Roadha Mihaaru
އިންތިޚާބު ފަސްކުރަނީ ކާމިޔާބު ނުވާނެކަން އެނގޭތީ

އިންތިޚާބު ފަސްކުރަނީ ހުމުގެ ރޯގާ އާ ހެދިއެއް ނޫން، ސަރުކާރަށް ކާމިޔާބު ނުވާނެތީ: އެމްޑީޕީ

18 މާޗް 2017

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަ މޭ މަހުގެ ހަ ވަނަ ދުވަހަށް އިލެކްޝަންސް ކޮމިޝަނުން މިރޭ ކުއްލި ގޮތަކަށް ފަސްކުރީ، އިންތިޚާބުތަކާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީން ގޮތެއް ނިންމައިގެން ނޫން ކަމަށާއި އަދި އޭގެ ފަހަތުގައި އޮތީ ސަރުކާރަށް އިންތިޚާބު ކާމިޔާބު ނުވާނެކަން ޔަގީންވުން ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަ މޭ މަހުގެ ހަ ވަނަ ދުވަހަށް އިލެކްޝަންސް ކޮމިޝަނުން މިރޭ ކުއްލި ގޮތަކަށް ފަސްކުރީ، އިންތިޚާބުތަކާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީން ގޮތެއް ނިންމައިގެން ނޫން ކަމަށާއި އަދި އޭގެ ފަހަތުގައި އޮތީ ސަރުކާރަށް އިންތިޚާބު ކާމިޔާބު ނުވާނެކަން ޔަގީންވުން ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.

ގައުމީ ލަފާދޭ ކޮމެޓީގެ މިރޭގެ ކުއްލި ބައްދަލުވުމުގައި އެމްޑީޕީ ތަމްސީލް ކުރެއްވި، އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު "މިހާރު" އަށް ވިދާޅުވީ އެ ކޮމެޓީގެ މަޝްވަރާ ނުނިމެނީސް، އިންތިޚާބު ފަސްކުރިކަން އިލެކްޝަންސް ކޮމިޝަނުން މީޑިއާގައި އިއުލާން ކޮށްފައިވާ ކަމަށެވެ. އަދި އެ ތާރީޚުގައި އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ކުރިން އެއްބަސްވެ، ގޮތެއް ނިންމާފައިވާ ކަން އެނގިވަޑައިގަތީ، ކޮމެޓީގެ ބައްދަލުވުން ހިނގަމުން ދަނިކޮށް، މީޑިއާގައި އިލެކްޝަންސް ކޮމިޝަނުން އެކަން އިއުލާން ކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަން އެނގުނީ އަޅުގަނޑުމެން އިލެކްޝަންސް ކޮމިޝަންގެ ރައީސް ސުލެއިމާނާ ސުވާލު ކުރުމުން. އިންތިޚާބު ފަސްކުރިކަން އިލެކްޝަންސް ކޮމިޝަނުން، އަޅުގަނޑުމެންގެ ކޮމެޓީއަކަށް ނާންގާ. އިންތިޚާބު ފަސްކުރަން ކޮމިޝަނުން ނިންމާފައި އޮތްކަން އެނގުނީ އެ ބޭފުޅުންގެ ޕްރެސް ކޮންފަރެންސް ފެށުމާއެކު، ކޮމެޓީގެ ބައެއް މެމްބަރުން އެކަމާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން،" އޭނާ ވިދާޅުވި އެވެ،

އަނަސް ވިދާޅުވި ގޮތުގައި އިންތިޚާބު ފަސްކުރީ މިހާރު ފެތުރެމުންދާ ހުމުގެ ރޯގާއާ ގުޅިގެން ކަމަށް އެމްޑީޕީން ގަބޫލެއް ނުކުރެ އެވެ. އަދި ކަމާ ގުޅޭ ޓާސްކް ފޯހުގެ ޕްރޮފެޝަނަލް ލަފައެއް ވެސް އިލެކްޝަންސް ކޮމިޝަނުން ހޯދާފައި ނެތް ކަން އޭނާ ފާހަގަކުރެއްވި އެވެ.

