Roadha Mihaaru
ހޯނޑެއްދޫން 15 ވަރަކަށް ކިލޯގެ ޑްރަގު ފެނިއްޖެ

ހޯނޑެއްދޫން މިހާތަނަށް 15 ވަރަކަށް ކިލޯގެ ޑްރަގު ފެނިއްޖެ

28 އޮކްޓޯބަރ 2022

ގދ. ހޯނޑެއްދޫގައި ފުލުހުން މިހާރު ކުރިއަށް ގެންދާ ޑްރަގް އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް 15 ވަރަކަށް ކިލޯގެ ޑްރަގު ފެނިއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ގދ. ހޯނޑެއްދޫގައި ފުލުހުން މިހާރު ކުރިއަށް ގެންދާ ޑްރަގް އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް 15 ވަރަކަށް ކިލޯގެ ޑްރަގު ފެނިއްޖެ އެވެ.

ފުލުހުން މިއަދު ހެނދުނު ބުނެފައިވާ ގޮތުގައި ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް އަދި ސައުތު ޕޮލިސް ގުޅިގެން ކުރިއަށް ގެންދާ ޑްރަގް އޮޕަރޭޝަނެއްގައި ހޯނޑެއްދޫ ވަލު ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަޅުލާފައި ހުއްޓާ ވަނީ ހޯދައިފަ އެވެ.

އެތަނުން ފެނިފައި ވަނީ ކިހާ އަދަދެއްގެ ޑްރަގްކަމެއް ފުލުހުން ހާމަނުކުރިޔަސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި މިހާތަނަށް 15 ވަރަކަށް ކިލޯގެ މަސްތުވާތަކެތި އެ ރަށުން ފެނިފައިވެ އެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް އިންޓެލިޖެންސަށް ލިބުމާ ގުޅިގެން ހިންގަމުންދާ އެ އޮޕަރޭޝަނުގައި ހޯނޑެއްދޫގެ އެކި ތަންތަން ބަލައިފާސްކުރާނެކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެ އެވެ.

އެކަމަކު މިހާތަނަށް ފެނުނު ޑްރަގަކީ އެރަށުގެ ވަޅު ތެރެއިން އެކަނި ފެނުނު ޑްރަގްގެ އަދަދު ކަމެއް ސާފެއް ނުވެ އެވެ. ރަށުގެ އެކި ތަންތަން ބަލައި ފާސްކުރަމުންދަނީ އެކި ތަންތަނުގައި ޑްރަގް ފޮރުވާފައިވާކަމުގެ މައުލޫމާތު ލިބިގެން ކަމަށްވެ އެވެ.

ނަމަވެސް ޑްރަގުގެ ބޮޑު އޮޕަރޭޝަނެއް މިވަގުތު ކުރިއަށްދާއިރު މިދިޔަ އަންގާރަ ދުވަހު އެރަށުން ވަނީ ޑްރަގް މައްސަލައަކާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފަ އެވެ.

އޭގެ ތެރެއިން އަބްދުﷲ ރަޝީދު 42، މަރުވި މައްސަލައާ ގުޅިގެން ފުލުހުންނަށް ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް ޕޮލިސް ކޮމިޝަނަރު ވިދާޅުވީ އޭނާއަކީ ރާއްޖެއަށް ޑްރަގް އެތެރެކުރި މައްސަަލައަކާ ގުޅިގެން ހައްޔަރުކުރި މީހެއް ކަމަށާއި ހައްޔަރުގައި ހުއްޓާ އޭނާ މަރުވުމަކީ ވަރަށް ބޮޑަށް ހިތާމަކުރާ ކަމެއް ކަމަށެވެ.

އެ މައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ތަހުގީގުކުރަމުން އަންނައިރު އިންސާފުވެރިކަމާ އެކު މައްސަލަ ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިރުޝާދު ދެއްވާފައިވާ ކަމަށް ސަރުކާރުން މިއަދު ބުންޏެވެ. އަދި އެކަން ހިނގަމުންދާ ގޮތް ރައީސް ގާތުން ބައްލަވަމުން އެބަ ގެންދަވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.