Roadha Mihaaru
އިސްތިއުނާފު ލަސްވުމުން އަނެއްކާވެސް މައްސަލައެއް ބޭރު

ޑްރަގްގެ ބޮޑު މައްސަލައެއްގައި މީހަކު ދޫކުރުން، 48 ގަޑިއިރު ހަމަވެފައިވާތީ މައްސަލަ ބޭރުކޮށްލައިފި

11 އެޕްރީލް 2022

ޕާކިސްތާނުގެ ބަޔަކު މެދުވެރިކޮށް ރާއްޖެ އަށް 2.4 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތު ކުރެވޭ މީހަކު ބަންދުން ދޫކޮށްލުމުން ވެސް 48 ގަޑިއިރު ފަހުން އެ މައްސަލަ އިސްތިއުނާފު ކޮށްފައިވާތީ، އެ މައްސަލަ ވެސް ހައި ކޯޓުން ބޭރުކޮށްލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޕާކިސްތާނުގެ ބަޔަކު މެދުވެރިކޮށް ރާއްޖެ އަށް 2.4 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތު ކުރެވޭ މީހަކު ބަންދުން ދޫކޮށްލުމުން ވެސް 48 ގަޑިއިރު ފަހުން އެ މައްސަލަ އިސްތިއުނާފު ކޮށްފައިވާތީ، އެ މައްސަލަ ވެސް ހައި ކޯޓުން ބޭރުކޮށްލައިފި އެވެ.

ޖިނާއީ އިޖުރައާތުގެ ގާނޫނު އޮންނަ ގޮތުން ކޯޓު އަމުރުތައް އިސްތިއުނާފު ކުރަން ދައުލަތަށް ލިބޭނީ 48 ގަޑިއިރެވެ.

ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ދޫކޮށްލި މައްސަލައިގައި މިދިޔަ ހަފުތާގައި ހައި ކޯޓުން ނިންމާފައިވަނީ 48 ގަޑިއިރު ގުނަން ޖެހޭނީ އެ ނިންމުމެއް ނިންމި ވަގުތުން ފެށިގެން ކަމަށެވެ. އޭގެ ކުރިން ދައުލަތުން 48 ގަޑިއިރު ގުނަމުން ދިޔައީ އެ ނިންމުމެއް ނިންމާ ދުވަސް ނުހިމަނަ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޕާކިސްތާނުގެ ތިން މީހަކު މެދުވެރިކޮށް، މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ދިވެއްސަކު ބަންދުގައި ބެހެއްޓުމަށް ފަހު، މިދިޔަ މަހު ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލުމުން ދައުލަތުން އެ މައްސަލަ އިސްތިއުނާފްކުރީ އޭގެ ތިން ދުވަސް ފަހުންނެވެ.

ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ 48 ގަޑިއިރު ގުނާނީ އެ ނިންމުން ނިންމާ ވަގުތުން ފެށިގެން ކަމަށް އެ ކޯޓުން ކުރިން ނިންމާފައިވާއިރު، އިސްތިއުނާފް ލަސްވުމުގައި މަގްބޫލު ސަބަބެއް ދައުލަތަށް ނުދެއްކޭތީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެ ގޮތަށް ހުކުމްކުރީ އެ މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަތް ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ އަޣުލަބިއްޔަތުންނެވެ.

މި ފަހަރު ރައުޔު ތަފާތު

އެ ބެންޗުގައި ދެން ހިމެނިވަޑައިގަތް އިސް ފަނޑިޔާރު ހާތިފް ހިލްމީގެ ރައުޔު އެ މައްސަލައިގައި ތަފާތެވެ. އިސް ފަނޑިޔާރުގެ ރައުޔަކީ 48 ގަޑިއިރު ގުނަން ޖެހޭނީ އެ ނިންމުމެއް ނިންމި ވަގުތު ނުވަތަ ގަޑިން ފެށިގެން ކަމަށް ގާނޫނުގައި ބަޔާން ކޮށްފައިނުވާ ކަމަށެވެ. އޭގެ ބަދަލުގައި ގާނޫނުގައި އޮތީ ތާރީޚަށް ބެލުން ކަމަށް އޭނާގެ ރައުޔުގައިވެ އެވެ.

"އިސްތިއުނާފް މުއްދަތު ފެށޭނީ އަމުރު ނެރޭ ވަގުތު ނުވަތަ ގަޑިން ކަމަށް ބަޔާންކޮށްފައި ނުވެ އެވެ. އޭގެ ބަދަލުގައި އެ މާއްދާގައި ލިޔެފައި ވަނީ އެ އަމުރެއް ނެރޭ ނުވަތަ އެ ނިންމުމެއް ނިންމާ ތާރީޚުން ފެށިގެންނެވެ. މިއީ ދުވަހަށް ކޮށްފައިވާ އިޝާރާތެއް،" އިސް ފަނޑިޔާރުގެ ރައުޔުގައިވެ އެވެ.

ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖްރައާތުގެ ގަވާއިދު ވުޖޫދަށް އައުމުގެ ކުރިން ވެސް އަމަލުކުރަމުން ދިޔަ އުސޫލަކީ ތާރީޚަށް އެކަނި ބެލުން ކަމަށް ވާތީ އާއި މިހާރުގެ ގަވާއިދުގައި އެކަން ސާފުކޮށް ބަޔާންކޮށްފައި ނެތުމުން، ގަޑިއަށް ބަލައިގެން މުއްދަތު ނުގުނޭނެ ކަމަށް އިސް ފަނޑިޔާރުގެ ރައުޔުގައި ވިދާޅުވި އެވެ. އިސް ފަނޑިޔާރުގެ ރައުޔަކީ އެ މައްސަލައޮގައި އިސްތިއުނާފުގެ މުއްދަތު ހަމަނުވާތީ އެ މައްސަލަ ބެލޭނެ ކަމަށެވެ.