Roadha Mihaaru
އަރުޝަދުގެ މައްސަލަ:ސުޕްރީމް ކޯޓުގެ ސުވާލުތައް ޕީޖީއަށް

އަރުޝަދު ބަންދުކުރަން އެންގި މައްސަލަ: ސުޕްރީމް ކޯޓުގެ ގިނަ ސުވާލުތަކެއް ދައުލަތަށް

24 އޮކްޓޯބަރ 2022

މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގެ ތުހުމަތު ފުލުހުން ކުރާ އަރުޝަދު ޚާލިދު ބަންދުކޮށްގެން ހައި ކޯޓަށް ހާޒިރުކުރަން ނެރުނު އަމުރުގެ މައްސަލައިގައި ސުޕްރީމް ކޯޓުގެ ގިނަ ސުވާލުތަކެއް ދައުލަތަށް މިއަދު އަމާޒުވެއްޖެ އެވެ.

މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގެ ތުހުމަތު ފުލުހުން ކުރާ އަރުޝަދު ޚާލިދު ބަންދުކޮށްގެން ހައި ކޯޓަށް ހާޒިރުކުރަން ނެރުނު އަމުރުގެ މައްސަލައިގައި ސުޕްރީމް ކޯޓުގެ ގިނަ ސުވާލުތަކެއް ދައުލަތަށް މިއަދު އަމާޒުވެއްޖެ އެވެ.

ނުވަ ކިލޯ ޑްރަގް މައްސަލައެއްގައި އިސް މީހާ ކަމަށް ފުލުހުން ތުހުމަތުކުރާ އަރުޝަދު ރާއްޖެ ބޭރުގައި އުޅުމަށް ފަހު ރާއްޖެ އައުމުން އޭނާ ބަންދުގައި ބަހައްޓައިގެން ހައި ކޯޓަށް ހާޒިރުކުރަން އެ ކޯޓުން އަމުރު ނެރުނެވެ. ކޯޓު އަމުރު އޮއްވައި ފުލުހުން އަރުޝަދު ހައްޔަރު ކުރުމަށް ފަހު އޭނާ ދޫކޮށްލާފައިވެ އެވެ.

ހައި ކޯޓުގެ އަމުރު އިސްތިއުނާފު ކުރަން އަރުޝަދުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން މިއަދު ބޭއްވި އަޑުއެހުމުގައި އޭނާގެ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރެވޭނީ ކޯޓަށް ހާޒިރުވުމުގެ ޗިޓާ ހަވާލުވުމަށް ފަހު މަގުބޫލު އުޒުރެއް ނެތި ހާޒިރުނުވާ ނަމަ ކަމަށެވެ. އެކަމަކު އަރުޝަދުގެ ބަންދު ކުރަން ހައި ކޯޓުން އަމުރެއް ނެރުނީ ޗިޓް ހަވާލު ކުރުމެއް ނެތި ކަމަށް އޭނާ ވިދާޅުވި އެވެ.

ހައި ކޯޓުގެ އަމުރުގައި އަރުޝަދު އެ ކޯޓަށް ހާޒިރުކުރަން ޖެހޭ ވަގުތެއް ވެސް ހިމަނައިފައެއް ނުވެ އެވެ. އެހެންވެ، އެއީ ވެސް ގަވާއިދުގައި ބުނާ ފަދައިން އޮތް އަމުރެއް ނޫން ކަމަށާއި އެއީ މުއްދަތެއް ނެތި، ނިޒާމުން ގެއްލިދާނެ ފަދަ އަމުރެއް ކަމަށް ވަކީލު ވިދާޅުވި އެވެ.

ހައި ކޯޓުގެ އަމުރުގައި އެންމެ ފަނޑިޔާރަކު ސޮއި ކުރައްވާފައި އޮތުމުން އެ މައްސަލަ ވެސް އަރުޝަދުގެ ފަރާތުން ފާހަގަކުރި އެވެ.

