Roadha Mihaaru
ފޯމު ބަދަލުކޮށްގެން ގޯތި ދިން މައްސަލަ އަލުން ބަލަނީ

ފޯމު ބަދަލުކޮށްގެން އެހެން މީހަކަށް ގޯތި ދިން ކަމަށް ބުނާ މައްސަލައެއް އަލުން ބަލަން އަންގައިފި

01 ނޮވެމްބަރ 2022

ގދ. ތިނަދޫން ގޯއްޗަށް އެދި މީހަކު ހުށަހެޅި ފޯމެއްގައި ޓިޕެކްސް ޖަހައިގެން ބަދަލު ގެނެސް، އެހެން މީހަކަށް އެ ގޯތި ދިން ކަމަށް ބުނާ މައްސަލައެއް އަލުން ބަލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގދ. ތިނަދޫން ގޯއްޗަށް އެދި މީހަކު ހުށަހެޅި ފޯމެއްގައި ޓިޕެކްސް ޖަހައިގެން ބަދަލު ގެނެސް، އެހެން މީހަކަށް އެ ގޯތި ދިން ކަމަށް ބުނާ މައްސަލައެއް އަލުން ބަލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ތިނަދޫން 2011 ވަނަ އަހަރު ގޯއްޗަށް ކުރިމަތިލާން އެރަށު އަންހެނަކު ހުށަހެޅި ފޯމެއްގައި ޓިޕެކްސް ބަދަލު ކުރުމަށް ފަހު، އެ ފޯމުގައި އޮތް ނަން އޭރުގެ ކައުންސިލް މެމްބަރަކު ބަދަލުކޮށް، އެހެން މީހަކަށް ގޯތި ދިން ކަމަށް ބުނެ ގޯތި ހޯދަން އަންހެން މީހާ ދައުވާ ކުރި އެވެ. އެ ރަށު ކޯޓުން ނިންމީ އޭނާއާ ދެކޮޅަށެވެ.

ފޯމުގެ ނަން ބަދަލު ކުރުމަށް ފަހު، ގޯތި ދިނީ ކައުންސިލްގެ އޭރު މެމްބަރެއްގެ އާއިލާ މީހަކަށް ކަމަށް ތުހުމަތު ކުރެ އެވެ. އެ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ކައުންސިލަރަށް ދައުވާކުރަން ޕީޖީއަށް އޭރު ފޮނުވި އެވެ. އެކަމަކު ޕީޖީން ނިންމާފައި އޮތީ ދައުވާ ނުކުރުމަށެވެ.

ގޯތި ހޯދަން އަންހެން މީހާ ތިނަދޫ ކައުންސިލާ ދެކޮޅަށް ހުށަހެޅި ނަމަވެސް ދަށު ކޯޓުން ނާކާމިޔާބުވި މައްސަލަ އޭނާގެ ފަރާތުން އިސްތިއުނާފު ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ މައްސަލަ އެ ރަށު ކޯޓުން ނިންމުމުގައި ބަލަންޖެހޭ ކަންކަމަށް އެކަށީގެންވާ މިންވަރަށް ބަލާފައި ނުވާ ކަމަށެވެ.

އޭސީސީގެ ތަހުގީގު ރިޕޯޓާއި އެ މައްސަލާގައި ފުލުހުން ހިންގި ތަހުގީގުގެ ނަތީޖާގެ އިތުރުން މިހާރު އެ ގޯތި ލިބިފައިވާ މީހާއަކީ ގޯއްޗަށް ޝަރުތު ހަމަވާ މީހެއްތޯ ނުވަތަ ނޫންތޯ ވެސް ދަށު ކޯޓުން ބަލަން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.

އެހެންވެ، އެކަންކަމާ މެދު އަލުން ގޮތެއް ކަނޑައަޅަން އެ މައްސަލަ އަލުން ބަލަން އެންގީ ހައި ކޯޓުން އެ މައްސަލަ ބެއްލެވި ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު ދީބާނާޒް ފަހުމީގެ އަޣުލަބިއްޔަތުންނެވެ. ރައުޔު ތަފާތުވި ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔަކީ ވެސް ދަށު ކޯޓުގެ ހުކުމް ގޯސް ކަމަށެވެ.

ފަނޑިޔާރު ޝަފީއުގެ ރައުޔަކީ އެއީ ގޯއްޗަށް ޝަރުތު ހަމަވާ މީހެއް ނަމަ، އެއް މަސް ތެރޭގައި އޭނާއަށް ގޯތި ދޭން ހައި ކޯޓުން އަމުރު ކުރުމަށެވެ. އަދި އޮޅުވާލައިގެން ކުރިން ގޯތި ލިބުނު ކަމަށް ބުނާ މީހާއަށް ގޯތި ލިބުނު ގޮތް ބަލަން ދަށު ކޯޓަށް ފޮނުވުމަށެވެ.