Roadha Mihaaru
ހުޅިދޫގެ މައްސަލައިން ފެލިދޫ ބަރީއަވެއްޖެ

ހުޅިދޫގެ މައްސަލާގައި ރިސޯޓުތަކުން ބިރު ދައްކާ ކަމުގެ ތުހުމަތު؛ ފެލިދޫ އެ މައްސަލައިން ބަރީއަވެއްޖެ

07 ނޮވެމްބަރ 2022

ދަނޑުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ވ. ހުޅިދޫގެ މައްސަލާގައި އެ އަތޮޅުގެ ރިސޯޓުތަކުން ބައެއް ރަށްރަށަށް ބިރުދައްކާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ދަނޑުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ވ. ހުޅިދޫގެ މައްސަލާގައި އެ އަތޮޅުގެ ރިސޯޓުތަކުން ބައެއް ރަށްރަށަށް ބިރުދައްކާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ހުޅިދޫގައި އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދާތީ އެ ރަށް އަނބުރާ ހޯދުމަށް ވ. އަތޮޅު ކައުންސިލުން އިސްނަގައިގެން، އެ އަތޮޅުގެ ގިނަ ބަޔަކު ބައިވެރިވެ މިދިޔަ މަހު ބޮޑު މުޒާހަރާއެއް ވެސް ކުރި އެވެ. އެ މުޒާހަރާ އަށް ފަހު، ވ. އަތޮޅުގައި ހިންގާ ބައެއް ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ގެސްޓުން ނުފޮނުވައި، ބިރު ދައްކަމުންދާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

އެ އަތޮޅުގައި ހިންގާ ނަކާއި އަލިމަތާ ރިސޯޓުގެ މެނޭޖުމަންޓަށް، ވ. އަތޮޅުގައި ވެރިކަން ކުރާ ރަށް ކަމަށްވާ ފެލިދޫ ކައުންސިލުން ފޮނުވި ސިޓީއެއްގައި ވަނީ ހުޅިދޫ ހޯދަން ކުރި މުޒާހަރާ ކުށްވެރިކޮށްފަ އެވެ. އަދި އެ މުޒާހަރާގައި އެ ރަށުގެ އެއްވެސް ބައިވެރިވުމެެއް ނޯންނާނެ ކަމަށް ބުނެފައިވެ އެވެ.

ވ. ހުޅިދޫގައި މުޒާހަރާ ކުރާތީ ފުލުހުން ގޮސް މައްސަލަ ހައްލުކުރަން އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއުއާ ވާހަކަދައްކަނީ.

ވ. ހުޅިދޫގައި މުޒާހަރާ ކުރާތީ ފުލުހުން ގޮސް މައްސަލަ ހައްލުކުރަން އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއުއާ ވާހަކަދައްކަނީ.

އެ ސިޓީގައި ބުނީ ވ. އަތޮޅުގެ ރައްޔިތުންގެ ނަމުގައި އެ އަތޮޅުގައި ގެސްޓް ހައުސް ހިންގާ ބަޔަކު ނުކުމެ ހުޅިދޫ ހޯދުމުގެ ނަމުގައި އެ ރަށަށް އަރައި ކުރި މުޒާހަރާތަކުގައި ފެލިދޫގެ މީހުން ބައިވެރިނުވާ ކަމަށެވެ. ހުޅިދު އަށް އަރައި ކުރި މުޒާހަރާ އަކީ ވަރަށް ނާތަހުޒީބު، ދަށު ދަރަޖައިގެ އަމަލެއް ކަމަށް އެ ކައުންސިލާއި އެ ރަށުގެ ރައްޔިތުން ގަބޫލުކުރާ ކަމަށް ވެސް އެ ސިޓީގައި ބުނެފައި އޮތެވެ.

"ފެލިދޫ ކައުންސިލްގެ ސިޔާސަތަކީ އަތޮޅުގައި ހުރި ވިޔަފާރިތަކަށާއި ރަށުގެ އަދި އަތޮޅުގެ އެންމެހާ ރައްޔިތުންނަށް ރައްކާތެރިކަމާއި އަމާންކަން ކަށަވަރުކޮށްދިނުމެވެ،" އެ ސިޓީގައި ވެ އެވެ.