އިންތިޚާބު ފަސްކުރަން ނިންމީ، އެޗްޕީއޭގެ ލަފާގެ މަތިން ކަމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ ބުނި ނަމަވެސް، އެ ސިޓީގައި ސޮއިކުރައްވާފައި ވަނީ އެޗްޕީއޭގެ ޑިރެކްޓަ ޖެނެރަލެއް ކަމަށް ވެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލަންކާގައި އެންމެ ފަހުން ބޭއްވި މަޝްވަރާއެެއްގައި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް (މ) ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: އެމްޑީޕީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލަންކާގައި އެންމެ ފަހުން ބޭއްވި މަޝްވަރާއެެއްގައި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް (މ) ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: އެމްޑީޕީ

"އެ ސިޓީގައި ވެސް އިންތިޚާބު ފަސްކުރުމަށް ލަފާދީފައި ނުވަތަ އަންގާފައެއް ވެސް ނެތް. މިފަދަ ހާލަތެއްގައި ބޭނުންވާނީ ޓާސްކް ފޯހުގެ ލަފައެއް ކަމަށް އަޅުގަނޑުމެން ދެކެނީ،" އަނަސް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި އިންތިޚާބު ފަސްކުރަން، ގައުމީ ލަފާ ދޭ ކޮމެޓީގެ ދެ ފަރާތެއް ފިޔަވައި އެހެން ހުރިހާ އެންމެން ވަނީ ތާއީދު ކޮށްފަ އެވެ.

"މިހާރު" އަށް އެނގިފައިވާ އިންތިޚާބު ފަސްކުރުމަށް ތާއީދުކުރީ ވެރިކަން ކުރާ ޕީޕީއެމް/އެމްޑީއޭ ކޯލިޝަނާއި ޑީއާރުޕީ އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް ޕޮލިސް ސާވިސަސް އާއި ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން އެވެ.

އިންތިޚާބު ފަސްކުރުމާ ދެކޮޅު ހެދީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އެވެ. ލޯކަލް އިންތިޚާބު ބޮއިކޮޓް ކުރުމަށް އަދާލަތުން ނިންމާފައި ވާތީ، ގައުމީ ލަފާ ދޭ ކޮމެޓީގެ ބައްދަލުވުންތަކުގައި އެ ޕާޓީން ބައިވެރިއެެއް ނުވެ އެވެ.

މީޑިއާގައި އެޗްޕީއޭ އާއި ބައެއް ޑޮކްޓަރުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތް ކުރައްވަމުން، އަނަސް ވިދާޅުވީ އިންތިޚާބު ފަސްކުރަންޖެހޭ ހާލަތަކަށް ދިޔަ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އަދި އެލާމިން ލެވެލް ތިނަކަށް ބަދަލުކޮށްފައިވާ އިރު، ހުމުގެ ރޯގާ އިތުރަށް ގޯސްވި ކަމަށް އިއުލާން ނުކުރާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ހުމުގެ ރޯގާއާ ގުޅިގެން އުފައްދާފައިވާ ޓާސްކް ފޯހުގެ މެމްބަރު، އޭޑީކޭގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަބްދުﷲ ނިޔާފް މީޑިއާ އަށް ވިދާޅުވެފައި ވަނީ، ހުމުގެ ރޯގާ ޖެހިގެން ފްލޫ ކްލިނިކްތަކަށް ދާ ގިނަ މީހުންގެ ފަރާތުން ސްވައިން ފްލޫ ނުވަތަ އެޗް1އެން1 ގެ އަލާމާތްތައް ނުފެން ކަމަށެވެ.

ޑޮކްޓަރުންނާ ހަވާލާދެއްވައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މި ހަފުތާގައި ވިދާޅުވެފައި ވަނީ މިފަދަ ރޯގާތައް އާންމު ގޮތެއްގައި 1-2 ހަފުތާ ތެރޭގައި ހަމަޔަކަށް އެޅޭނެ ކަމަށެވެ. އަދި ހުމުގެ ރޯގާ ކޮންޓްރޯލް ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.

އެޗްޕީއޭ އިން އެންމެ ފަހުން ބުނި ގޮތުގައި ސްވައިން ފްލޫ ނުވަތަ އެޗް1އެން1 ފެތުރެމުން ދާއިރު، ބައްޔަށް ޝައްކުކުރެވިގެން މިހާތަނަށް ޖުމުލަ 343 މީހަކު ޓެސްޓް ކޮށް، 108 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. މި ހިސާބުތަކަށް ބަލާއިރު އެޗް1އެން1 އަށް މިދިޔަ އެއް ދުވަހުގެ ތެރޭގައި ޕޮޒިޓިވް ވީ އެންމެ ތިން މީހެކެވެ.