Roadha Mihaaru
މަންދު ކޮލެޖަށް އިތުރު ފައިސާ ދޭކަށްނުޖެހޭ: ހައި ކޯޓު

މަންދު ކޮލެޖަށް އިތުރު ފައިސާއެއް ދޭން ނުޖެހޭކަމަށް ހައި ކޯޓުން ވެސް ނިންމައިފި

10 އޮކްޓޯބަރ 2020

އެޑިއުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ފަރުނީޗަރު ހަވާލުކުރުން ލަސްވި މައްސަލައިގައި މަންދު ކޮލެޖަށް ދައުލަތުން ޖޫރިމަނާ ދައްކަން ނުޖެހޭނެ ކަމަށް ހައި ކޯޓުން ވެސް ނިންމައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އެޑިއުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ފަރުނީޗަރު ހަވާލުކުރުން ލަސްވި މައްސަލައިގައި މަންދު ކޮލެޖަށް ދައުލަތުން ޖޫރިމަނާ ދައްކަން ނުޖެހޭނެ ކަމަށް ހައި ކޯޓުން ވެސް ނިންމައިފި އެވެ.

މަންދު ކޮލެޖް ކުރިން ހިންގި އެމްއީއެސް އިމާރާތަށް އަރަަބިއްޔާގެ ދަރިވަރުން ވަގުތީ ގޮތުން ބަދަލުކުރި އިރު އެޑިއުކޭޝަން މިނިސްޓްރީގެ ހަވާލުގައި ހުއްޓާ ފަރުނީޗަރު ގެއްލުނު މައްސަލައިގައި އެ ތަކެތީގެ އަގަށްވާ ފައިސާ ދިނުމަށާއި ޖޫރިމަނާގެ ގޮތުގައި ދައްކަން އެދުނު ފައިސާ ދައްކަން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް މަންދު ކޮލެޖުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ބެލި މައްސަލަ ނިންމީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ދައުލަތުން ޖޫރިމަނާ ދައްކަން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވާ ބައި ބާތިލުކުރަން (މަންދު ކޮލެޖް ހިންގާ) މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ހައި ކޯޓްގައި އިސްތިއުނާފުކުރި މައްސަލައިގައި ކުރި ހުކުމުގައި ބުނީ ޖޫރިމަނާ ނައިގަައިދެވެން ނެތްކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާ ކަނޑައެޅުން ބާތިލުކުރަން ޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.

ސިވިލް ކޯޓުން އެ މައްސަލައިގައި ކުރި ހުކުމުގައި ނިންމާފައި އޮތީ މަންދު ކޮލެޖާއި އެޑިއުކޭޝަން މިނިސްޓްރީން އެއްބަސްވެގެން ދައުލަތުގެ ހަވާލުގައި ބެހެއްޓި، ފަރުނީޗަރުގެ ތެރެއިން އެ ކޮލެޖަށް ނުލިބިވާ ތަކެތީގެ އަގަށްވާ ފައިސާ ދައުލަތުން ދިނުމަށާއި އެހެން ނަމަވެސް އެ ތަކެތީގެ އަގަށްވާ ފައިސާ ނުލިބި ލަސްވުމުން ދައްކަން ޖެހޭ ކަމަށް ބުނާ ޖޫރިމަނާ ދައްކަން ނުޖެހޭނެ ކަމަށެވެ.

ފަރުނީޗަރުގެ އަގަށްވާ ފައިސާ ހޯދަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި މާލެ ހައި ޕްރައިވެޓް ލިމިޓެޑުން އެދިފައި އޮތީ ތަކެތީގެ އަގާއި ޖޫރިމަނާއާ އެކު ޖުމްލަ 1.2 މިލިޔަން ރުފިޔާ ނަގައިދިނުމަށެވެ. އެކަމަކު ސިވިލްކޯޓުން ނިންމީ ތަކެތީގެ އަގަށްވާ 451،000ރ. ދައުލަތުން ދެއްކުމަށާއި ޖޫރިމަނާ ދައްކަން ނުޖެހޭނެ ކަމަށެވެ. ޖޫރިމަނާ ދައްކަން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުގެ ހުކުމުގައި އޮތް ބައި ބާތިލުކުރަން ނުޖެހޭނެ ކަމަށް ހައި ކޯޓުން ނިންމީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ.