Roadha Mihaaru

ތިނަދޫގެ އާބާދީ ލިސްޓް އޮޅުވާލި ކަމަށް ބުނެ އީސީއަށް ޝަކުވާ

ގދ. ތިނަދޫ ސިޓީއަކަށް ހެދުމަށް އެ ރަށު ކައުންސިލުން ހަދާފައިވާ އާބާދީގެ ލިސްޓްގައި ބޮޑެތި އޮޅުވާލުންތަކާއި މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ބުނެ، އެ ލިސްޓަށް ބަލައިގެން ކަންކަން ކައުންސިލްގެ އިންތިހާބުގެ ކަންކަން ނުނިންމުމަށް އެދި އިލެކްޝަން ކޮމިޝަން (އީސީ) އަށް ޝަކުވާ ހުށަހަޅައިފި އެވެ.

ތިނަދޫގެ އާބާދީ އޮޅުވާލި ކަމަށް ބުނެ އީސީއަށް ޝަކުވާ
ނާޒިމް ހަސަން
ނާޒިމް ހަސަން

11 ޑިސެމްބަރ 2025

ގދ. ތިނަދޫ ސިޓީއަކަށް ހެދުމަށް އެ ރަށު ކައުންސިލުން ހަދާފައިވާ އާބާދީގެ ލިސްޓްގައި ބޮޑެތި އޮޅުވާލުންތަކާއި މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ބުނެ، އެ ލިސްޓަށް ބަލައިގެން ކަންކަން ކައުންސިލްގެ އިންތިހާބުގެ ކަންކަން ނުނިންމުމަށް އެދި އިލެކްޝަން ކޮމިޝަން (އީސީ) އަށް ޝަކުވާ ހުށަހަޅައިފި އެވެ.

އިލެކްޝަން ކޮމިޝަނުން ވަނީ ލޯކަލް ކައުންސިލް އިންތިހާބުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމުގެ ވަގުތީ ލިސްޓު އާއްމުކޮށް ޝަކުވާއަށް ހުޅުވާލައިފަ އެވެ. އެ ކޮމިޝަނުން ކަނޑައަޅާފައިވާ ގޮތުގައި ތިނަދޫ ސިޓީއަށް އިންތިހާބުކުރާނީ މޭޔަރު އަދި ހަ މެމްބަރުންނެވެ. އަދި އަންހެނުންނަށް ހާއްސަކުރީ ދެ ގޮނޑި އެވެ.

އެގޮތަށް ކަނޑައެޅީ ތިނަދޫ ކައުންސިލުން ފޮނުވާފައިވާ 10،150 މީހުންގެ އާބާދީ ލިސްޓަށް ބަލައިގެންނެވެ. އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުން 10،000 އާއި 30،000 އާ ދެމެދުގެ އާބާދީއެއް އޮންނަ ސިޓީއެއްގައި ސިޓީގެ ކައުންސިލްގައި ތިބޭނީ މޭޔަރާ އަދި ހަ ކައުންސިލަރުންނެވެ. ގާނޫނުގައިވާ ގޮތުން 10،000 ދަށުގެ އާބާދީއަކީ ސިޓީއެއް ކަމަކަށް ނުބަލަ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރިޔާސީ ކެމްޕެއިންގެ ތެރެއިން ސިޓީގެ ދަރަޖަ ދިން ތިނަދޫގެ އާބާދީ ކަމަށް ޑީއެންއާރްގެ ޑޭޓާބޭސްއިން ދައްކަނީ 8،194 އެކެވެ. އެހެންވެ، ސިޓީގެ ދަރަޖަ އުވާލަން އަމިއްލަ ފަރާތަކުން މީގެކުރިން ކޯޓަށް މައްސަލައެއް ވެސް ހުށަހެޅި އެވެ.

އިލެކްޝަން ކޮމިޝަނަށް އާންމު ފަރާތަކުން ހުށަހަޅާފައިވާ ސިޓީގައި ބުނެފައިވަނީ 2023 ވަނަ އަހަރު ތިނަދޫ ކައުންސިލުން އާބާދީގެ ލިސްޓް ހަދާފައިވަނީ މަކަރާއި ހީލަތުން އޮޅުވާލައިގެން ކަމަށެވެ. އެ ލިސްޓްގައި މަރުވެފައިވާ މީހުންނާއި ރަށްވެހިކަން އެހެން ރަށްރަށަށް ބަދަލުވެފައިވާ މީހުންނާއި ރަށުގެ ރަޖިސްޓްރީގައި ދުވަހަކު ނެތް އެހެން ރަށްރަށުގެ މީހުންނާއި އެކަކު ދެ ގެއެއްގައި ރަޖިސްޓްރީ ޖަހައިގެންނާއި ނަމާއި އައިޑީކާޑު ނަންބަރަށް ބަދަލު ގެނެސް ނަން ތަކުރާރުކޮށްފައިވާ އެތައް ބަޔަކު ހިމެނޭ ކަމަށް ސިޓީގައިވެ އެވެ.

