Roadha Mihaaru
އަލުން ކުރިމަތިލާން ޖެހޭތީ އެމްޑީޕީން ކޯޓަށް ދަނީ

ކައުންސިލް އިންތިހާބަށް އަލުން ކުރިމަތިލާން ޖެހޭތީ އެމްޑީޕީން ކޯޓަށް މައްސަލަ ހުށަހަޅަނީ

09 ޖެނުއަރީ 2017

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިން ކުރިމަތިލާފައި ތިބި ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލްކޮށް، އެ މީހުން އަލުން ކުރިމަތިލާން ޖެހޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލަ ކޯޓަށް ހުށަހަޅަން އެމްޑީޕީން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިން ކުރިމަތިލާފައި ތިބި ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލްކޮށް، އެ މީހުން އަލުން ކުރިމަތިލާން ޖެހޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލަ ކޯޓަށް ހުށަހަޅަން އެމްޑީޕީން ނިންމައިފި އެވެ.

މި މަހުގެ 14 ވަނަ ދުވަހު ކައުންސިލް އިންތިހާބު ބާއްވަން ނިންމައި، 900 އަށް ވުރެ ގިނަ ކެންޑިޑޭޓުންގެ ކެންޑިޑެސީ ގަބޫލުކޮށްފައި ވަނިކޮށް، ކޯޓުން ކުރި ހުކުމަކާ އެކު ދެ މަސްދުވަހަށް އިންތިހާބު ފަސް ކުރަން ޖެހުމުން އަންނަ އޭޕްރީލް މަހު އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. އަދި ކުރީގެ ކެންޑިޑެސީތައް ބާތިލްކޮށް، ކުރިން ކެންޑިޑެސީ ގަބޫލުކުރި ފަރާތްތަކުން އަލުން ހުށަހަޅަންޖެހޭ ގޮތަށް ވެސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ޕާޓީގެ ލީގަލް ޑައިރެކްޓަރު ހިސާން ހުސައިން ވިދާޅުވީ އިންތިހާބު ފަސް ކުރަން ކޯޓުން ކުރި ހުކުމުގައި، މުޅިން އާ އިންތިހާބެއް ބާއްވާ ކަމަށް ބުނެފައި ނެތް ކަމަށާއި އެހެންވެ ކުރީގެ ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލް ކުރެވިގެން ނުވާނެ ކަމަށެވެ. މައްސަލަ ކޯޓަށް ހުށަހަޅަނީ ކޮމިޝަންގެ އެ ނިންމުމުގެ ސަބަބުން 900 އަށް ވުރެ ގިނަ ކެންޑިޑޭޓުންގެ ހައްގު ގެއްލިގެން ދާތީ ކަމަށާއި އެކަމަކު ހުށަހަޅާނީ ކޮން ކޯޓަކަށް ކަމެއް އަދި ނުނިންމާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ދެ އޮޕްޝަނެއް އެބައޮތް. އެއީ އިންތިހާބީ ޝަކުވާއެއްގެ ގޮތުގައި ހައި ކޯޓަށް ހުށަހެޅުން ނުވަތަ މިހާރު އޮތް ޕްރެސީޑެންސްގެ ދަށުން ސިވިލް ކޯޓަށް، ޝަކުވާއެއްގެ ގޮތުގައި ހުށަހެޅުން. އަޅުގަނޑުމެން ޕާޓީގެ ތެރޭގައި މަޝްވަރާ ކުރުމަށް ފަހު މާދަމާގެ ވަގުތެއްގައި ނިންމާނަން ދާނީ ކޮޮން ކޯޓަކަށްތޯ،" ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވި ގޮތުގައި އެހެން ޕާޓީތަކުގެ ކެންޑިޑޭޓުން ވެސް އެ މައްސަލައިގެ ތެރެ އަށް ތަދައްހުލްވުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ކޯޓަށް މައްސަލަ ހުށަހަޅަނީ އިންތިހާބު ލަސްކުރަން ނޫން ކަމަށާއި އެ މައްސަލަ އަވަހަށް ކޯޓުން ނިންމައިދޭނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު ވިދާޅުވީ އެ މައްސަލަ ކޯޓަށް ހުށަހެޅިޔަސް އޭގެ ސަބަބުން އިންތިހާބު އިތުރަށް ލަސްވެގެން ދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

"އަވަސް ވެގެންދާނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ. މިހާރު ވެސް މި އޮތް 900 ކެންޑިޑޭޓުން ބަލައިގަތީމަ، އެ ބޭފުޅުންނަށް ވެސް އިދާރީ ގޮތުން ފަސޭހަވެގެން ދާނެ،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ސެކެރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ އިންތިހާބު އަލުން އިއުލާންކޮށް، ކޮމިޝަނުން ނެރުނު އިއުލާންގައި ހަމަނުޖެހޭ އެތައް ކަމެއް އެބަހުރި ކަމަށެވެ. ކުރިން ކުރިމަތިލި ކެންޑިޑޭޓުންނަށް ލުއިތަކެއް ދޭނެ ކަމަށް ކޮމިޝަނުން ބުންޏަސް އެކަން އިއުލާނުގައި ނެތް ކަމަށާއި އެހެންވެ އެ ކަންކަން ސާފުކުރަން މާދަމާ ކޮމިޝަނަށް ސިޓީ ފޮނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި މަހުގެ 14 ގައި ބާއްވަން ނިންމި ކައުންސިލް އިންތިހާބު ފަސްކުރަން ކޯޓުން އަމުރުކުރީ އިންތިހާބަށް ތައްޔާރު ނުވެވޭ ކަމަށް ބުނެ ޕީޕީއެމުން މައްސަލަ ހުށަހެޅުމުންނެވެ.