Roadha Mihaaru
އާސެނަލް އެއްވަނައަށްއެރި މެޗުގައި ސަކާއަށް އަނިޔާވެއްޖެ

އާސެނަލް އަލުން އެއް ވަނައަށް އެރި މެޗުގައި ސަކާއަށް އަނިޔާ ވެއްޖެ

31 އޮކްޓޯބަރ 2022

ލަންޑަން (އޮކްޓޫބަރު 31) - އާސެނަލް އިން އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓާ ވާދަކޮށް 5-0 އިން މޮޅުވެ، އަލުން ޕްރިމިއާ ލީގު ތާވަލްގެ އެއް ވަނައަށް އެރި މެޗުގައި އެޓީމުގެ އިނގިރޭސި ވިންގާ ބުކަޔޯ ސަކާ އަށް އަނިޔާ ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (އޮކްޓޫބަރު 31) - އާސެނަލް އިން އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓާ ވާދަކޮށް 5-0 އިން މޮޅުވެ، އަލުން ޕްރިމިއާ ލީގު ތާވަލްގެ އެއް ވަނައަށް އެރި މެޗުގައި އެޓީމުގެ އިނގިރޭސި ވިންގާ ބުކަޔޯ ސަކާ އަށް އަނިޔާ ވެއްޖެ އެވެ.

އިނގިރޭސި އެފްއޭ އިން ފާއިތުވެ ދިޔަ ސީޒަންގައި ހޮވި އެގައުމުގެ އެންމެ މޮޅު ފިރިހެން ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދި ސަކާ، 21، ވަނީ، މެޗުގެ ފަސް ވަނަ މިނިޓުގައި ގެބްރިއެލް މާޓިނެއްލީ އަށް އާސެނަލް އަށް ލީޑު ނަގައިދޭން އެހީ ވެފަ އެވެ. ނަމަވެސް ނޮޓިންހަމް ފޮރެސްޓްގެ ފުލްބެކް ރެނާން ލޯޑީ ގެ ނުރައްކާތެރި ފައުލެއްގެ ސަބަބުން އަނިޔާވެގެން މެޗުގެ 27 ވަނަ މިނިޓުގައި ސަކާ ބަދަލު ކުރަން ޖެހުނެވެ.

ސަކާ ބަދަލު ކުރުމުގެ ކުރިން އޭނާ އަށްދެ ފަހަރު ދަނޑުމަތީގައި ފަރުވާ ދޭން ޖެހުނެވެ.

މި ސީޒަންގައި ސަކާ ވަނީ ޕްރިމިއާ ލީގުގައި އޭނާ އާސެނަލް އަށް މިހާތަނަށް ކުޅެދިން 12 މެޗުގައި، ހަތަރު ގޯލު ޖަހައި، ފަސް ގޯލު ޖަހަން އެހީތެރި ވެފަ އެވެ.

އޭނާ އަކީ ގެރެތު ސައުތުގޭޓްގެ އިންގްލެންޑް ޓީމަށް މި އަހަރުގެ ވޯލްޑް ކަޕް ގައި މުހިއްމު ކުޅުންތެރިއެކެވެ. ނަމަވެސް އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުނީ އަނިޔާ އެހާ ސީރިއަސް ކަމަށް ނުހެންނަ ކަމަށާއި، ވޯލްޑް ކަޕްގައި ސަކާ ފެންނާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.

"އުންމީދުކުރަނީ (ވޯލްޑް ކަޕް) ނުގެއްލޭނެ ކަމަށް. އެއީ ވަރަށް ގޯސް ކިކެއް (ފައުލެއް). ފެށުނީއްސުރެން (ސަކާ) ދިޔައީ ކޮރު ޖަހަމުން، އެއަށް ވުރެ އިތުރަކަށް ނުފެނޭ،" އިންގްލެންޑަށް 20 މެޗު ކުޅެދީފައިވާ ސަކާ އަށް ލިބުނު އަނިޔާއާ ގުޅޭގޮތުން އާސެނަލްގެ ކޯޗު އާޓެޓާ ބުންޏެވެ.

"ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި އޭނާގެ ހާލު ބަލާލަމާ. ދެތިން ފަހަރަކު އޭނާއަށް ފައުލް ކުރި، އެހެންވެ އޭނާ އެހާ ހިތްހަމަޖެހިފައެއް ނޫން ހުރީ."

އިންގްލެންޑުން ވޯލްޑް ކަޕް ގައި ކުޅޭ ފުރަތަމަ މެޗު އޮތީ ނޮވެމްބަރު 21 ވަނަ ދުވަހު އިރާނާ ދެކޮޅަށެވެ.

އާސެނަލް އިން ލީޑު ފުޅާ ކުރީ ދެ ވަނަ ހާފުގަ އެވެ. ސަކާ ގެ ބަދަލުގައި ކުޅެން އެރި ރީސް ނެލްސެން ވަނީ މެޗުގެ 49 ވަނަ މިނިޓާއި 52 ވަނަ މިނިޓުގައި އާސެނަލް އަށް ތިން ގޯލުގެ ލީޑެއް ހޯދައިދީފަ އެވެ. އެޓީމުގެ ހަތަރު ވަނަ ލަނޑު ތޯމަސް ޕާޓޭ ކާމިޔާބު ކޮށްދިން އިރު، ފަސް ވަނަ ލަނޑު 78 ވަނަ މިނިޓުގައި ޖަހައިދިނީ ކެޕްޓަން މާޓިން އޮޑެގާޑެވެ.

މި ނަތީޖާއާ އެކު އާސެނަލް އަލުން އެއްވަނައަށް އެރީ 12 މެޗުން 31 ޕޮއިންޓް ހަމަކޮށްގެންނެވެ. އަދި 29 ޕޮއިންޓް ހޯދާފައިވާ މެންޗެސްޓާ ސިޓީ ވަނީ ދެ ވަނައަށް ވެއްޓިފަ އެވެ.