ނަމަވެސް، ވ. އަތޮޅު ކައުންސިލުން ކުރިން ބުނެފައިވާ ގޮތުގައި، އާރަށް އިންވެސްޓަމަންޓަށް 2017 ވަނަ އަހަރު ކުއްޔަށް ދޫކޮށްފައިވާ ހުޅިދޫގެ މައްސަލާގައި ކުރި މުޒާހަރާ އަކީ އެ އަތޮޅުގެ ފަސް ރަށުގެ ކައުންސިލާއި ރައްޔިތުންގެ އެއްބާރުލުމާ އެކު ބޭއްވި ހަރަކާތެކެވެ.

ހުޅިދޫ މައްސަލާގައި އިސްކޮށް އުޅުއްވާ ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝިފާގް ހުސެއިން މިއަދު "މިހާރު" އަށް ވިދާޅުވީ، އެ މައްސަލައިން ފެލިދޫ ބަރީއަވީ ރިސޯޓުތަކުން ބިރުދައްކާތީ ކަމަށެވެ. ފެލިދޫގައި ގިނަ އަދަދެއްގެ ސުވެނިއާ ޝޮޕްތައް ހުންނަ ކަމަށާއި ހުޅިދޫ މައްސަލަގާއި އެ ރަށުން ބައިވެރިވާތީ، ރިސޯޓުތަކުން ވިޔަފާރިކުރަން އެ ރަށަށް ގެސްޓުން މިހާރު ނުފޮނުވާ ކަމަށެވެ.

ފުރަތަމަ ދުވަހުން ފަށައިގެން ވެސް ފެލިދޫގެ ބައިވެރިވުން، އަތޮޅުގެ އެހެން ހުރިހާ ރަށެއްގެ ވެސް ބައިވެރިވުން އޮވެގެން މި ހަރަކާތް ފެށީ. ފެލިދޫ ކައުންސިލުގެ ސިޓީގައި އެ އޮތީ ކަނޑައެޅިގެން ދޮގެއް: ޝިފާގް، ތިނަދޫ ކައުންސިލުގެ ރައީސް

"ފުރަތަމަ ދުވަހުން ފަށައިގެން ވެސް ފެލިދޫގެ ބައިވެރިވުން، އަތޮޅުގެ އެހެން ހުރިހާ ރަށެއްގެ ވެސް ބައިވެރިވުން އޮވެގެން މި ހަރަކާތް ފެށީ. ފެލިދޫ ކައުންސިލުގެ ސިޓީގައި އެ އޮތީ ކަނޑައެޅިގެން ދޮގެއް،" އޭނާ ވިދާޅުވި އެވެ.

ޝިފާގް ވިދާޅުވި ގޮތުގައި، ވ. އަތޮޅުގައި ހިންގާ ރިސޯޓުތަކާއި ގެސްޓްހައުސްތަކުގެ މެދުގައި ވާދަވެރިކަން ވެސް ވަރަށް ބޮޑެވެ. އެ ވާދަވެރިކަން އުފެދިފައި ވަނީ ރިސޯޓުތަކުން ރަށްރަށަށް ގެސްޓުން ފޮނުވުމުން، ދެވަނަ ފަހަރަށް އެ މީހުން ރާއްޖެ އަންނައިރު، ރިސޯޓަށް ދިއުމުގެ ބަދަލުގައި އެ ރަށްތައް ހިޔާރުކުރާތީ ކަމަށެވެ. އެއީ ރިސޯޓުތަކަށް ވުރެ އަގުހެޔޮކޮށް، ގާތްގަނޑަކަށް ހަމަ އެއް ހިދުމަތެއް ރަށްރަށުން މިހާރު ލިބޭތީ އެވެ.

