އެ ކުންފުނި އަތުން ހިނގި ގާނޫނީ ޚަރަދު ދައުލަތުގެ ކިބައިން ނަގައި ނުދެވޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެމްއީއެސް ސްކޫލް ހިންގި އިމާރާތް މަންދު ކޮލެޖް ހިންގާ މާލެ ހައި ޕްރައިވެޓް ކުންފުނިން އަތުން އަތުލި މައްސަލާގައި އެ ކުންފުނި އަތުން ހިނގި ގާނޫނީ ޚަރަދު ދައުލަތުގެ ކިބައިން ނަގައި ނުދެވޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މިހާރު އިއްޒުއްދީން ސްކޫލް ހިންގާ އިމާރާތް މާލެ ހައި ކުންފުންޏަށް ސަރުކާރުން ދޫކޮށްފައި ވަނިކޮށް 2013 ވަނަ އަހަރު ސަރުކާރުން އެއްބަސްވުން ބާތިލްކޮށް، އެތަން އަތުލި މައްސަލާގައި ހައި ކޯޓާއި ސުޕްރީމް ކޯޓުން ނިންމާފައި އޮތީ އެތަން އަތުލީ ގޯސްކޮށް ކަމަށާއި އަދި އެ ކުންފުންޏަށް ދައުލަތުން ދޭންޖެހޭނެ ކަމަށެވެ.

އެއްބަސްވުން ބާތިލްކުރި މައްސަލާގައި ވަކީލުންނާއި ޚަބީރުންނަށް ހޭދަކުރި ފައިސާ ދައުލަތުގެ ކިބައިން ހޯދުމަށް މާލެ ހައި ކުންފުނިން ދައުވާ ކުރުމުން ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ގާނޫނީ ޚަރަދު ނަގައިދެވޭނެ ކަމަށް އެއްބަސްވުމުގައި ބަޔާންވެފައި އޮތަސް އަދި ލޯ ފާމަކުން އެ ކުންފުންޏަށް ފޮނުވާފައި އިންވޮއިސްތަކެއް ހުށަހަޅާފައި ހުއްޓަސް، އެ އިންވޮއިސްތަކަށް އެ ކުންފުނިން ފައިސާ ދައްކާފައިވާ ކަން އެނގޭނެ ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށެވެ.

މީގެ އިތުރުން ޚަބީރުންނަށް ޚަރަދުކުރި ފައިސާ ހޯދަން އެދުނަސް، އެފަދަ ފައިސާއެއް ނަގައިދެވޭނެ ކަމަށް އެއްބަސްވުމުގައި ނެތް ކަމަށް ވެސް ހުކުމުގައިވެ އެވެ. އެހެންވެ، ވަކީލުންނަށް ކުރި ޚަރަދާއި ޚަބީރުންނަށް ޚަރަދުކުރި ފައިސާ ދައްކަން ދައުލަތަށް އަމުރު ނުކުރެވޭނެ ކަމަށް ހުކުމުގައިވެ އެވެ.

އެއްބަސްވުން ބާތިލްކުރި މައްސަލާގައި މާލެ ހައި ކުންފުންޏަށް ސަރުކާރުން 15 މިލިއަން ރުފިޔާގެ ބަދަލެއް ކުރިން ދިނެވެ. އެއީ އެމްއީއެސް ހިންގި އިމާރާތަކުން މަންދު ކޮލެޖް ބޭރުކޮށްލުމުން އެތަން ހިންގާނެ އެހެން އިމާރާތެއް ހޯދަން ކުރި ޚަރަދެވެ.