ވ. އަތޮޅުގެ ބައެއް ރިސޯޓުތަކުން މޫދަށް ކުނި އަޅާ މައްސަލަ ތަހުގީގުކޮށްދިނުމަށް، އެ އަތޮޅު ކައުންސިލުން ޕޮލިހަށް ހުށަހަޅައިފި އެވެ.
10 އެޕްރީލް 2022
ވ. އަތޮޅުގެ ބައެއް ރިސޯޓުތަކުން މޫދަށް ކުނި އަޅާ މައްސަލަ ތަހުގީގުކޮށްދިނުމަށް، އެ އަތޮޅު ކައުންސިލުން ޕޮލިހަށް ހުށަހަޅައިފި އެވެ.
އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ މިއަދު "މިހާރު" އަށް ވިދާޅުވި އަލިމަތަ އަދި ދިއްގިރި ރިސޯޓުން މޫދަށް ފުޑް ވޭސްޓް އަޅާ މައްސަލަ ވަރަށް ބޮޑުވެފައިވާ ކަމަށެވެ. އެކަމުގެ އުނދަގޫތައް ކައިރި ރަށްތަކަށް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝުޖާއު ވަނީ އަލަމަތާ ރިސޯޓުގެ ދެކުނު ފަރަކަށް ދޯންޏެއްގައި މިއަދު ހެނދުނު ކުނި އުކާލާ ވީޑިއޯއެއް ވެސް ޓްވީޓުކުރައްވައިފަ އެވެ. އެ ވީޑިއޯއިން، ގިނަ އަދަދެއްގެ ކަރާ ތޮއްޓާއި މޭވާ އަދި އެކި ޒާތުގެ ކާ އެއްޗެހި އުކާލާ ތަން ފެނެ އެވެ.
އޭނާ ވިދާޅުވީ އެ މައްސަލަ ބަލައިދިނުމަށް ވ. އަތޮޅު ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެކަން ކަމާބެހޭ އިދާރާތަކަށް ރަސްމީކޮށް އަންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ 15 އަހަރުކުރިން އަމަލުކުރަން ފެށި ޓޫރިޒަމް މިނިސްޓްރީގެ ގަވައިދަކުން ވަނީ ރިސޯޓުތަކުން ބާކީވާ ކާއެއްޗިއްސާއި އަމިއްލައަށް ހަލާކުވެގެންދާނެ ތަކެތި މޫދަށް އެޅުމުގެ ހުއްދަ ދީފަ އެވެ. އެކަމަކު، ރިސޯޓުތަކުން މޫދަށް ކުނި އުކާލާ މައްސަލަ ބޮޑުވެފައި ވަނިކޮށް ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި އިސްލާހުގައި ވަނީ ކުރީގެ ގަވައިދަށް އިސްލާހެއް ގެނެސް، މޫދަށް ކުނި އެޅުން މަނާކޮށްފަ އެވެ.
Food waste moodhah elhun gaanoonun manaakameh. V.Alimatha adhi V.Dhiggiri resort in moodhah mihaaru ves kuni alhamun dhaathy mi massala balaa dhinun edhen @MoTmv @Mausoom_Maus @EPAMaldives @EnvironmentMv @anuahsa @presidencymv pic.twitter.com/cxtuuqHzrM
— Shuja VAAVU RAEES (@Shuj4uAli) April 10, 2022
އެ ގަވައިދުގެ 5.3.3 މާއްދާގައި ބުނަނީ ކައިރި ހިސާބެއްގައި ކުނި އުކާލާނެ ތަނެއް ނެތް ހާލަތުގައި ކަނޑަށް ކުނި އަޅަން ޖެހިއްޖެނަމަ އުކާލެވޭނީ ކާބޯތަކެތީގެ ބާކީ ބަޔާއި ބެހެއްޓުމުން އަމިއްލައަށް ހަލާކުވެގެންދާނެ ތަކެތި ކަމަށެވެ.
