Roadha Mihaaru

ސަންޑަލޭންޑުން ދިނީ ބަނޑުގައި ރިއްސާލިފަދަ ވޭނެއް: އާޓެޓާ

ސަންޑަލޭންޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅު ނުވެވުމުން ބަނޑުގައި ރިއްސާލި ފަދަ ވޭނެއް އިހްސާސް ކުރެވުނުކަމަށް އާސެނަލްގެ ކޯޗު މިކަލް އާޓެޓާ ބުނެފި އެވެ.

ސަންޑަލޭންޑުން ދިނީ ރިހުމެއްގެ ވޭން: އާޓެޓާ
ހުސެއިން ހަބީބް
ހުސެއިން ހަބީބް

09 ނޮވެމްބަރ 2025

ސަންޑަލޭންޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅު ނުވެވުމުން ބަނޑުގައި ރިއްސާލި ފަދަ ވޭނެއް އިހްސާސް ކުރެވުނުކަމަށް އާސެނަލްގެ ކޯޗު މިކަލް އާޓެޓާ ބުނެފި އެވެ.

ހޮނިހިރު ދުވަހު ކުޅުނު މެޗުން އާސެނަލް 2-1 ން މޮޅުވާން ދަނިކޮށް ސަންޑަލޭންޑްގެ ބްރަޔަން ބްރޯބީ ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓްގަ އެވެ.

މެޗުގައި ފުރަތަމަ ލީޑް ނެގީ އަމިއްލަ ދަނޑުގައި ކުޅުނު ސަންޑަލޭންޑުންނެވެ. އާސެނަލްގެ އެކަޑަމީގެ ކުރީގެ ކުޅުންތެރިޔާ ޑެނީ ބްލާޑް ސަންޑަލޭންޑަށް ލީޑް ނަގައި ދިނީ 36 ވަނަ މިނެޓްގަ އެވެ.

އެ ލަނޑަކީ ނުވަ މެޗަށް ފަހު އާސެނަލް ކޮޅަށް ވަން ފުރަތަމަ ލަނޑެވެ. ސެޕްޓެމްބަރު 28 ފެށިގެން އެ ޓީމު ކޮޅަށް ލަނޑެއް ނުވަދެ އިއްޔެއާ ހަމައަށް ހިފެހެއްޓި އެވެ. މެޗުގެ ވަގުތުން ބަލާނަމަ 881 މިނެޓް ވަންދެން ބައިކޮޅަށް ލަނޑެއް ވަނަ ނުދީ އާސެނަލުން ހިފެހެއްޓި އެވެ.

ދެވަނަ ހާފުގައި އާސެނަލް އަށް ނަތީޖާ ހަމަހަމަކޮށްދިނީ ބުކަޔޯ ސަކާ އެވެ. އަދި 74 ވަނަ މިނެޓްގައި ލިއަންޑްރޯ ޓްރަސޯޑް އާސެނަލް ލީޑް ނަގައި ދިނެވެ.

އެކަމަކު މެޗު ނިމުނީ 2-2 ން ހަމަހަމަ ވެގެންނެވެ.

އާޓެޓާ ބުނީ އޭނާއަކީ ބައިކޮޅަށް އެންމެ ލަނޑެއް ވެސް ވަންނަން ބޭނުންވާ މީހެއް ނޫން ކަމަށެވެ.

"އަހަރެންގެ ބަނޑުގައި ރިއްސާލިހެން ހީވި،" ބައިކޮޅަށް ލަނޑު ވަނުމުން އޭނާ އަށް ކުރެވުނު އިހްސާސް އާޓެޓާ ކިޔައި ދިނެވެ.

"އަހަރެން ބޭނުމެއް ނޫން ބައިކޮޅަށް އެންމެ ލަނޑެއް ވެސް ވަންނާކަށް. އެ ލަނޑު ވަނުމުން މެޗު އުނދަގޫ ހާލަތަކަށް ވެގެންދިޔައީ."