ވ. ހުޅިދޫ މައްސަލާގައި ވ. އަތޮޅުގެ ރައްޔިތުން ނުރުހުން ފާޅުކުރަނީ -- ފޮޓޯ: ވ. ތިނަދޫ ކައުންސިލް

ވ. ހުޅިދޫ މައްސަލާގައި ވ. އަތޮޅުގެ ރައްޔިތުން ނުރުހުން ފާޅުކުރަނީ -- ފޮޓޯ: ވ. ތިނަދޫ ކައުންސިލް

އޭނާ ވިދާޅުވީ، މިދިޔަ އަހަރު އަލިމަތާ ރިސޯޓު ކައިރި އަށް ހުއްދަ ނެތި ކެޔޮދޫ ބަޔަކު ފީނި ކަމަށް ބުނެ، އެ ރަށަށް ގެސްޓުން ފޮނުވުން ވެސް ހުއްޓާލި ކަމަށެވެ. މީހުން ދިރިއުޅޭ ރަށްރަށަށް ގެސްޓުން ނުފޮނުވަން ރިސޯޓުތަކުން އެ ކަހަލަ ތަފާތު ބަހަނާތައް ދައްކަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއްވެސް އިރެއްގައި ބައިވެރިވުމެއް ނޯންނާނެ: ފެލިދޫ ކައުންސިލް

ފެލިދޫ ކައުންސިލްގެ ރައީސް އަހްމަދު ނަސްރުﷲ "މިހާރު" އަށް ވިދާޅުވީ ހުޅިދޫ މައްސަލާގައި ކުރި މުޒާހަރާގައި އެ ރަށުގެ ބައިވެރިވުމެއް ނެތްކަން ސިޓީއަކުން ދަންނަވަން ޖެހުނީ އެކަމުގައި އެ ރަށުގެ ބައިވެރިވުމެއް އެއްވެސް އިރަކު ނޯންނާނެތީ ކަމަށެވެ. އަތޮޅުގެ ރައްޔިތުން ދަތުރުދާނެ ފަޅުރަށެއް އޮތުމަކީ ފެލިދޫއިން ވެސް ވަރަށް ބޭނުންވާ ކަމެއް ކަމަށާއި އެކަމަކު އަތޮޅު ކައުންސިލުން ގަދަކަމުން ހުޅިދު އަށް އަރައި ކުރި މުޒާހަރާ ބަލައިނުގަނެވޭ ކަމަށް ވިދާޅުވި އެވެ.

ސަރުކާރުގެ އިދާރާތަކާ ވާހަކަދައްކައިގެން، ބަޔަކަށް ބިރުނުދައްކާ އޮންނަ އުސޫލުގެ ތެރެއިން އެކަން ކުރާ ނަމަ އަޅުގަނޑުމެން ދެންވެސް އެކަމަށް އެއްބާރުލުން ދޭނަން: ނަސްރުﷲ، ފެލިދޫ ކައުންސިލުގެ ރައީސް

"ހުޅިދު އަށް އެރުމަކީ އަޅުގަނޑު ތާއީދުކުރާ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

"ސަރުކާރުގެ އިދާރާތަކާ ވާހަކަދައްކައިގެން، ބަޔަކަށް ބިރުނުދައްކާ އޮންނަ އުސޫލުގެ ތެރެއިން އެކަން ކުރާ ނަމަ އަޅުގަނޑުމެން ދެންވެސް އެކަމަށް އެއްބާރުލުން ދޭނަން."

މުޒާހަރާކުރަން ހުޅިދު އަށް އެރީ ވ. އަތޮޅުގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރީކުރާ ބަޔަކު ނުފޫޒު ފޯރުވައިގެން، ވަކި ބައެއްގެ މަސްލަހަތު ހިފެހެއްޓުމުގެ ބޭނުމުގައި ކަމަށް ނަސްރުﷲ ތުހުމަތުކުރެއްވި އެވެ.

ވ. ހުޅިދޫ: އެ ރަށް ރައްޔިތުންނަށް ނުދޭ މައްސަލާގައި ވ. އަތޮޅުގެ ރައްޔިތުން އެ ރަށް ކައިރިއަށް ދޯނިފަހަރުގައި ގޮސް ނުރުހުން ފާޅުކުރަނީ -- ފޮޓޯ: ވ. ތިނަދޫ ކައުންސިލް

ވ. ހުޅިދޫ: އެ ރަށް ރައްޔިތުންނަށް ނުދޭ މައްސަލާގައި ވ. އަތޮޅުގެ ރައްޔިތުން އެ ރަށް ކައިރިއަށް ދޯނިފަހަރުގައި ގޮސް ނުރުހުން ފާޅުކުރަނީ -- ފޮޓޯ: ވ. ތިނަދޫ ކައުންސިލް