އެކަމަކު ދައުލަތުން ބުނިގޮތުގައި އަރުޝަދާ ޗިޓް ރައްދުކުރަން މަސައްކަތް ކުރަންޖެހޭ ސަބަބެއް ނެތެވެ. ސަބަބަކީ ހައި ކޯޓަށް މައްސަލަ ހުށަހެޅިއިރު، އަރުޝަދު ރާއްޖެ އިން ބޭރުގައި ހުރުމުން ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނީ އަރުޝަދު ހާޒިރު ކުރަންޖެހޭ ވަގުތެއް އަމުރެއް ނެތުމަކީ މައްސަލައެއް ނޫން ކަމަށެވެ. އެފަދަ އަމުރުތަކުގެ ދަށުން ހައްޔަރުކުރާ މީހުން އެންމެ ގިނަވެގެން 72 ގަޑިއިރުގެ ތެރޭގައި ހާޒިރު ކުރަންޖެހޭނެ ކަމަށާއި އެހެންވެ، ވާނުވާ ނޭނގޭ ގޮތަށް މީހަކު ނިޒާމުން ނުގެއްލޭނެ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނިގޮތުގައި އެގޮތަށް އަމުރު ނެރެފައި އޮތީ އަރުޝަދު ރާއްޖެ އައުމުން ހައްޔަރު ކުރެވޭނެ ވަގުތެއް ކޯޓަށް ނޭނގޭތީ ކަމަށް ބެލެވެ އެވެ. އަދި ހައްޔަރު އަމުރު ނެރުމަކީ އިދާރީ ކަމަކަށް ވާތީ، އަމުރުގައި އެންމެ ފަނޑިޔާރަކު ސޮއި ކުރުމުގައި މައްސަލައެއް ނެތް ކަމަށް ދައުލަތުން ބުންޏެވެ.

އަރުޝަދު ހޯދަން ހައި ކޯޓުން މަސައްކަތް ކުރިތޯ، ސުޕްރީމް ކޯޓުގެ ބެންޗުން ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ އަރުޝަދު އުޅޭ އެޑްރެސް އެނގޭތޯ ބަލަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެ ކޯޓުން އެދުނު ކަމަށާއި އޭރު އޭނާ ހުރީ ރާއްޖެއިން ބޭރުގައި ކަމަށެވެ.

ރައްދުގައި އަރުޝަދުގެ ވަކީލު ވިދާޅުވީ، އަރުޝަދާ ގުޅުން ހުރި އެހެން ދެ މައްސަލައަކާ ކުރިން މިދިޔަ މާޗު މަހު ވެސް ހައި ކޯޓުން އަރުޝަދާ އީމެއިލް މެދުވެރިކޮށް މުއާމަލާތުކުރި ކަމަށެވެ.

އެހެން ދެ މައްސަލައަކާ ގުޅިގެން ހައި ކޯޓުން މުއާމަލާތު ކޮށްފައި ވަނިކޮށް، މއެ މައްސަލާގައި ހައްޔަރު އަމުރު ނެރުނީ އެ ކޯޓުގެ މުވައްޒަފުންނަށް އެރި އޮޅުމަކުންތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ދައުލަތުން ބުނީ ހައި ކޯޓުން އޭރު މުއާމަލާތުކުރީ އަރުޝަދުގެ އާއިލާގެ މީހެއްގެ އީމެއިލްއާ ކަމަށެވެ. އަދި އޭރު އެގޮތަށް މުއާމަލާތް ކުރިޔަސް، މި މައްސަލާގައި އަރުޝަދުގެ ހުއްދަ ނެތި އޭނާގެ އާއިލާގެ މީހަކަށް އީމެއިލް ނުކުރެވޭނެ ކަމަށް ދައުލަތުން ބުންޏެވެ.

ހައިކޯޓަށް މީހުން ހާޒިރުކުރުމުގެ ގަވާއިދުގައި، އެ ކޯޓަށް މީހުން ހާޒިރު ކުރަންޖެހޭ ވަގުތާއި ގަޑި އޮންނަން ޖެހޭނެ ކަމަށް ބަޔާން ކުރާތީ އެކަމާ މެދު ސުޕްރީމް ކޯޓުގެ ބެންޗުން ސުވާލު ކުރެއްވި އެވެ.

އެކަމަކު ދައުލަތުން ބުނީ ކޯޓަށް ހާޒިރުކުރަން މީހަކު ބަންދުކުރާ ހާލަތުގައި އެންމެ ގިނަވެގެން ބަންދުގައި ބެހެއްޓޭނީ 72 ގަޑިއިރުގެ ކަމަށް ގަވާއިދުގައި ބުނާތީ އެކަމުގައި ގޯހެއް ނެތް ކަމަށެވެ. އެގޮތަށް މީހަކު ހައްޔަރުކޮށްފި ނަމަ، އެކަން ފުލުހުންގެ ފަރާތުން އެ ކޯޓަކަށް އަންގާނެ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

އަރުޝަދު އުޅޭ އެޑްރެހަށް ޗިޓް ރައްދުކުރަން މަސައްކަތް ކުރުން ހުއްޓާލީތޯ އާއި އެކަމަށް ހައި ކޯޓުން ކުރި މަސައްކަތަކީ ކޮބައިތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.