އެގޮތަށް އުކާލެވޭ އަމިއްލައަށް ނެތިގެންދާ ކުނި އުކާލަންޖެހޭނީ ވެސް އަތޮޅުން ބޭރަށް، ވަޔާއި އޮޔަށް ބަލައި ރަށްރަށަށް ނުލައްގާ ގޮތަށް ކަމަށް އެ ގަވައިދުގައިވެ އެވެ. ޝުޖާއު ވިދާޅުވި ގޮތުގައި މުޅި ވ. އަތޮޅު ބިނާވެފައިވަނީ ޓޫރިޒަމަށެވެ. ރިސޯޓު ޓޫރިޒަމާއި ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނައިރު، މޫދަށް އުކާލާ ކުނީގެ އަސަރު އެ ހުރިހާ ފަރާތްތަކަށް ވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މޫދަށް ކުނި އަޅާފައި ކައިރި ފިނޮޅަށް އެބަ ދަތުރު ދޭ، ރިސޯޓުން ކުނި އެޅިއަސް ގެސްޓްހައުސް އިން އެޅިއަސް އޭގެ އުނދަގޫވާނެ،" ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މޫދަށް ކުނި އެޅުން ރަށްރަށުގައި ހުއްޓިފައިވާ ކަމަށެވެ. ނަމަވެސް ރިސޯޓުތަކުން އަދި ވެސް އެކަން ކުރަނީ އެންމެ ކުރީގެ ކޮންސެޕްޓަށް ކަމަށްވާތީ، އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.
"މި ގަވައިދުތައް އެންފޯސްވާ ތަނެއް ނުފެނޭ. އޭގެ ނަތީޖާއަކީ ރިސޯޓު ހިންގާ މީހުންނާ ގެސްޓްހައުސް ހިންގާ މީހުންގެ ކޯޅުމަކަށް ދިއުން،" ޝުޖާއު ވިދާޅުވި އެވެ.
އެ ގަވައިދުގެ އެއްވެސް މާއްދާއަކާ ހިލާފުވެއްޖެ ނަމަ، އެކަމުގެ ކުޑަބޮޑުމިނަށް ބަލައި ފުރަތަމަ ފަހަރަށް 1000-10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާނެ އެވެ. އެކަން ތަކުރާރު ކޮށްފިނަމަ 50،000-100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާއިރު، އެއްފަހަރަށް ވުރެ ގިނައިން އެކަމެއް ތަކުރާރު ކޮށްފިނަމަ ޓޫރިސްޓުން ބޭތިއްބުމަށް ދީފައިވާ ހުއްދަ ބާތިލްކުރުމުގެ ބާތލްކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެ އެވެ.
ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ ނުފެނޭ
އިމިގްރޭޝަނަށް ފިލަން 60 ބިދޭސީން މަޑުއްވަރީއަށް
ބޮޑުފިނޮޅުގައި ރިސޯޓް ހަދާތީ ކައުންސިލްގެ ކަންބޮޑުވުން
ގެނބުނު މީހަކު ސަލާމަތް ކުރަން ފޭބި މީހަކު މަރުވެއްޖެ
މޫދަށް ފޭބި މީހަކު ގެއްލިގެން ހޯދަނީ
ދިވެއްސަކު ގެނބެނިކޮށް ސަލާމަތްކުރީ ދެ ޓޫރިސްޓުން
މާލޭގެ މަގުތަކަށް ކުނި އެޅި ބިދޭސީއަކު ޑީޕޯޓްކޮށްލަނީ
މަގަށް ކުނި އެޅި މީހަކު ހޯދައި ޖޫރިމަނާކޮށްފި
ފޮއްތެޔޮ ފަޅު ކުއްޔަށް ދިނުން ކޯޓުން ނުހުއްޓުވި
ރިސޯޓެއްގެ ޕޫލްގައި ކުއްޖަކު މަރުވެފައިއޮއްވައި ފެނިއްޖެ