ވ. އަތޮޅުގެ ރައްޔިތުން ދަތުރުދާނެ ފަޅުރަށެއް ހޯދުމުގެ މަސައްކަތުގައި އެ ކައުންސިލުން، އަތޮޅު ކައުންސިލަށް އެއްބާރުލުން ދޭ ކަމަށާއި އެކަމާ ގުޅޭގޮތުން ސަރުކާރުގެ އިދާރާތަކާ އެކު ބޭއްވި މަޝްވަރާތަކުގައި ވެސް ބައިވެރިވެފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަތޮޅު ކައުންސިލްގެ ރައީސް އިސްވެ ހުންނަވައިގެން ނުކުންނެވި ކަމުގައި ވިޔަސް، އަޅުގަނޑުމެން އަތޮޅު ކައުންސިލްގެ މެމްބަރުން މަޝްވަރާ ކުރެވިގެން ފަޅު ރަށެއް ހޯދުމުގެ ކަންތައްތައް އަންނަނީ ކުރަމުން. ހުޅިދޫގެ އަދި އަންބަރާގެ ކަންތައްތައް ވެސް އަންނަނީ ބަލަމުން. އެކަމަކު ކޮންމެ ކަމެއް ކުރަން ވެސް އޮންނާނެ ރިވެތި އުސޫލާއި ހަމަތަކެއް،" އޭނާ ވިދާޅުވި އެވެ.

"ހުޅިދު އަކީ އަލިމަތާ ތަންތަނުން ގެސްޓުން ގޮސް ހާފްޑޭ އަށް ނަމަވެސް، ޓޫޑޭ އަށް ނަމަވެސް ތިބޭ ރަށެއް. ތިބޭއިރުގައި އެ ބޭފުޅުންނަށް ފެންނަ ހިސާބަށް އެ ރަށަށް އަރައި ބޯޑު ހިފައިގެން މުޒާހަރާ ކުރީމާ ގެސްޓުންގެ ސޭފްޓީ އެންޑް ސެކިއުރިޓީ ކޮބައިތޯއޭ."

އަލިމަތާ ރިސޯޓަށް ސިޓީ ފޮނުވީ، އެ ރިސޯޓުން ފެލިދު އަށް ގެސްޓުން ނުފޮނުވާތީ ކަމަށް ބުނާ ވާހަކަ ނަސްރުﷲ ދޮގުކުރެއްވި އެވެ. އޭނާ ވިދާޅުވީ، އަބަދުވެސް އޮންނަ އުސޫލުން ހަފުތާއަކު އެއް ދުވަހު އެ ރިސޯޓުން އެ ރަށަށް ގެސްޓުން ފޮނުވާ ކަމަށެވެ. އެކަމަކު އެ ސިޓީ ފޮނުވަން ޖެހުނީ، އެ ރަށުގައި ސޮވެނިއާ ޝޮޕްތައް ހިންގައިން އާމްދަނީ ހޯދާ ވަރަށް ގިނަ މީހުން އުޅޭތީ، އެ ހަރަކާތުގެ ސަބަބުން އެ ވިޔަފާރި އަށް ނުރަނގަޅު އަސަރެއް ކޮށްފާނެތީ ރައްޔިތުންގެ ހައްގުގައި ކަމަށް އޭނާ ވިދާޅުވި އެެވެ.

އެ މުޒާހަރާގެ ފަހުން، ހުޅިދޫ މައްސަލާގައި ވ. އަތޮޅު ކައުންސިލާއި ސަރުކާރާ ދެމެދު މިދިޔަ މަހު މަޝްވާރަތަކެއް ވެސް ކުރި އެވެ. އެ މަޝްވަރާތައް ނިމުނީ ވަކި ކޮޅެއްގައި ނުޖެހި، ދެ ފަރާތުން ވެސް ދޫނުދީ އެވެ. އެކަމަކު، ތިމާވެށީގެ ހާލަތު ބަޔާންކުރާ ރިޕޯޓާ ހިލާފަށް ހުޅިދޫގައި ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭތީ، އެ ރަށަށް ލިބިފައިވާ ގެއްލުންތައް ބެލުމަށް އީޕީއޭއިން މިހާރު އަންނަނީ ސާވޭއެއް ހަދަމުންނެވެ.