ދައުލަތުން ބުނީ އަރުޝަދުގެ ފޯނަށް ނުގުޅޭ ކަމަށް ބުނެ ހައި ކޯޓުން މައުލޫމާތު ސާފުކުރި ކަމަށާއި އެކަމަކު ޗިޓް ރައްދުކުރަން ކުރި މަސައްކަތެއް ދައުލަތަށް ނޭނގޭ ކަމަށް ބުންޏެވެ.

"އެހެންވީމަ ސާފުނުވާ ކަންތައްތަކެއް އެބަހުރި ދެއްތޯ؟. ހައި ކޯޓުން މި މައްސަލާގައި ކީއްތޯ ކުރީ ހާޒިރު ކުރުމަށްޓަކައި، ޗިޓް ރައްދު ކުރަން ކުރި މަސައްކަތެއް ސާފުވެފައެއް ނެތް،" ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވި އެވެ.

ކުށް ސާބިތުނުވެ، ދަށު ކޯޓުން ނިމިގެންދާ މައްސަލަތައް އިސްތިއުނާފް ކުރުމުން އިސްތިއުނާފް މަރުހަލާ ނިމެންދެން ޕާސްޕޯޓް ހިފެހެއްޓުމުގެ އުސޫލެއް ނޯވޭތޯ ބެންޗުން ސުވާލު ކުރެއްވި އެވެ. ދައުލަތުން ބުނީ ގާނޫނުގައި މިހާރު އޮންނަ ގޮތުން އެފަދަ އުސޫލެއް ނޯންނަ ކަމަށެވެ.

ކޯޓަށް މައްސަލަ ހުށަހެޅުމުން ކޯޓުގެ ހުއްދަ ނެތި ނުފުރޭނެ ކަމަށް ގަވާއިދުގައި އޮތަސް، އެކަމަކު މިހާރު އޮންނަ ގޮތުން ފުރުން މަނާކުރުން ފަދަ ފިޔަވަޅުތަކެއް އޮޓަމެޓިކުން ނޭޅޭ ކަމަށް ދަައުލަތުން ބުންޏެވެ.

"ގަވާއިދުގައި މި އޮންނަނީ ހުއްދަ ހޯދައިގެންނޭ ފުރައިގެން ދާންޖެހޭނީ. އެކަމަކު އެކަން ނުކޮށް ވެސް އެ މީހާ ފުރައިގެން ގޮސްފިއްޔާމު އެކަން ހުއްޓުވޭނެ ގޮތަކަށް ނޫން ގާނޫނުތަކާއި ގަވާއިދުތައް މިހާރު ތަރުތީބުވެފައި މި ހުންނަނީ." ދައުލަތުން ބުންޏެވެ.

މައްސަލަ އިސްތިއުނާފަށް ހުށަހަޅާއިރު، ފުރުން މަނާކުރުމުގެ އަމުރަކަށް ނޭދެނީ ކީއްވެގެންތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.

ދައުލަތުން ބުނީ އިސްތިއުނާފަށް މައްސަލަ ހުށަނާޅަނީސް، ފުރުން މަނާކުރުމުގެ އަމުރެއް ނެރެނުދެވޭނެ ކަމަށް ހައި ކޯޓުން ކުރިން ނިންމާފައިވާ ކަމަށެވެ. އެކަމަކު ބައެއް ފަހަރު އިސްތިއުނާފް ފޯމް ތައްޔާރުކޮށް ނިމޭއިރު، ބައެއް މީހުން ފުރައިގެން ރާއްޖެ އިން ބޭރަށް ގޮސްފައިވާ ކަމަށް ދައުލަތުން ބުންޏެވެ.

އެ މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ވަނީ ނިންމާލައިފަ އެވެ. އެހެންވެ، އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނާނީ ހުކުމް އިއްވުމެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު މަހާޒެވެ.

ހައި ކޯޓަށް ހާޒިރު ކުރުމެއް ނެތި ފުލުހުން އަމިއްލައަށް އަރުޝަދު ދޫކޮށްލި މައްސަލާގައި އެ ކޯޓުގެ ފާޑުކިޔުން ދައުލަތާއި ފުލުހުންނަށް އަމާޒުވެ އެ މައްސަލަ ވަނީ ހޫނުވެފަ އެވެ. އަރުޝަދު ފުރުން މަނާކުރުމުގެ އަމުރެއް ހައި ކޯޓުން މިހާރު ވަނީ ނެރެފަ އެވެ.

އަރުޝަދު ދޫކޮށްލުމުގައި ހަރަކާތްތެރިވި ފުލުހުންގެ މައްސަލަ ބަލަން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އޮތީ އަންގަވައިފަ އެވެ. އަދި އަރުޝަދު ބަންދުކުރަން ދައުލަތުން ވަނީ ސުޕްރީމް ކޯޓަށް ވެސް އޮތީ ހުށަހަޅައިފަ އެވެ.