"އަޅުގަނޑުގެ ނަމާއި އަޅުގަނޑުގެ މަންމަގެ ނަން އުތުރު ދާއިރާގެ ގެއެއްގެ ނަމުގައި އާއި ދެކުނު ދާއިރާގެ ގެއެއްގެ ނަމުގައި ހިމަނާފައިވެ އެވެ. މަކަރާއި ހީލަތުން އާބާދީ އޮޅުވާލައި ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިން މައްސަލަ ފުލުހުން މިހާރު ވެސް ތަހުގީގު ކުރަމުންދާއިރު އެތައް ބަޔަކު ވަނީ ތިނަދޫގެ އާބާދީ އޮޅުވާލާފައިވާ ކަމަށް ބަޔާން ދީފަ އެވެ." ސިޓީގައި ބުންޏެވެ.

އެހެންކަމުން، ސިޓީގައިވާ ގޮތުން އިދާރީ ދާއިރާތައް ކަނޑައެޅުމުގައި ކޮމިޝަނުން ބަލާފައިވާ އާބާދީއަކީ ތިނަދޫގެ ރަޖިސްޓްރީގައި ނުވާ 2،200 އެއްހާ މީހުން ހިމަނައިގެން ކަނޑައަޅާފައިވާ އާބާދީއަކަށް ވާތީ ދާއިރާތައް ކަނޑައެޅި އާބާދީގެ އަދަދު އެއްގޮތަކަށް ވެސް ސައްހައެއް ނުވާނެ އެވެ.

އެ ލިސްޓާ އެއްގޮތަށް ވޯޓުލާން ޖެހިއްޖެނަމަ، އެކަކު ދެ ދާއިރާއަށް ވޯޓުލާން ޖެހުމާއި މަރުވެފައި ތިބި މީހުން ވެސް "ކަށްވަޅުން ތެދުވެ، ވޯޓުލާން ޖެހި" އަދި "އިންސާނުންގެ ސޫރައިގެ ލޮލަށް ނުފެންނަ އެތައް ބަޔަކު ވޯޓުލާން ޖެހިދާނެ" ކަމުގެ ބިރުވެރި އަދި ނުރައްކާތެރިކަން އެބައޮތް ކަމަށް އެ ސިޓީގައިވެ އެވެ.

ސިޓީގައި ބުނީ ކައުންސިލްތަކުން ފޮނުވާ އާބާދީ ލިސްޓަަށް ބަލައިގެން ޑީއެންއާރްއިން އެ ލިސްޓް ވެރިފައިނުކޮށް ކައުންސިލަރުންގެ އަދަދާއި ސިޓީތަކުގެ ކައުންސިލަރުންގެ ދާއިރާތައް ކަނޑައެޅުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ.

"ކޮމިޝަނުން ހަމަޖައްސާފައި އޮންނާނީ ކައުންސިލަރުންގެ އަދަދު ކަނޑައެޅުމާއި ކައުންސިލަރުންގެ ދާއިރާ ކަނޑައަޅަނީ ކައުންސިލަރުން ފޮނުވާ ލިސްޓަށް ބަލައިގެން ކަމަށްވާއިރު ވޯޓުލާން ޖެހެނީ ޑީއެންއާރްގެ ލިސްޓަށެވެ. އެހެންކަމުން ކައުންސިލްގެ ލިސްޓްގައި ހިމެނޭ ވޯޓުލެވޭ އުމުރުގެ އެތައް ބަޔަލު ވޯޓުލާއިރު ނެތުމަކީ ހަމައެއް ލަމައެއް ނެތް ވަރަށް ދޯހަޅިކޮށް ކުރައްވާ ޒިންމާދާރުކަން ކުޑަ ޑިމޮކްރަސީއާ ވެސް ހިލާފު ކަމެކެވެ." ސިޓީގައި ބުންޏެވެ.

އެހެންވެ، ސިޓީގައި އެދިފައިވަނީ ޑީއެންއާރްގެ ލިސްޓަށް ބަލައިގެން އިދާރީ ދާއިރާތައް ކަނޑައަޅައިދިނުމަށް އެދިފަ އެވެ.

ތިނަދޫ ފިޔަވައި ދެން އޮން މާލެ އާއި ކުޅުދުއްފުށީގެ އިތުރުން ޏ. ފުވައްމުލަކު އަދި އައްޑޫ ސިޓީގައި ވެސް އާބާދީ 10،000 އަށްވުރެ މައްޗެވެ. އަންނަ އަހަރުގެ އޭޕްރީލް މަހު ބާއްވާ ކައުންސިލް އިންތިހާބުގެ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ފަށައިފަ އެވެ.