Roadha Mihaaru
16 އަހަރު ކުރީގެ މަރު އަނެއްކާވެސް އަލުން ބަލަނީ

16 އަހަރު ކުރީގެ މަރު: މައްސަލަ އަލުން ބަލަން އަނެއްކާވެސް އަންގައިފި

02 ނޮވެމްބަރ 2022

މީގެ 16 އަހަރު ކުރިން ގއ. މާމެންދޫގައި މީހަކު މަރާލި މައްސަލަ ދަށު ކޯޓުން ދެވަނަ ފަހަރަށް ނިންމުމުން އަނެއްކާވެސް އެ މައްސަލަ ދަށު ކޯޓުން އަލުން ބެލުމަށް ހައި ކޯޓުން މިއަދު އަންގައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މީގެ 16 އަހަރު ކުރިން ގއ. މާމެންދޫގައި މީހަކު މަރާލި މައްސަލަ ދަށު ކޯޓުން ދެވަނަ ފަހަރަށް ނިންމުމުން އަނެއްކާވެސް އެ މައްސަލަ ދަށު ކޯޓުން އަލުން ބެލުމަށް ހައި ކޯޓުން މިއަދު އަންގައިފި އެވެ.

މާމެންދޫގައި 2006 ވަނަ އަހަރު ގްރޫޕަކުން ގޮސް ލަކުޑި ބުރިން ހަމަލާދީ ގއ. ވިލިނގިލީ ކަނޑުއޮޅި މުހައްމަދު ޝިހާބް މަރާލި މައްސަލާގައި 2008 ވަނަ އަހަރު އޭރުގެ ޖިނާއީ ކޯޓުން މަރަން ހުކުމްކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހެއްގެ ބައި އަލުން ބަލަން 2019 ވަނަ އަހަރު ހައި ކޯޓުން އެންގި އެވެ.

ހައި ކޯޓުން އޭރު އަންގާފައި އޮތީ މާމެންދޫ ޕިންކްލައިޓް މުހައްމަދު ޝިފްރާޒާއި އެރަށު މާސް، އަލީ މަސްއޫދު ސައީދުގެ ބައި އަލުން ބެލުމަށެވެ. ކްރިމިނަލް ކޯޓުން އަލުން މައްސަލަ ބެލުމަށްފަހު 2019 ވަނަ އަހަރު ނިންމީ އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

މި ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ކްރިމިނަލް ކޯޓުން މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް ނިންމީ މައުޟޫއީ ގޮތުން މައްސަލަ ބެލުމެއް ނެތި، ޝަރީއަތުގެ ކުރީގެ މަރުހަލާގައި ކަމަށެވެ.

ހައި ކޯޓުގެ ހުކުމުގައިވާ ގޮތުން، މުޅި މައްސަލަ އަލުން ބަލަން އަންގާފައި ވަނިކޮށް ދަށު ކޯޓުން ޝަރީއަތުގެ ކުރީގެ މަރުހަލާގައި މައްސަލަ ބޭރުކޮށްލުމަކީ އެ މައްސަލަ އަލުން ބެލުން ކަމަށް ނުބެލެވޭނެ އެވެ. އަދި އެއީ ހައި ކޯޓުގެ ނިންމުމެއް ބޮލާލައި ޖެހުން ކަމަށް ހުކުމުގައިވެ އެވެ.

އެ މައްސަލަ ހައި ކޯޓުން ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައި ނިންމެވީ ކްރިމިނަލް ކޯޓުން އަނެއްކާވެސް އެ މައްސަލަ އަލުން ބެލުމަށް އެ ކޯޓަށް ފޮނުވުމަށެވެ.

ދެވަނަ ފަހަރަށް މި ފޮނުވަނީ އިސްތިސްނާއީ ގޮތަކަށް

ކޯޓުތަކުގެ ގާނޫނު އޮންނަ ގޮތުން އަލުން ބަލަން އަންގާ މައްސަލައެއް ދަށު ކޯޓުން ނިންމާއިރު ހައި ކޯޓުގެ ނިންމުމާ އެއްގޮތަށް އަމަލު ނުކޮށްފިނަމަ، ދެވަނަ ފަހަރަށް އެ މައްސަލަ އަލުން ބެލުމަށްދަށު ކޯޓަށް ފޮނުވައިގެން ނުވާނެ އެވެ.

އެކަމަކު ގާނޫނުގެ އެ މާއްދާ މާނަކުރުމަށްފަހު ހައި ކޯޓުން ނިންމީ އަލުން ބަލަން އަންގާފައި ވަނިކޮށް ޝަރީއަތުގެ ކުރީގެ މަރުހަލާގައި މައްސަލަ ބޭރުކޮށްލައިފިނަމަ، ދެވަނަ ފަހަރަށް ވެސް ދަށު ކޯޓަށް މައްސަލަ ފޮނުވިދާނެ ކަމަށެވެ. އެހެން ނޫންނަމަ، ދަށު ކޯޓުގެ ފަނޑިޔާރުން ޒިންމާއިން ރެކިގަނެ، ހައި ކޯޓަކީ މައްސަލަ ބަލާ ކޯޓަކަށް ވެގެން ހިނގައިދާނެ ކަމަށް ހުކުމުގައިވެ އެވެ.

"މި އިސްތިސްނާއީ ހާލަތުގައި މައްސަލަ މައުޟޫއީ ގޮތުން ބެލުމަށްޓަކައި ދަށު ކޯޓަށް ދެވަނަ ފަހަރަށް ތަހުވީލު ކުރެވިދާނެ." ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒާއި އިސް ފަނޑިޔާރު ހާތިފް ހިލްމީގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.

ޝިހާބްގެ މަރާ ގުޅިގެން މަރަން ހުކުމްކުރި ދެން ތިބި ދެ މީހުންގެ ބައި 2014 ވަނަ އަހަރު ހައި ކޯޓުން ބާތިލްކުރި އެވެ. އެ ދެ މީހުންގެ މައްސަލަ އަލުން ބަލާކަށް ނާންގަ އެވެ.